ބަނޑުގައި ރިއްސާތީ ބެލިއިރު ހުސް ދަގަނޑު
ބަނޑުގައި ރިއްސާތީ ބެލިއިރު ހުސް ދަގަނޑު

ޕާކިސްތާނުގައި 22 އަހަރުގެ އަންހެނެއްގެ ބަނޑުން 22 ދަގަނޑުކޮޅު ނަގައިފި އެވެ.

ސިކުނޑި ހަމަނުޖެހޭ އެ މީހާގެ ބަނޑުގައި މޮހޮރާއި ބޮލަށް ޖަހާ ދަތި ވެސް ހުއްޓެވެ.

ޕިޝާވަރްގައި ހުންނަ ލޭޑީ ރީޑިން ހޮސްޕިޓަލް (އެލްއާރްއެޗް)ގައި ބުދަ ދުވަހު މި އަންހެންމީހާގެ ބަނޑު އޮޕަރޭޝަން ކުރީ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން އެކްސޭ ނެގިއިރު އާދަޔާޚިލާފު އެއްޗެހިތަކެއް ހުރި ކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވިގެންނެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައި ބުނާ ގޮތުން ކުމި މީހާގެ އޮޕަރޭޝަނަށް ހަތަރު ގަޑިއިރު ހޭދަވި އެވެ. އަދި މައުދަނުގެ އެކި ބާވަތްތަކުގެ 22 އެތި އޭނާގެ ބަނޑުން ނެގި އެވެ. މޮހޮރާއި ބޮލުގައި ޖަހާ ދަގަނޑު ދަތީގެ އިތުރުން ފުޅިތޮށި ވެސް ބަނޑުގައި ހުއްޓެވެ.

މި އަންހެންމީހާ އަށް ފަރުވާ ދޭ ޑޮކްޓަރުން ބުނަނީ މި މީހާ އަކީ ކުރިން ވެސް ފިޓް ޖެހުމާއި ނަފްސާނީ އެކި މައްސަލަތަކުގައި ފަރުވާ ހޯދަމުން އަންނަ މީހެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ 42 އަހަރުގެ ފުލުހެއްގެ ބަނޑުން 40 ވަޅި ވެސް ނަގާފައިވެ އެވެ.