28 ސެޕްޓެމްބަރ 2016 - 17:55

ކަސްޓަމްސްގެ ހުއްދަ ނުހޯދައި ވ. ރަކީދު އަށް މިދިޔަ ހަފުތާގައި ދަތުރުކުރި ޔޮޓެއް 30،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އެތެރެވެ، ރަސްމީ ބަނދަރު ފިޔަވައި އެހެން ތަނަކަށް ދަތުރުކޮށްފައިވާތީ އެ އުޅަނދުގެ އެޖެންޓް ޖޫރިމަނާކުރީ ކަސްޓަމްސްގެ ގާނޫނާއި އާއްމު ގަވާއިދުގެ ދަށުން ކަމަށެވެ.
ޖޫރިމަނާ ފައިސާ ދައްކަން ދިނީ ތިން ދުވަހުގެ މުއްދަތު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ އަދި ކޮން ބޭނުމަކު ރަކީދު އަށް ދަތުރުކުރި ޔޮޓެއް ކަމެއް ނުބުނެ އެވެ.
ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 550 ވަނަ މާއްދާގައި ވަނީ ރާއްޖެ އިން ބޭރުން އަންނަ އުޅަނދުތައް ހުއްދަ ނެތި ރަސްމީ ބަނދަރު ފިޔަވައި އެހެން ބަނދަރުތަކަށް ދަތުރުނުކުރެވޭނެ ކަމަށެވެ. އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 30،000ރ. އިން ޖޫރިމަނާކުރުމުގެ ބާރު ކަސްޓަމްސް އަށް އޮތީ ދީފަ އެވެ.
ރަސްމީ ބަނދަރުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މާލޭ ކޮމާޝަލް ހާބަރާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ އިތުރުން ސ. ގަމު ސަރަހައްދީ ބަނދަރެވެ.