31 މެއި 2016 - 06:26

ހޮސްޕިޓަލަށް ސިޒޭރިއަން ހަދަން ދިޔަ އަށް ކުދިންގެ މަންމައަކު އޮޕަރޭޝަން ކުރަން ހޭނެއްތިތާ ހަ ދުވަސް ފަހުން ހޭއެރިއިރު އޭނާގެ ދެފައެއް ނެތެވެ. ދެފައި ކޮބައިތޯ ސުވާލުކުރުމުން ލިބުނު ޖަވާބަކީ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން ގޮތެއް ނެތިގެން ދެ ފައި ބުރިކޮށްލީ ކަމަށެވެ،
އިންގްލެންޑްގެ ޑޭވޮންގެ ކަނޑުގެ އައްސޭރީގައިވާ ޓައުނެއް ކަމަށްވާ ޓޯކުއޭގައި ދިރިއުޅޭ އެލާ ކްލާކް، 31، ހޭއަރަމުން އައިއިރު ހީކުރީ އޭނާ ސިޒޭރިއަން އޮޕަރޭޝަނަށް ހޭދަވި ދެތިން ގަޑިއިރަށް ފަހު ހޭ އަރަނީ ކަމަށެވެ. ނަމަވެސް ފަހުން އެނގުނީ އޭނާ ހޭނައްތާފައި އޮންނަތާ ފަސް ދުވަސް ފަހުން ހޭ އެރި ކަމާއި ދެ ފައި ބުރިކޮށްލާފައިވާ ކަމެވެ.
އެލާ އާއި އޭނާގެ ބައިވެރިޔާ އިއާން ރޮސް، 32، މިހާރު ތިބީ ފުރޮޅުލީގޮނޑީގައި އުމުރު ހޭދަކޮށްލަން ޖެހުމުން އެމީހުންގެ މުސްތަގްބަލަށް ވާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފަ އެވެ.
"ކުދިން ސްކޫލަށް ގެންގޮސް ގެނައުމާއި ބަގީޗާ ތެރޭގައި އެކުދިން ފަހަތުން ދުވުމުގައި އަހަންނަކީ ވަރަށް ހަރަކާތްތެރިކޮށް އުޅުނު މަންމައެއް. ނަމަވެސް މިހާރު އެއާ ދިމާ އިދިކޮޅު. ދެން ދުވަހަކުވެސް އަހަންނަށް އެކުދިން ފަހަތުން ދުވެލެވޭނެކަމެއް ނޭނގެ. އަދި އެކުދިން ކައިރީގައި ކޮޅަށް ހުރެލެވޭނެކަމުގެ އުންމީދެއް ވެސް ނެތް. މިފަދަ ކަމެއް ދިމާނުވެ ވާން އޮއްވާ މިފަދަ ހިތްދަތި ތަޖުރިބާއެއް ކުރާކަށް އެއްވެސް މީހަކު ނޭދޭނެ،" އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް އަށް ދީފައިވާ އިންޓަވިއު އެއްގައި އެލާ ބުނެފައިވެ އެެވެ.
އެލާ މިހާރު ދަނީ ގާނޫނީ ވަކީލެއް ހަމަޖައްސައި އޭނާގެ ސިޒޭރިއަން ހެދި ޓޯބޭގެ ސައުތު ޑޭވޮން އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓް އާދެކޮޅަށް ދައުވާ ކުރުމަށް ތައްޔާރުވަމުންނެވެ.
ބޮޑު އާއިލާއެއް އޮތުމަކީ އެލާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެހެންކަމުން އުމުރުން އެންމެ 18 އަހަރުގައި އެންމެ ފުރަތަމަ ދަރިފުޅު އެބީ ހޯދި އެވެ. އެބީ އަށް މިހާރު 13 އަހަރެވެ.
އެލާ 2005 ގައި މިހާރުގެ ފިރިމީހާ އިއާން އާ ބައްދަލުވި އެވެ. ދެ މީހުން ވެސް ބޭނުންވީ ބޮޑު އާއިލާއެއް ހޯދާށެވެ. އެގޮތުން 2015 އައިއިރު އެމީހުންނަށް ނުވަ އަހަރު ތެރޭގައި ހަ ކުދިން ލިބިއްޖެ އެވެ. ހޯލީ، އަށް އަހަރު، ހެއިޑީ، ހަތް އަހަރު، ބްލޮސަމް، ފަސް އަހަރު، އޯކްލޭ، ހަތަރު އަހަރު، އިޒީ، ތިން އަހަރު އަދި ދެ އަހަރުގެ ފްރެޑީ އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު ދަރިފުޅު ލިބުނު އިރު، އެލާގެ ދެ ފައި ގެއްލުނީ އެވެ.
"އަހަންނަކީ ދަރިން އުފައްދާ މެޝިނެއް ކަހަލަ. އެކަމަކުވެސް އަހަރެމެން އާއިލާ ބޮޑުކުރުމަށް ލޯބިކުރަން. އަހަރެމެންނަށް ލިބިފައިވަނީ ވަރަށް ފައްކާ ކުދިންކޮޅެއް. އަދި އަހަރެމެންގެ އާއިލާ ވަރަށް ބަދަހި،"
މިހާ ގިނަ ކުދިން ލިބުނަސް އިތުރު ކުދިން ހޯދުމުގައި އެލާގެ އެއްވެސް މައްސަލައެއް ނެތެވެ.
އެހެންވެ ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުން ހުއްޓާލުމާއެކު މިދިޔަ މާޗް މަހު އަނެއްކާވެސް އެލާ ބަލިވެ އިނެވެ. އޭރު ފްރެޑީ ލިބުނުތާ އެންމެ އަށް މަހެވެ.
އެލާ ބުނީ ބައެއް މީހުންނަށް އޭނާގެ އާއިލާ މާ ބޮޑުކަމަށް ހީވިޔަސް އޭނާއަކަށް އެ އާއިލާ ބޮޑެއް ނޫނެވެ. ގިނަ ދަރިން ލިބޭ ވަރަކަށް އޭނާއަށް ލިބޭ އުފާވެރިކަން ވެސް އިތުރުވެ އެވެ.
އެންމެ ފަހު ދަރިފުޅަށް އެލާ ބަލިވެ އިނދެ ބަނޑަށް 20 ހަފުތާގައި ހެދި ސްކޭނަށްފަހު މަސް އިނީ ވަރަށް ތިރީގައި ކަމަށް ބުންޏެވެ. ޑޮކްޓަރީގޮތުން، މިގޮތަށް ހުރުމަށް ކިޔަނީ ޕްލެސެންޓާ ޕްރީވިއާ އެވެ. މިގޮތަށް ދިމާވުމުން ޕްލެސެންޓާ ނުވަތަ މަސް އިންނާނީ ޔޫޓެރަސްގެ ކަރުގެ އެއްބައި ނުވަތަ އެއްކޮށް ބްލޮކް ވެފަ އެވެ. މިއީ ވިއްސަން ވަރަށް އުނދަގޫވާ ކަމެކެވެ.
މިފަދަ މީހުން ވަރަށް ފަރުވާތެރިކަމާ އެކު މޮނިޓަ ކުރަން ޖެހެ އެވެ. ސަބަބަކީ ވިހާއިރު މާގިނައިން ލޭއަންނަގޮތް ދިމާވެ ސިޒޭރިއަން ހަދަން ޖެހިދާނެތީ އެވެ.
ބަނޑަށް ދުވަސް ފުރެންދެން ހޮސްޕިޓަލުން އެލާ ވަރަށް ރަނގަޅަށް މޮނީޓާ ކުރަމުން ގެންގޮސްފައިވެ އެވެ. އަދި ވިހާ ދުވަސް ޖެހުމުން ސިޒޭރިއަން ހަދަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. ޕްލެސެންޓާ ޕްރީވިއާގެ މައްސަލަ އެލާއަށް ދިމާވި މިއީ ފުރަތަމަ ފަހަރު ނަމަވެސް ސިޒޭރިއަން ހެދުމުގެ ތަޖުރިބާ އެލާ ވަނީ އެތައް ފަހަރަކު ކޮށްފަ އެވެ. ވީމާ އޭނާ އެއްގޮތަކަށްވެސް ހާހެއް ނުވެ އެވެ.
އެލާގެ ބަނޑަށް 36 ހަފުތާ ފުރުނުފަހުން ކުއްލިއަކަށް ލޭ ފައިބަން ފެށުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ.
ބަނޑުގައި އޮތް ދަރިފުޅު މުޅިން ބަރާބަރު ކަމަށް އެލީ ގާތު އޭރު ޑޮކްޓަރުން ބުންޏެވެ.
ކުރިން ހަ ފަހަރު ސިޒޭރިއަން ހަދާފައިވާތީ އޮޕަރޭޝަންކުރަން އެއްބަސްވެ ސޮއިކުރާ ފޯމުގައި މިފަހަރުވެސް އެލާ ސޮއިކޮށްލީ އެއްވެސް ހާސްކަމެއް ނެތި އެވެ. އޭނާ އޮތީ ކުޑަކުޑަ އަންހެންދަރިފުޅާ ބައްދަލުވެވޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ. ބޭހުގެ އަސަރުގައި ލޯމެރެމުންދިޔައިރު ވެސް އެލާ އޭނާގެ ފިރިމީހާ ގާތު ބުނަމުންދިޔައީ އަށް ކުދިންނާއި ދެމަފިރިން ޗުއްޓީ ހޭދަކޮށްލަން ދެވޭނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށެވެ.
ހަ ޕައުންޑް ފަސް އައުންސްގެ ވިންޓާ ރޯސް ވިއްސިތާ ބައިގަޑިއިރުގެ ތެރޭގައި އެލާ މާ ގަދަޔަށް ލޭ ފައިބަންފެށި އެވެ.
ޕްލެސެންޓާ އަކްރީޓާ ކިޔާ ސީރިއަސް ކޮމްޕްލިކޭޝަންއެއް ދިމާވެ އެލާގެ ހަށިގަނޑުން ހަ ލީޓަރު ލޭ އެވަގުތު ފައިބައިގެން ދިޔަ އެވެ. މިއީ ކުރިން ސިޒޭރިއަން ހަދާފައިވާ އަންހެނުންނަށް އާއްމުކޮށް ދިމާވާ މައްސަލައެކެވެ. ކުރިން ސިޒޭރިއަން ހަދާފައިވާ ނަމަ އޭގެ ލަކުނުތައް ހުންނާނެ އެވެ. މިފަދަ މީހުންގެ ޕްލެސެންޓާ ނުވަތަ މަސް ޔުޓެރައިންގެ ވޯލްގައި އުފެދުމާއި ހަރުލާފައި ހުރުން ފަދަ މައްސަލަތައް ދިމާވެ އެވެ. މިފަދަ ހާލަތުގައި ލޭހޮޅިތަކުން ވަރަށް ގިނައިން ލޭ ފައިބަން މެދުވެރިވެ އެވެ. އަދި އެހެން ގުނަވަންތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ޑޮކްޓަރުން ވަގުތުން އިމަޖެންސީ ހިސްޓްރެކްޓަމީއެއް ހަދައި އެލާގެ ރަހިމު ނެގި އެވެ. އަދި ފަސް ޕެކެޓް ލޭ އެޅި އެވެ. މިއީ ޕްލެސެންޓާ އަކްރީޓާ ކަހަލަ ކޭސްތަކުގައި އަބަދުވެސް އަމަލުކުރަން އޮންނަ ގޮތެވެ.
ހޭނާވަރުވާ ކޯމާގައި ބާއްވައިގެން އެލާ އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކުރި އެވެ. އޭގެ ފަހުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ކޮންމެ ގަޑިއަކު އެއްފަހަރު ޑޮކްޓަރުން އެލާ މޮނިޓާކުރަން ޖެހެ އެވެ. މި ހާލަތުގައި ދެން ދިމާވެދާނެ ސައިޑް އިފެކްޓްސްތަކުގެ ތެރޭގައި ހިމެނޭ ބްލަޑް ކްލޮޓީން ނުވަތަ ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެދާނެތީ އެވެ.
"އަހަންނަކަށް ނޭނގެ ކަންތައްތައް ވަމުންދާގޮތެއް. ޑޮކްޓަރުން އޮތީ ބާއްވާފައި އޮތީ ކޯމާއެއްގައި. އަހަރެންގެ ހާލަތު ގޯސްވީ އެވަގުތުތަކުގެ ތެރޭގައި. މިހާރު އަހަންނަށް އިނގޭ އަހަރެންނަށް ދިމާވި މައްސަލަތަކުގައި ލޭ ގަނޑުވުމަކީ ވެސް ދިމާވެދާނެ ކަމެއް ކަން. އެހެންކަމުން ފުރަތަމަ 24 ގަޑިއިރުން ކޮންމެ ގަޑިއަކު އެއް ފަހަރު އަހަރެން މޮނިޓާކުރަމުން ގެންދިއުމަކީ ޑޮކްޓަރުންނަށް މަޖްބޫރު ކަމެއްކަން،" އެލާ ބުންޏެވެ،
ނަމަވެސް އެލާ ތުހުމަތުކުރާ ގޮތުގައި ޑޮކްޓަރުން ހަނދާން ނެތި އޭނާ ޗެކްނުކޮށް ހަ ގަޑިއިރު ފާއިތުވި އެވެ. ހަ ގަޑިއިރު ފަހުން ޑޮކްޓަރުން އައިސް ބެލިއިރު އޭނާގެ ފައިގައި ލޭ ގަނޑުވެ ލޭ ދައުރުވުން ވަނީ ހުއްޓިފަ އެވެ.
އޭރުވެސް އިންޑިއުސްޑް ކޯމާގައި އޮތް އެލާ އަނެއްކާވެސް ވަގުތުން ތިއޭޓަރަށް ގެންދިޔަ އެވެ. އަދި އޮޕަރޭޝަން ޑޮކްޓަރުންގެ ދެ މީހުން ވެގެން އެލާގެ ފަޔަށް އަލުން ލޭ ދައުރުވާނެ ގޮތް ހެދޭތޯ މަސައްކަތް ފެށި އެވެ.
ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެ އެވެ. އޭނާގެ ޓިޝޫތަކުން ވިހަތައް ބޭރުކުރަން އޭރު ވަނީ ފަށާފަ އެވެ. މިއީ ކުއްލިއަކަށް މަރުވެދާނެ ފަދަ ބޮޑު ނުރައްކަލެކެވެ. ޑޮކްޓަރުން ވަރަށް އަވަހަށް ފިޔަވަޅު ނާޅައިފި ނަމަ އެ ވިހަތައް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރި ހިތް ހުއްޓުން އެކަށީގެންވެ އެވެ.
އެލާގެ ދެ ފައި ކަކުލުން ތިރިން ބުރިކޮށްލަން ޑޮކްޓަރުން ނިންމީ އެވަގުތު އެވެ. އެއީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ކުރަން ޖެހުނު ކަމެކެވެ. ހަމަ އެއާއެކު އޭނާގެ މުޅި ހަޔާތަށް ބޮޑު ބަދަލެއްވެސް އަންނަން މެދުވެރިވި ކަމެކެވެ.
މިދިޔަ މާޗް މަހު އެލާއަށް ދެ ގަޑިއިރުގެ ކައުންސެލިން ދީފައި ޕްރޮސްތެޓީކް ފަޔެއް ހަރުކޮށްދިނެވެ. ދިހަ ގަޑިއިރުގެ ފިޒިއޯ ހަމަކުރިއިރުވެސް އަދިވެސް އޭނާއަކަށް އެ ފައި ބޭނުންކުރަން އެހާ ފަސޭހައެއް ނޫނެވެ.
ވަރަށް ހަރަކާތްތެރިކޮށް އުޅުނު މަންމައެއް ކުއްލިއަކަށް ފުރޮޅިލީގޮނޑިއެއްގައި އުމުރަށް އިންނަން ޖެހުމުގެ އިހްސާސުން އެލާއަށް މިއަދުވެސް ރޮވެ އެވެ.
ހޮސްޕިޓަލްގެ އިހްމާލުން ނޫނަސް ބަލަންވީ ވަރަށް ނުބެލިގެން އެލާއަށް ލިބުނު ގެއްލުމަށް އެ ހޮސްޕިޓަލުން ވަނީ މައާފަށް ވެސް އެދިފަ އެވެ. އެލާ ބުނީ މައާފަށް އެދި ފޮނުވި ލިޔުންވެސް ލިބުނީ ފަސް މަސް ދުވަސް ފަހުން ކަމަށެވެ.