"އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރެވޭތޯ ސަލްމާން މަސައްކަތް ފަށައިފި
"އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރެވޭތޯ ސަލްމާން މަސައްކަތް ފަށައިފި

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން އުޅޭތީ އެ ފިލްމު އިންޑިއާގައި ރިލީޒްކުރިޔަ ނުދޭނެކަމަށް ބުނެ އިންޑިއާގެ ބައެއް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ކަރަން އަށް އިންޒާރުތައް ދޭން ފަށާފަ އެވެ.

"އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރެވޭތޯ ސަލްމާން މަސައްކަތް ފަށައިފި
"އޭ ދިލް ހެ މުޝްކިލް" ރިލީޒް ކުރެވޭތޯ ސަލްމާން މަސައްކަތް ފަށައިފި

ކަރަން ބުނެފައިވާ ގޮތުގައި މިހާރު ކަންތައްތައް ވަމުންދާ ގޮތުން އޭނާ ހުރީ ވަރަށް ބިރުންނެވެ. ކަރަންގެ އަގުބޮޑު ފިލްމު ރިލީޒްކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

ފިލްމު ރިލީޒްކުރުމާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ އިންޑިއާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމް.އެން.އެސް) އެވެ. އެ ޕާޓީގެ އެކްޓިވިސްޓުން ކަރަންގެ ގޭދޮށަށް އެއްވެ މުޒާހަރާ ވެސް ކުރި އެވެ.

ފިލްމު އިންޑަސްޓްރީގައި ކަރަންގެ އެކުވެރިން ވަރަށް ގިނަ އެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާއަށް އެހީވާން ނުކުތް މީހަކީ މަޝްހޫރު ފިލްމީ ތަރި އަދި ކަރަންގެ ގާތް އެކުވެރިޔާ ސަލްމާން ޚާނެވެ.

ކަރަންގެ "އޭ ދިލް ހެ މުޝްކިލް" އަމާންކަމާ އެކު ރިލީޒްކުރެވޭނެ މާހައުލެއް ގާއިމްކުރެވޭތޯ ސަލްމާން ފެށި މަސައްކަތުގެ ދަށުން އޭނާ ވަނީ އެމް.އެން.އެސްގެ ރައީސް ރާޖް ތާކަރީ އާ ފޯނުން ގުޅައި ވާހަކަ ދައްކާފަ އެވެ. ސަލްމާންގެ ވާހަކައިގައި "އޭ ދިލް ހެ މުޝްކިލް" އާއި ޝާހްރުކްގެ "ރައީސް" ރިލީޒްކުރުމުގައި އެ ޕާޓީން ދަތިތައް ކުރިމަތި ނުކުރުމަށް އެދުނު ކަމަށް އިންޑިއާ ޓައިމްސް އިން ރިޕޯޓުކޮށްފައިވެ އެވެ.

އެމްއެންއެސް އިން މީގެ ކުރިން ބުނެފައިވަނީ "އޭ ދިލް ހެ މުޝްކިލް" އާއި "ރައީސް" ރިލީޒްކުރަން ބޭނުން ނަމަ އެ ފިލްމުގައި ހިމެނޭ ޕާކިސްތާނުގެ އެކްޓަރުން ކުޅެފައިވާ ބައިތައް ފުހެލަން ޖެހޭނެ ކަމަށެވެ. ނުވަތަ އެ ބައި އެހެން އެކްޓަރަކު ލައްވާ ކުޅުވައިގެން ނޫނީ ފިލްމު އިންޑިއާގައި ރިލީޒްކުރިޔަ ނުދޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަލްމާނާއި ރާޖް ތާކަރީ އަކީ ވަރަށް ގާތް ދެ އެކުވެރިން ނަމަވެސް ސަލްމާންގެ މި ޚާއްސަ އެދުމަށް އެމްއެންއެސްގެ ރައީސް އަމަލުކުރާނެ ގޮތެއް އަދި ނޭނގޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

"އޭ ދިލް ހެ މުޝްކިލް" އަކީ ކަރަން ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި އަގުބޮޑު ފިލްމެކެވެ. ފިލްމު ތަރިންނަކީ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާނެވެ.