29 ސެޕްޓެމްބަރ 2016 - 23:15

މިއީ ބޮލީވުޑް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުހާނަށް ސަޕޯޓްކުރާ ފޭނުން ބައިވެރިވާ "އެސްއާރްކޭ ޔުނިވާސް" އިން އަންނަ މަހު އެސްއާރްކޭ ފެންޑަމް އެވޯޑްސްގެ ނަމުގައި މުމްބާއީގައި ބޮޑު އިވެންޓެއް ބާއްވަން ނިންމާފައިވާއިރު، އެ ހަރަކާތުގެ ތެރެއިން ރާއްޖެއަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެއީ އެ އިވެންޓް މެދުވެރިކޮށް، ރާއްޖެ އިޝްތިހާރު ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުންނެވެ.

"އެސްއާރްކޭ ޔުނިވާސް" އަކީ ސޯޝަލް މީޑިއާގައި ހިންގާ ޝާހްރުކްގެ އެންމެ ބޮޑު ފޭން ބޭސް އެވެ. އެ ހަރަކާތުގެ މޭސްތިރިއަކީ ރާއްޖޭގައި ހުރި ޝާހްރުކްގެ އެންމެ ބޮޑު ފޭން މުހައްމަދު އަޝްރަފެވެ.
އޭނާ ބުނީ އަންނަ މަހުގެ 31 ގައި މުމްބާއީގެ ޖުހޫ ކުލަބް މިލީނިއަމްގައި ބާއްވާ ކުލަގަދަ އަދި އެހާމެ ބޮޑު އިވެންޓަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރ ކުރުމަށް ވެސް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އެހެންވެ "އެސްއާރްކޭ ފެންޑަމް އެވޯޑްސް" ސްޕޮންސަކުރަން ބޭނުންވާ ރާއްޖޭގެ ރިސޯޓްތަކާއި ޓޫރިޒަމް ކުންފުނިތަކަށް އެ ފުރުސަތު އޮތް ކަމަށް އަޝްރަފު ބުންޏެވެ.
މީގެ އިތުރުން ބޮޑުބެރާއި އެ ނޫން ވެސް މުނިފޫހިފިލުވުމުގެ ފަންނުގައި ހަރަކާތްތެރިވާ ރާއްޖޭގެ ގްރޫޕްތަކާއި މީސްމީހުންނަށް ވެސް މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެސްއާރްކޭ ޔުނިވާސްގެ ފޭސްބުކާއި ޓްވިޓާ އެކައުންޓްތައް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
"މި އިވެންޓަކީ ސީދާ އަހަރެން އިސްކޮށް ހުރެގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝާހްރުކްގެ ފޭނުން އެއްތަން ވެގެން ބާއްވާ އިވެންޓެއް. އެހެންވެ ރާއްޖޭގެ ރިސޯޓަކުން ނަމަވެސް މި އިވެންޓް ސްޕޮންސަކޮށް، ރާއްޖޭގެ ބައިވެރިވުން މިއަށް ލިބިއްޖެ ނަމަ މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑިއާގައި އިޝްތިހާރު ކުރަން ލިބޭނެ ރަނުގެ ފުރުސަތަކަށް ވާނެ،" ހަތަރު ވަނަ އެވޯޑް އިވެންޓާ ބެހޭ ގޮތުން އަޝްރަފު ބުންޏެވެ.
އެސްއާރްކޭ ފެންޑަން އެވޯޑްސްގައި ފޭނުންގެ މެދުގައި ވޯޓް ލައިގެން، ތަފާތު އެވޯޑްތައް ވެސް ދޭނެ އެވެ. އެގޮތުން ވިއްސަށް ވުރެ ގިނަ ކެޓަގަރީތަކުން އެވޯޑް ދޭނެ އެވެ.
އެވޯޑްތަކުގެ ތެރޭގައި ބެސްޓް ފޭން ކުލަބް، ބެސްޓް ފޭން ގާލް، ބެސްޓް ފޭން ބޯއީ، ފާސްޓެސްޓް ނިއުސް ބްރޭކާ، ބެސްޓް ފޮޓޯ އެޑިޓަރު އަދި ބެސްޓް ވީޑިއޯ އެޑިޓަރު ފަދަ އެވޯޑްތައް ހިމެނެ އެވެ.
އަޝްރަފު ބުނީ އެސްއާރްކޭ ފެންޑަމް އެވޯޑްސްގައި ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ފަންނާނުން ޕާފޯމް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ކޮމީޑިއަނުންނާއި ލަވަ ކިޔުންތެރިން ވެސް ހިމެނެ އެވެ. އަދި މި އިވެންޓް އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ވަރަށް ގިނަ މީޑިއާތަކުން ކަވަރު ކުރާނެ އެވެ.
"މިހާރު ވެސް މި އިވެންޓާ ގުޅޭ ހަބަރުތައް އިންޑިއާގެ މީޑިއާތަކުން ވަރަށް ބޮޑަށް އެބަ ގެނެސްދޭ،" ފުރަތަމަ ފަހަރަށް އެސްއާރްކޭ ޔުނިވާސްގެ މެމްބަރުން އެއްތަންވެގެން ބާއްވާ އެސްއާރްކޭ ފެންޑަމް އެވޯޑްސް އާ ބެހޭ ގޮތުން އަޝްރަފު ބުންޏެވެ.
މި އިވެންޓްގެ ރަސްމީ ޕްރޮމޯޝަނަލް ވީޑިއޯ އާއި ޓްރޮފީތައް ޑިޒައިންކޮށްފައި ވަނީ ވަނީ އިޝްތިހާރު ހެދުމުގައި ރާއްޖޭގައި މިހާރު އެންމެ ކުރީގައި އުޅޭ ޗޮޕާޓުންނެވެ.