28 ސެޕްޓެމްބަރ 2016 - 16:13

ދުބާއީ (ސެޕްޓެމްބަރު 28) - ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ސަރަހައްދުގައި ޑްރޯން އެރުވުމުގެ ސަބަބުން ފްލައިޓްތައް މިއަދު ބައިގަޑިއެއްހާ އިރަށް ގްރައުންޑް ކުރަން ޖެހިއްޖެ އެވެ.
އެއާޕޯޓުން ބުނީ އެއާޕޯޓް ހިމެނޭ ވައިގެ ސަރަހައްދު މިއަދު ބަންދު ކުރަން ޖެހުނީ ހުއްދަ ނެތި އެ ސަރަހައްދަށް ޑްރޯން އެރުވުމުގެ ސަބަބުން ކަމަށެވެ.
"ޑްރޯން އޮޕަރޭޓް ކުރާ ފަރާތްތަކަށް ހަނދާންކޮށްދެން އެއްވެސް އެއާޕޯޓެއްގެ ނުވަތަ ލޭންޑިން އޭރިއާގެ ފަސް ކިލޯ މީޓަރުގެ ސަރަހައްދުގައި ޑްރޯން އެރުވުމަކީ މަނާ ކަމެއްކަން،" ދުބާއީ އެއާޕޯޓުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
މިއީ ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓުގައި ޑްރޯންގެ މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ ޑްރޯން އަރުވާތީ ދުބާއީ އެއާޕޯޓުގެ ބައެއް ފްލައިޓްތައް ގްރައުންޑް ކުރަން ޖެހިފަ އެވެ. ޖޫން 12 ވަނަ ދުވަހު ވަނީ ޑްރޯންގެ ސަބަބުން ދުބާއީ އެއާޕޯޓް 69 މިނިޓަށް ބަންދުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވަނީ ޑްރޯން ގަތުމާއި ބޭނުން ކުރުމުގެ ގަވާއިދު ހަރުދަނާކޮށްފަ އެވެ. އަދި ޑްރޯން ގެންގުޅޭ މީހުން ޔޫއޭއީ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.