30 މެއި 2016 - 19:51

ލ.ކުނަހަންދޫ ސްކޫލްގެ ލީޑިން ޓީޗަރު ހައްޔަރުކުރީ ޓެރަރިޒަމް ޕްރޮމޯޓްކުރުމުގެ ތުހުމަތުގައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ލީޑިން ޓީޗަރު އަބްދުﷲ މައުރޫފް ހައްޔަރުކޮށްފައި ވަނީ ރޭ 12 ޖަހަން އުޅެނިކޮށް ފުލުހުންގެ ތިރީހަކަށް މީހުން ކުނަހަންދު އަށް ގޮސްގެންނެވެ.
އަބްދުﷲ ހައްޔަރުކުރުމުގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާގެ ލެޕްޓޮޕާއި ޕެންޑްރައިވް ފަދަ ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ. ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.
ޓެރަރިޒަމް ޕްރޮމޯޓްކުރުމުގެ ގޮތުން އަބްދުﷲ ކުރި ކަމެއް އެނގޭ ގޮތެއް ނުވި އެވެ.
އަބްދުﷲ ހައްޔަރުކޮށްފައި ވާއިރު ހަމަ މިފަދަ މައްސަލައެއްގައި އިތުރު ބަޔަކު ރިސޯޓަކުން ވެސް ހައްޔަރުކޮށްފައިވާކަން ވަނީ އެނގިފަ އެވެ. ޓެރަރިޒަމް ޕްރޮމޯޓްކުރާ ކަމުގެ ތުހުމަތަށް ހައްޔަރުކުރި އެ މީހުންނަކީ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ދިވެހިންގެ ބައެކެވެ.
ކުނަހަންދޫން ހައްޔަރުކުރި މީހާ އާއި ރިސޯޓުން ހައްޔަރުކުރި މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އަލަށް އަމަލުކުރަން ފެށި ޓެރަރިޒަމް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމް ހުއްޓުވުމަށް ސަަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ދީފައިވެ އެވެ. ސީރިއާގައި ކުރާ ހަނގުރާމާގައި ބައިވެރިވާން އުޅުނު ބައެއްގެ މައްޗަށް ދާދި ފަހުން ވަނީ އެ ގާނޫނުގެ ދަށުން ދައުވާ ވެސް ކޮށްފަ އެވެ.