30 ސެޕްޓެމްބަރ 2016 - 12:35

ބަޣުދާދު (ސެޕްޓެމްބަރު 29) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި މިހާރު އޮތް މޮސޫލްގައި އިރާގުގެ ދިދަ ނެގި ބަޔަކު ހޯދާ އޭގެ ތެރޭން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
މޮސޫލްގެ އިރުމަތީގެ މުތަންނާގެ ބްރިޖެއްގައި އިރާގުގެ ދިދަ ވަނީ އަންގާރަ ދުވަހުގެ ރޭ ނަގައިފަ އެވެ. އަދި އައިއެސްއާ ދެކޮޅު ކުރެހުންތައް ވަނީ މޮސޫލްގެ ފާރުތަކުގައި ކުރަހައިފަ އެވެ. މޮސޫލްގައި އައިއެސް މީހުން ތިބުމާ ދެކޮޅަށް އެ ސިޓީގެ މީހުން ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށަށް ގެންދިޔައީ ޖޫން، 2014 ގަ އެވެ. އިރާގު ސަރުކާރުން މިހާރު ދަނީ މޮސޫލް ހިފުމުގެ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުންނެވެ. އިރާގުގެ ކޮމާންޑަރުން ބުނަނީ އަންނަ މަހު ފަހުކޮޅު މޮސޫލުން އައިއެސް ފައްސާލުމުގެ އޮޕަރޭޝަން ފަށާނެ ކަމަށެވެ.
އެެމެރިކާ އިން މިހާރު ވަނީ މޮސޫލް އިން އައިއެސް ބޭލުމަށް އިރާގު ސިފައިންނަށް އެހީވުމަށް އިތުރު 600 ސިފައިން ފޮނުވަން ނިންމައިފަ އެވެ. އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވެސް ވަނީ އެމެރިކާ ސިފައިންގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. އެމެރިކާގެ 4،600 ސިފައިން މިހާރު ވެސް އިރާގުގައި ތިބެ އެވެ.