29 ސެޕްޓެމްބަރ 2016 - 09:47

ލަންޑަން (ސެޕްޓެމްބަރު 29) - އިންގްލެންޑް ކޯޗުކަމާ މެދު މި ވަގުތު ނުވިސްނާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އިންގްލެންޑްގެ ކޯޗު ސޭމް އެލަޑީސް މަގާމުން އިއްޔެ ވަކިވީ ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކަތަކެއްގެ ސަބަބުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ. އެލަޑީސް އިންގްލެންޑަށް އިރުޝާދު ދިނީ އެންމެ މެޗަކު އެވެ. މި އަހަރު ނިމުމުގެ ކުރިން އިންގްލެންޑަށް ކޯޗެއް ހަމަނުޖައްސާނެ ކަމަށާއި އޭގެ ކުރިން ވަގުތީ ކޯޗެއްގެ ގޮތުގައި މި އަހަރު ނިމެންދެން ހުރި މެޗުތަކުގައި ޓީމަށް އިރުޝާދު ދޭނީ ޒުވާން ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓެވެ.
އާސެނަލާ އެކު ވެންގާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ވެންގާ ބުނީ އެއްބަސްވުމަށް އިހުތިރާމްކުރާނެ ކަމަށެވެ.
"އިންގްލެންޑް ކޯޗުކަމާ އަހަންނާ ގުޅުވައިގެން މީޑިއާގައި ދައްކާ ވާހަކަ އަށް އަހަރެން މާބޮޑު ސަމާލުކަމެއް ނުދެން. އަހަރެންނަކީ އާސެނަލްގެ ކޯޗު. މި ސީޒަނުގެ ނިޔަލަށް އަހަރެން ހުރިހާ ގޮތަކުން ވެސް ވިސްނާނީ އާސެނަލާ މެދު. މި ވަގުތު އިންގްލެންޑްގެ ކޯޗުކަމާ މެދު ނުވިސްނަން،" ރޭ ބާސެލް އަތުން ޗެމްޕިއަންސް ލީގުގައި މޮޅުވި މެޗަށް ފަހު ވެންގާ ބުންޏެވެ.
ވެންގާ ވަނީ 2006 ވަނަ އަހަރު ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމަކަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އިންގްލެންޑްގެ ކޯޗަކަށް ވުމަށް ހުށަހަޅައިފިނަމަ ދޫކޮށްލަން އުނދަގޫވާނެ ކަމަށް އެ އިންޓަވިއުގައި ވެންގާ ބުންޏެވެ.
އާސެނަލުން އަންނަނީ ވެންގާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް މަޝްވަރާކުރަމުންނެވެ.