28 ސެޕްޓެމްބަރ 2016 - 16:56

ޕީޕީއެމް އިސްލާހުކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފަށްޓަވާފައިވާ މަސައްކަތަށް އެ ޕާޓީގެ ކޮމެޓީތަކުގެ ތާއީދު އެބައޮތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ކޮމެޓީތަކުގެ ހާލަތު ދެނެގަތުމަށް، ކޮމެޓީތަކުގެ މައުލޫމާތު ފޮނުވައިދިނުމަށް އެދުމުން، ސުލޫކީ ކޮމެޓީ ފިޔަވައި ހުރިހާ ކޮމެޓީތަކުން ވެސް އެ މައުލޫމާތު ފޮނުވާފައިވާ ކަމަށެވެ. އަދި އިސްލާހީ އެޖެންޑާ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ކޮމެޓީތަކުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީގެ މެމްބަރުން މަދު ކަން ދެ ކޮމެޓީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ފައިސާގެ ދަތިތައް ކުރިމަތިވެ ޒުވާނުންނާއި އަންހެނުންގެ ވިންގުގެ ހަރަކާތްތައް ކުރިއަށް ނުގެންދެވިފައިވާ ކަމަށް އެ ދެ ކޮމެޓީން ބުނެފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.
"މީޑީއާ ކޮމެޓީގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދަން ވަރަށް ދަތި. އެއީ ޕާޓީގެ އިސް މަގާމުގައި ތިބި ބައެއް މެމްބަރުން ޕާޓީގެ ގަވާއިދާ ހިލާފަށް ކަންތައް ކުރަމުންދާތީވެ ކަމަށް ޕާޓީ އޮފީހަށް މައުލޫމާތު ލިބިފައި ވަނީ،" އަލީމް ވިދާޅުވި އެވެ.
ސުލޫކީ ކޮމެޓީ އަށް ދިމާވާ ދަތިތައް އޮޅުންފިލުވައިދޭން ތަކުރާރުކޮށް އެދިގެން ވެސް އެ ކޮމެޓީން މައުލުމާތު ފޮނުވައިފައެއް ނުވެ އެވެ.
ކޮމެޓީތަކުން މަސައްކަތް ކުރާ ގޮތުގެ ތަފްސީލް ހޯދީ އަލީމް ވިދާޅުވެފައިވާ ގޮތުގައި ޕާޓީ އިސްލާހުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް، އިސްލާހީ ޕްރޮގްރާމެއް އެކުލަވައިލައި ތާވަލާ އެއްގޮތަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ޕާޓީގެ ކޮމެޓީގެ ހާލަތު ދެނެގަނެ އެ ކޮމެޓީތަކަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބެލުމަކީ އިސްލާހީ އެޖެންޑާގެ ޓައިމްލައިނުގައި ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދޭތެރޭ އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުނުވެ، ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ޕާޓީ ދެ ބަޔަކަށް ބެހިފައިވާއިރު ސުލޫކީ ކޮމެޓީގެ ހިންގަނީ ރައީސް ޔާމީން ފެކްޝަނުން ބޭނުންވާ ގޮތަށް ކަމަށް މައުމޫން ފެކްޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ ތުހުމަތުކުރަނީ، ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓެއްގައި ވިޕްލައިނާ ހިލާފުވެވަޑައިގަތް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމުމަށް ފަހު، ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި އެހެން މެމްބަރުންގެ މައްސަލަ ބަލައިދިނުމަށް ތަކުރާރުކޮށް ޕާޓީ އޮފީހުން އެދުމުން ވެސް ފިޔަވަޅު އަޅާފައި ނުވާތީ އެވެ.
ވިޕްލައިނާ ހިލާފުވެވަޑައިގަތް އެހެން މެމްބަރުންނާ މެދު ފިޔަވަޅު ނޭޅި ލަސްވަނީ މެމްބަރުން ރަށުން ބޭރުގައި ނޫޅުއްވާތީ ކޮމެޓީ ނުބޭއްވިގެން ކަމަށް ސުލޫކީ ކޮމެޓީގެ މުގައްރިރު، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.