29 ސެޕްޓެމްބަރ 2016 - 10:08

ލަންޑަން (ސެޕްޓެމްބަރު 29) - އޭސީ މިލާނުގެ އިޓަލީ ޑިފެންޑަރު އަލެސިއޯ ރޮމަނޮލީ ގަތުމަށް ޗެލްސީން ޖެނުއަރީ މަހު 50 މިލިއަން ޔޫރޯގެ ބިޑެއް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ކުރީގެ އެއް ވަނަ ޑިފެންޑަރު އަލެސަންދްރޯ ނެސްޓާ ފަދަ ކުޅުންތެރިޔަކަށް ވާނެ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ރޮމަނޮލީ ގަތުމަށް ޗެލްސީން ޖޫން މަހު ވެސް މަސައްކަތްކުރި އެވެ. އެކަމަކު އުމުރުން 21 އަހަރުގެ ޑިފެންޑަރު ވިއްކާލަން މިލާނުން އެއްބަސްނުވީ އެވެ.
ޗެލްސީން ފަހު ވަގުތު ގެނައީ އެ ޓީމުގެ ކުރީގެ ޑިފެންޑަރު ޑޭވިޑް ލުއިޒެވެ. އެކަމަކު އޭނާއާ އެކު ވެސް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވާ ޑިފެންސިވް ސްޓައިލް ނާންނާތީ އިތުރު ޑިފެންޑަރު ހޯދުމަށް އެ ޓީމުން މަސައްކަތް ފެށީ އެވެ.
ރޯމާ އިން މިދިޔަ ސީޒަނުގައި މިލާނާ ގުޅުނު ރޮމަނޮލީ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާ ވަނީ އިޓަލީ ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.