02 އޮކްޓޯބަރ 2016 - 06:15

ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކޮށް ހޮޑުލެވުން ނުވަތަ "މޯނިން ސިކްނެސް" ކުރިމަތިވުމަކީ ބަނޑުގައިވާ ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމާއި ހުރިހާ ކަމެއް އާދައިގެ ގޮތެއްގައި ހުރި ކަމުގެ ނިޝާނަކަށް ވެދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ބައިގެންދިއުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ މައުލޫމާތު އެއްކޮށްގެން ކޮށްފައިވާ ދިރާސާއިން އެނގުނު ގޮތުގައި މޯނިންސިކްނެސްގެ ތަޖުރިބާކޮށްފައިވާ އަންހެނުންނަށް ބައިގެންދިއުމުގެ ނުރައްކާ 50-75 ކުޑަވެ އެވެ.
"މި ވޭންހުރި ތަޖުރިބާކުރަންޖެހޭ އަންހެނުންނަށް މިއީ ލިބުނު ޔަގީންކަމެއް،" ދިރާސާގައި އިސްކޮށް ހުންނެވި، ޔޫއެސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ޗައިލްޑް ހެލްތު އެންޑް ހިއުމަން ޑިވެލޮޕްމަންޓްގެ ސްޓާފް ސައިންޓިސްޓް ސްޓެފަނީ ހިންކްލް ވިދާޅުވެފައިވެ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަލިވެއިންނަ ކޮންމެ ފަސް މީހެއްގެ ތެރެއިން ހަތަރު މީހަކަށް މޯނިންސިކްނެސް ތަޖުރިބާކުރަންޖެހެ އެވެ.
ހިންކްލް ވިދާޅުވެފައި ވަނީ މޯނިންސިކްނެސް އަކީ މައިމީހާ އާއި ދަރިފުޅުގެ ހާލަތު ރަނގަޅު ކަމުގެ ނިޝާނެއް ކަމަށް ބުނަމުން އައި ނަމަވެސް އެކަމާ ގުޅޭ މާގިނަ ހަގީގަތެއް މިހާތަނަށް ހޯދިފައި ނެތް ކަމަށެވެ. އެގޮތުން މިއީ ކީއްވެގެން ދިމާވާ ކަމެއްކަން ވެސް ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. އަދި މިއީ ބަލިވެ އިނުމުގެ "ސައިޑް އިފެކްޓެއް" ކަމެއް ނުވަތަ ވަކި ކަމަކަށްޓަކައި ދިމާވާ ކަމެއްކަން ވެސް ކަނޑައެޅިގެން ނޭނގެ އެވެ.
މޯނިންސިކްނެސް އަކީ އަލަށް ބަލިވެ އިންނަ މީހުންނަށް ފައިދާހުރި ކަމެއްތޯ ބެލުމަށް 797 އަންހެނެއްގެ މައުލޫމާތު އެއްކުރި އެވެ. އެގޮތުން މި މީހުންގެ މައުލޫމާތު 2007 އިން 2011 އަށް ދިރާސާކުރި އެވެ. މީގެ ތެރެއިން 188 މީހަކު ނުވަތަ 24 ޕަސެންޓް މީހުން ބައިގެންދިޔަ އެވެ.
މި މީހުންގެ ތެރެއިން 18 ޕަސެންޓް މީހުން، ބަނޑަށް ދެ ހަފުތާ ވީއިރު މޭނުބައިކުރާ ކަމަށް އަދި ތިން ޕަސެންޓް މީހުން މޭނުބައިކުރުމާ އެކު ހޮޑުލެވުނު ކަމަށް ބުނެފައިވެ އެވެ. އަދި އަށް ހަފުތާ ވީއިރު މި ދެކަންތައް ތަޖުރިބާކުރަން ޖެހުނު މީހުންގެ އަދަދު އިތުރުވި އެވެ.
މީގެ ތެރެއިން މޭނުބައިކުރުމާ ކުރިމަތިވި މީހުންނަށް ބައިގެންދިއުމުގެ މައްސަލަ ކުރިމަތިވި މިންވަރު 50 ޕަސެންޓް ދަށްވި އިރު މޭނުބައިކުރުމާ އެކު ހޮޑުލެވުނު މީހުންނަށް، ބައިގެންދިއުން 75 ޕަސެންޓް ކުޑަ އެވެ.
މި ދިރާސާގައި ވަނީ މާބަނޑުއިރު މޯނިންސިކްނެސް ކުރިމަތިވާ މީހުންނަށް ލިބޭ ދަރިންގެ އައިބު ހުންނާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. ދިރާސާގައި ބުނެފައި ވަނީ މޯނިންސިކްނެސް އަކީ އާދަޔާ ހިލާފު ނުވަތަ މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ.
މި ދިރާސާ މިހާރު ވަނީ ޖަމާ އިންޓާނަލް މެޑިސިންގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފަ އެވެ.