ކިޑްނީގައި ކުދި ހިލަ ހުންނަ މީހުންނަށް، ރޯލާކޯސްޓާ ދުއްވުމުން ލުއިކަމެއް ލިބިދާނެ ކަމަށް، މި ތަޖުރިބާކޮށްފައިވާ ބައެއް މީހުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެއްގައި ބުނެފި އެވެ.

މިޝިގަން ސްޓޭޓް ޔުނިވަސިޓީ ކޮލެޖް އޮފް އޮސްޓިއޮޕެތިކް މެޑިސިންގެ ޕްރޮފެސަ އޮފް ޔޫރޮލޮޖީ ޑރ. ޑޭވިޑް ވޯޓިންގާ ވިދާޅުވީ ކިޑްނީގައި ކުދި ހިލަ ހުރި ބައެއް މީހުން ރޯލާކޯސްޓާ ދުއްވުމުން، ކުޑަކަމުދާއިރު ހިލަ ބޭރުވުމަށް ފަސޭހަވެފައިވާ ކަމަށެވެ.

މި ތަޖުރިބާ ކުރެވުނު ކަމަށް ބުނާ މީހުންގެ ވާހަކަތަކަށް، ވޯޓިންގާގެ ޓީމުން ކުރި ދިރާސާއިން ވަނީ ބާރު ލިބިފަ އެވެ. އެގޮތުން ދެ އެމިއުޒްމަންޓް ޕާކެއްގައި މި ޓީމުން ވަނީ، ސިލިކަން އިން ތްރީޑީ ޕްރިންޓްކޮށްފައިވާ ކިޑްނީގެ މޮޑެލް ހަދައި ކުޑަކަމުދާ އެއްޗިއްސާއި ތިން ސައިޒެއްގެ ކިޑްނީ ހިލަ އޭގެ ތެރެއަށް އަޅައި ރޯލާކޯސްޓާގައި ދުއްވައިފަ އެވެ. ހަދާފައިވާ މި ކިޑްނީތައް ދަބަހަކަށް ލުމަށް ފަހު ރޯލާކޯސްޓާ އަށް އަރައިގެން 60 ބުރު ޖެހި އެވެ.

"އާދައިިގެ ރޯލާކޯސްޓާ ބުރަކުން ވެސް، ކިޑްނީގައި ހިލަ ހުންނަ ބައެއް މީހުންނަށް ފައިދާކޮށްފާނެކަން މި ހޯދުންތަކުން އެނގުނު،" މި މަހުގެ 26 ވަނަ ދުވަހު އެމެރިކަން އޮސްޓިއޮޕެތިކް އެސޯސިއޭޝަންގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ނިއުސް ރިލީޒެއްގައި ވޯޓިންގާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ކިޑްނީ މޮޑެލް ރޯލާކޯސްޓާގެ ކުރީގައި ބާއްވައިގެން ދުއްވުމުން ކިޑްނީ ހިލަ ބޭރަށް ޖެހުނު މިންވަރު 17 ޕަސެންޓްގައި ހުރި އިރު ރޯލާކޯސްޓާގެ ފަހަތުގައި ދުއްވި ކިޑްނީތަކުގައި މި ނިސްބަތް 64 ޕަސެންޓުގައި ހުރިކަން ފާހަގަވި ކަމަށެވެ.

އެހެންވެ ރޯލާކޯސްޓާ ދުއްވުމަކީ އާދައިގެ ކުދި ހިލަ ކިޑްނީގައި ހުންނަ މީހުންނަށް ފަރުވާއަކަށް ވެދާނެ ކަމަށާާއި އެކަމަކު މިއީ ކުޑަ ކަމެއް ނޫން ކަމަށް ވޯޓިންގާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކިޑްނީގައި އުފެދޭ ހިލަ މާ ބޮޑުވެ ކިޑްނީގެ މަސައްކަތަށް ހުރަސްއެޅޭ ވަރުވުމުގެ ކުރިން ފަރުވާ ހޯދުމުން ސާޖަރީ އާއި ޑޮކްޓަރީ އެހެން ފަރުވާތައް ހޯދުން މަދުކުރެވޭނެ ކަމަށެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ކިޑްނީގައި ވަކި ހިސާބެއްގައި ހިލަ އޮވެގެންނެއް ވަކި ތަފާތެއް ނުފެނެ އެވެ.