29 ސެޕްޓެމްބަރ 2016 - 11:28

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ވިކްޓަރީ އަތުން 2-0 އިން ހޯދި މޮޅާ އެކު ކްލަބް އީގަލްސް ދެ ވަނަ އަށް ޖެހިލައިފި އެވެ.
އީގަލްސް ދެ ވަނަ އަށް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި ޓީސީ އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އިއްޔެ މޮޅުވުމުން މާޒިޔާ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް އެއް ވަނަ ލިބޭނެ އެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އަށް މެޗުގެ 43 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ނާޖިހް އިބްރާހިމް އެވެ. އީގަލްސްގެ ދެ ވަނަ ލަނޑަކީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ވިކްޓަރީގެ އަބްދުﷲ އަހްނަފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެފްއޭއެމުން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން މި މުބާރާތް ފެށީ 2011 ވަނަ އަހަރު އެވެ. މި އަހަރު މި މުބާރާތް މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އެވެ.