ރާއްޖޭން ހޮވާ ކުނިން އެއް މިލިިއަން ބޫޓް ތައްޔާރުކުރަނީ
ރާއްޖޭން ހޮވާ ކުނިން އެއް މިލިިއަން ބޫޓް ތައްޔާރުކުރަނީ

ކުނީގެ ގޮތުގައި ރާއްޖޭގެ މޫދާއި ފަރުތަކަށް އުކާލާފައި ވަނިކޮށް ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ތައްޔާރުކުރި ބޫޓުގެ އެއް މިލިއަން ޖޯޑުގެ އަންނަ އަހަރުގެ ނިޔަލަށް ތައްޔާރުކޮށް ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޑިޑާސް ގްރޫޕުގެ އެގްޒެކެޓިވް ބޯޑް މެމްބަރު އެރިކް ލީޓާ ވިދާޅުވީ މި ޖީލުގެ ޒުވާނުންނަކީ ތިމާވެށި ހިމާޔަތްކުރުމަށް ތާއީދުކުރާ ބަޔެއް ކަމަށާއި އެހެންކަމުން މި ބޫޓުތައް މި އަންނަނީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

މުޅި ދުނިޔެއަށް މަޝްހޫރު ޖަރުމަނުގެ އެޑިޑާސްގެ އޮފިޝަލަކު ވިދާޅުވީ ކުޅިވަރު ކުޅުމަށާއި ކެޝުއަލް ބޭނުންތަކަށް ވެސް ބޭނުންކުރެވޭ މި އުފެއްދުމަކީ، އެޑިޑާސްގެ އެހެން އުފެއްދުންތަކާ ހުރިހާ ގޮތަކުން ވެސް އެއް ފެންވަރެއްގެ ބޫޓެއް ކަމަށެވެ.

"ހަމައެކަނި ތަފާތަކީ މިއީ ރިސައިކަލް ކޮށްފައިވާ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ބޫޓެއްކަން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އާއި އެޑިޑާސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެޑިޑާސް އިން އެންމެ ފުރަތަމަ ތައްޔާރުކުރީ 100 ބޫޓެވެ. އެ ބޫޓުތައް ތައްޔާރުކުރީ ރާއްޖޭގެ ގޮނޑުދޮށްތަކުން ހޮވި ފަސް މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެންނެވެ. މީގެ ތެރެއިން ބޫޓެއް ރައީސް އަބްދުﷲ ޔާމީނަށް ވަނީ ހަދިޔާކޮށްފަ އެވެ.

ލީޓާ ވިދާޅުވީ މި ބޫޓު އުފެއްދުމުގެ އިތުރުން އެޑިޑާސް އަންނަނީ އެ ކުންފުންޏަކީ "ޕްލާސްޓިކް ފްރީ" ތަނަކަށް ހެދުމަށް މަސައްކަތްކުރަމުން ކަމަށާއި އެގޮތުން އެޑިޑާސްގެ ހެޑްކުއާޓާޒްގައި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތީގެ ބަދަލުގައި ބޭނުންކުރަނީ ބިއްލޫރި ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެންގެ ފިހާރަތަކުގައި ވެސް މިހާރު ޕްލާސްޓިކް ކޮތަޅެއް ބޭނުމެއް ނުކުރާނެ. އެއީ އަހަރެއްގެ މައްޗަށް 70 މިލިއަން ޕްލާސްޓިކް ކޮތަޅުގެ މަދުވުމެއް،" އޭނާ ވިދާޅުވި އެވެ.