އެކި ކަހަލަ ކުޅިވަރާއި މަސްދަތުރުތަކަށް ހާއްސަ ލޯންޗެއް އަލް ޝާލީ މެރިން އިން ތައާރަފްކޮށްފި
އެކި ކަހަލަ ކުޅިވަރާއި މަސްދަތުރުތަކަށް ހާއްސަ ލޯންޗެއް އަލް ޝާލީ މެރިން އިން ތައާރަފްކޮށްފި

އަލް ޝާލީ މެރިން އިން އެކި ކަހަލަ ކުޅިވަރާއި މަސްދަތުރުތަކަށް ހާއްސަ ލޯންޗެއް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފި އެވެ.

އެކި ކަހަލަ ކުޅިވަރާއި މަސްދަތުރުތަކަށް ހާއްސަ ލޯންޗެއް އަލް ޝާލީ މެރިން އިން ތައާރަފްކޮށްފި
އެކި ކަހަލަ ކުޅިވަރާއި މަސްދަތުރުތަކަށް ހާއްސަ ލޯންޗެއް އަލް ޝާލީ މެރިން އިން ތައާރަފްކޮށްފި

ފެންވަރު ރަނގަޅު އޮޑިދޯނި ބަންނަ އަލް ޝާލީ މެރިން އިން، މިހާރު ހުޅުމާލޭގައި ކުރިއަށް ގެންދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ތައާރަފް ކޮށްފައި ވަނީ "މަޖްލާން 36" ނަމަކަށް ކިޔާ ލޯންޗެކެވެ.

ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއީލް ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި 36 ފޫޓުގެ މި ލޯންޗަކީ މަސްދަތުރުތަކަށާއި އެކި ކަހަލަ ކުޅިވަރުތަކަށް ބޭނުންކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ލޯންޗެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މެރިން އެކްސްޕޯގައި، ރާއްޖޭގެ ބާޒާރަށް މި ލޯންޗު މާދަމާ ރަސްމީކޮށް ނެރެން ހަމަޖެހިފައި ވިޔަސް އެކްސްޕޯއަށް ޒިޔާރަތް ކުރާ މީހުންނަށް ލޯންޗު ދައްކައިލަން ޑިސްޕްލޭ ކޮށްފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މަޖްލާލްގެ އިތުރުން އަޅުގަނޑުމެންގެ އެންމެ ފަހުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރި ކެނަރީ 24 ލޯންޗު ވެސް އެކްސްޕޯގައި ޑިސްޕްލޭ ކޮށްފައި ވާނެ،" އޭނާ ވިދާޅުވި އެވެ.

"ކެނަރީ 24" އަކީ އޭގައި 24 ފޫޓު ހުންނަ، 12 މީހުންގެ ޖާގައިގެން ލޯންޗެކެވެ. ޝަރީފް ވިދާޅުވި ގޮތުގައި މިއީ މަދު އަދަދެއްގެ މީހުން ގޮވައިގެން އަތޮޅުތެރޭގައި ދަތުރު ކޮށްލަން ބޭނުންކުރެވޭނެ ލޯންޗެކެވެ.

"މި ދެ ލޯންޗަކީ ވެސް އަލް ޝާލީގެ އޮޑިދޯނި ފަހަރުގެ ސްޓޭންޑާޑަށް ބަނދެފައިވާ ލޯންޗުތަކެއް. އަދި ލޯންޗުތަކަށް ކަނޑައަޅާފައި ވާނީ އެއަށް އެންމެ އެކަށީގެންވާ އަގު،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރި ގޮތުގައި މި ދެ ލޯންޗު ގަތުމުން ވެސް އަހަރު ދުވަހުގެ ވޮރެންޓީ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި މެރިން ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 32 ފަަރާތަކުން ބައިވެރިވެ އެވެ. ބްލަކް ކުންފުނިން އިންތިޒާމް ކުރާ މި އެކްސްޕޯ މިފަހަރު ކުރިއަށް ގެންދަނީ ހުޅުމާލޭ ފެރީ ޓާމިނަލްގެ އުތުރުން އޮންނަ އަތިރިމަތީގައި އެވެ.