30 ސެޕްޓެމްބަރ 2016 - 06:13

ބޮލީވުޑް ބަތަލާއިން ކަމަށްވާ އައިޝްވަރިޔާ ރާއީ އާއި ރާނީ މުކަރުޖީ އަކީ ކުރިން ވަރަށް ގާތް އެކުވެރިންނެވެ. ނަމަވެސް މިހާރު މި ދެ ބަތަލާއިންގެ މެދުގައި މައްސަލަ ޖެހި ގުޅުން ކެނޑިފައިވާ އޮންނަތާ 13 ވަރަކަށް އަހަރު ވެއްޖެ އެވެ. ސުލްހަވެދާނެ ކަމުގެ ނިޝާނެއް ވެސް ނުފެނެ އެވެ.

މި ދެ ތަރިންގެ ދެމެދުގައި ޖެހުނު މައްސަލަތަކާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ.

އައިޝްވަރިޔާ އާއި ރާނީގެ މެދުގައި ފުރަތަމަ މައްސަލަ ޖެހުނީ ޝާހްރުކް ޚާންގެ "ޗަލްތޭ ޗަލްތޭ" ކުޅުނު ދުވަސްވަރު 2003 ގަ އެވެ. އޭރު އައިޝްވަރިޔާ އުޅެނީ ސަލްމާން ޚާނާ ރައްޓެހި ވެގެންނެވެ.
"ޗަލްތޭ ޗަލްތޭ" އަކީ "ދޭވްދާސް" އަށްފަހު ޝާހްރުކް އާއި އައިޝްވަރިޔާ އެކުގައި ކުޅެން ފެށި ފިލްމެކެވެ. ފިލްމުގެ އެއްބައި އެ ދެ މީހުން އެކުގައި ޝޫޓް ވެސް ކުރި އެވެ. ނަމަވެސް އެއްދުވަހަކު މި ފިލްމުގެ ޝޫޓިން ހިނގަމުންދަނިކޮށް ސަލްމާން ގޮސް ފިލްމު ސެޓުގައި ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއް ހިންގައި ކާރުން ޖައްސައި ސެޓުގެ ބައެއް އެއްޗިއްސަށް ވެސް ގެއްލުން ދިނެވެ. އޭރު އައިޝްވަރިޔާ އާއި ސަލްމާންގެ މެދުގައި ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅޭތީ ސަލްމާން ބޭނުންވީ އައިޝްވަރިޔާގެ ޝޫޓިން ކެންސަލްކޮށްފައި އޭނާއާ ވާހަކަ ދައްކަން ދާށެވެ. ނަމަވެސް އައިޝްވަރިޔާ ދާން އެއްބަސް ނުވުމުން ސަލްމާން ރުޅިގަދަވެގެން ސެޓަށް ގެއްލުން ދިނީ އެވެ. އެންމެ ފަހުން ގޮތް ހުސްވެ ސަލްމާނާ އެކު އައިޝްވަރިޔާ ދިޔައީ އެވެ.
މި ދެ މީހުންގެ ދެމެދަށް ވަދެ މައްސަލަ ފިނި ކުރެވޭތޯ ޝާހްރުކް ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ސަލްމާން ޝާހްރުކާ އައިޝްވަރިޔާއާ އަޅުވާ ކިޔައި ޝާހްރުކަށް ވެސް ވަރަށް އެއްޗެހި ގޮވި އެވެ.
މި މައްސަލައިގައި ޝާހްރުކް ވަރަށް ރުޅިގަދަވި އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް އޭނާ ކަމަށް ވެފައި އެގޮތަށް ސެޓަށް ގެއްލުން ދިނުމުން ހުރިހާ ގެއްލުމެއް ބޮލުގައި އަޅަން ޖެހޭނީ އޭނާއަށް ކަމަށް ވާތީ އެވެ. އެހެންވެ އައިޝްވަރިޔާ ފިލްމުން ވަކިކުރަން ޝާހްރުކް ގަސްތުކުރި އެވެ. އަދި ރާނީ މުކަރުޖީގެ ކިބައިން އެހީއަށް އެދުނެވެ.
ރާނީ އާއި ޝާހްރުކަކީ ވަރަށް ކުރިއްސުރެ ގާތް ދެ މީހުން ކަމަށްވާތީ ޝާހްރުކްގެ މި އެދުމަށް ނޫނެކޭ ބުނާކަށް ރާނީ އަކަށް ނުކެރުނެވެ. ރާނީ އެއްބަސްވުމުން ވަގުތުން ރާނީއާ އެކު "ޗަލްތޭ ޗަލްތޭ"ގެ ޝޫޓިން އަލުން ފެށީ އެވެ. އެއީ އައިޝްވަރިޔާ ކުޅެފައިވާ ބައިތައް އެއްކޮށް ފޮހެލުމަށްފަހު އެވެ.
މިކަމާ އައިޝްވަރިޔާ ޝާހްރުކް ދެކެ އާއި ރާނީ ދެކެ ވަރަށް ރުޅި އައެވެ. ރާނީ ދެކެ ރުޅި އައީ އޭނާ ކުޅެމުންދިޔަ ފިލްމެއް ކުޅެދޭން އެއްބަސްވި އިރު އެ ވާހަކަ އައިޝްވަރިޔާ ގާތު ރާނީ ނުބުނުމުންނެވެ.
އެހިސާބުން ދެ މީހުންގެ މެދުގައި ފިނި ހަނގުރާމަ ފެށުނެވެ. ފަހުން އަބީޝެކް ބައްޗަން އާއި ރާނީ ރައްޓެހިވެގެން އުޅޭ ކަމަށާއި ކައިވެނިކުރަން އުޅޭކަމަށް ވާހަކަ ދެކެވެން ފެށުމުން އައިޝްވަރިޔާ އަދި މާ ބޮޑަށް ރާނީ ދެކެ ރުޅި އަ އެވެ. އަދި މިހާތަނާ ޖެހެންދެން ވެސް މި ދެ މީހުން ތިބީ އެގޮތުގަ އެވެ.
ޝާހްރުކާ ވާހަކަ ނުދައްކާ ވެސް އައިޝްވަރިޔާ ވަރަށް ގިނަ ދުވަހު ހުއްޓެވެ. ނަމަވެސް އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން އަކީ ޝާހްރުކްގެ ގާތް އެކުވެރިއަކަށް ވާތީ އަބީޝެކްގެ މަސައްކަތުން މިހާރު ވަނީ ސުލްހަ ވެފަ އެވެ. އަދި އައިޝްވަރިޔާގެ އަންނަން އޮތް ފިލްމު "އޭ ދިލް ހެ މުޝްކިލް"ގައި އައިޝްވަރިޔާގެ ފިރިމީހާގެ ރޯލުން ޝާހްރުކް ފެންނާނެކަމަށް ވެސް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ.
އައިޝްވަރިޔާ ރުޅި ލިސްޓުގައި ހިމެނެނީ ހަމައެކަނި ރާނީ އެއް ނޫނެވެ. ސޯނަމް ކަޕޫރަކީ ވެސް އައިޝްވަރިޔާ ވާހަކަ ނުދައްކާ ބަތަލާއިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ސޯނަމް އާއި އައިޝްވަރިޔާއާ މައްސަލަ ޖެހުނީ ސޯނަމް މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި އައިޝްވަރިޔާއާ ދިމާލަށް "އާންޓީ" އޭ މުހާތަބުކޮށްފައި ވާތީ އެވެ. މިކަމާ އެންމެން ރުޅި އައިސްގެން އުޅެން ފެށުމުން ސޯނަމް ފަހުން ބުނެފައިވަނީ އައިޝްވަރިޔާ އަކީ އޭނާގެ ބައްޕަ އަނިލް ކަޕޫރާ އެކު ފިލްމު ކުޅުނު ބަތަލާއަކަށް ވާތީ އޭނާ އަށް އާންޓީއޭ ބުނުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި މި މައްސަލަ ޖެހުނު ފަހުން އައިޝްވަރިޔާ އެންޑޯޒްކޮށްފައިވާ ގަހަނާ ބްރޭންޑެއްގެ އިސްތިހާރު ސޯނަމް ކުޅޭ ގޮތަށް ހަމަޖެހުމުން އިތުރަށް މި ދެ މީހުންގެ މެދުގައި ރުޅިވެރިކަން ބޮޑުވި އެވެ.