29 ސެޕްޓެމްބަރ 2016 - 06:25

ރާއްޖޭގެ މަޝްހޫރު ރޮކް ބޭންޑް "އީމަންސް ކޮންސްޕިރަސީ" އަށް ނޭޕާލްގައި ބާއްވާ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލުން އަނެއްކާ ވެސް ފުރުސަތެއް ލިބިއްޖެ އެވެ.

މުޅިން ވެސް ނޭޕާލްގެ ބޭންޑްތަކުން ކުޅޭ "ނޭޕާލް މިއުޒިކް ފެސްޓިވަލް 2016" ގައި "އީމަންސް ކޮންސްޕިރަސީ" އަކީ ގައުމުން ބޭރުން ފެސްޓިވަލްގައި ބައިވެރިވާ ހަމައެކަނި ބޭންޑް ވެސް މެ އެވެ.
މި ފެސްޓިވަލް އޮންނާނީ ނޮވެމްބަރު މަހުގެ 19 ގަ އެވެ. ފެސްޓިވަލަށް "އީމަންސް ކޮންސްޕިރަސީ" އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.
ބޭންޑްގެ ލީޑް ވޯކަލިސްޓް އީމަން ބުނީ މި ފަހަރު ފެސްޓިވަލްގައި ހުށަހަޅައި ދޭނީ ބޭންޑުން އަންނަ އަހަރު ރިލީޒްކުރާ އަލްބަމްގެ ލަވަތައް ކަމަށެވެ. އެ އަލްބަމްގައި ހިމެނެނީ މުޅިން ވެސް އަމިއްލަ ރާގުގެ އިނގިރޭސި ލަވަތެކެވެ.
"ދެހާސް ސާދައިގައި ވެސް މި ނޭޕާލް ފެސްޓިވަލްގައި އަހަރަމެން ޕަފޯމް ކުރިން. އެ ފަހަރު އެންމެ އިނގިރޭސި ލަވައެއް ހުށަހެޅީ. ދެން ހުށަހެޅީ މުޅިން ވެސް ދިވެހި ލަވަތައް،" ފަސް މެމްބަރުންނާ އެކު 2013 ގައި އުފެދުނު ބޭންޑާ ބެހޭ ގޮތުން އީމަން ބުންޏެވެ. "އެކަމަކު މި ފަހަރު މުޅިން ވެސް އިނގިރޭސި ލަވަ ހުށަހަޅާނީ. އެއީ ކުރިއަށް އޮތް އަލްބަމްގައި ވެސް މުޅިން ހުރީ އިނގިރޭސި ލަވަތައް ކަމަށްވާތީ."
އޭނާ ބުނީ ރާއްޖޭން ބޭރުގެ ފެސްޓިވަލްތަކުން ރާއްޖޭގެ ބޭންޑްތަކަށް ފުރުސަތު ލިބުމަކީ ދިވެހި ފަންނާނުންގެ ހުނަރު އިންޓަނެޝަނަލް އޯޑިއަންސަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"ފުރަތަމަ ފަހަރު ވެސް އަހަރެމެންގެ ޕަފޮމަންސް ރަނގަޅުވީމަ ދެވަނަ ޗާންސެއް މި ލިބުނީ. އަނެއްކާ ފެސްޓިވަލްގައި އެކަނި ކުޅެލާފައި އަންނަނީކީ ނޫން. އިތުރު ދިމަދިމާލުގައި ޝޯތައް ކުޅެލަން ފުރުސަތު ލިބޭ،" އީމަން ބުންޏެވެ. "މި ފަހަރު އެކަހަލަ ފުރުސަތުތަކެއް ބޭންޑަށް ލިބިގެން ދާނެ. އަހަރެމެން ވަރަށް ބޮޑަށް އެދެން ބޭންޑަށް ސްޕޮންސަ ވެސް ދިނުމަށް. މިހާރު ވެސް ތިން ފަރާތަކުން ލިބިފައި އެބަހުރި. ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލް ކުރަންދާ އިރު ހެޔޮއެދޭ ފަރާތްތަކުގެ ސަޕޯޓް ވަރަށް ބޭނުން ވާނެ."
ނޭޕާލް މިއުޒިކް ފެސްޓިވަލްގެ އިތުރުން ބޭންޑް އުފެދުނު އަހަރު ނިއު ދިއްލީގައި ބޭއްވި ސައުތު އޭޝިއަން ބޭންޑް ފެެސްޓިވަލްގައި ވެސް "އީމަންސް ކޮންސްޕިރަސީ" އިން ވަނީ ބޭންޑްގެ ޖާދޫ ދައްކާލައިފަ އެވެ.
ބޭންޑުން މިހާރު ދެވަނަ އަލްބަމެއް ރިލީޒް ކުރަން ނިންމާފައިވާ އިރު އަންނަ އަހަރުގެ ތެރޭގައި އަލްމަބް ރިލީޒް ކުރާނެ އެވެ.
"އެކަމަކު ސީދާ ޑޭޓެއް ބުނަން އަދި ދަތި،" އީމަންސް ކޮންސްޕިރަސީގެ ނަމުގައި ވެސް އަލްބަމެއް ނެރެފައިވާ ބޭންޑްގެ މަސައްކަތްތަކާ ބެހޭ ގޮތުން އީމަން ބުންޏެވެ.