މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޮޑު ފުޓްސަލް މުބާރާތެއް
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޮޑު ފުޓްސަލް މުބާރާތެއް

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނަމުގައި ބޮޑު މުބާރާތެއް އަންނަ މަހުގެ 18 ވަނަ ދުވަހު ފަށަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށަކުން އެއް ޓީމަށް އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މާލޭގެ ކޮންމެ އަވަށަކުން ޓީމުތަކަށް ބައިވެރިވޭނެ އެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި އަތޮޅު ޗެމްޕިއަނުން ހޮވާއިރު، މާލޭގެ ކޮންމެ އަވަށަކުން ޗެމްޕިއަނެއް ހޮވާނެ އެވެ. އޭގެ ފަހުން ކޮންމެ ތިން އަތޮޅެއްގެ މެދުގައި ބުރެއް ކުޅެ ޒޯން ޗެމްޕިއަން އަދި މާލޭގެ ކޮންމެ ކޮންމެ އަވަށެއްގެ މެދުގައި ކުޅެ މާލޭގެ ޗެމްޕިއަނުން ހޮވާނެ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމާއި މާލޭގެ ޗެމްޕިއަން ޓީމަށެވެ.

މާލޭގައި ކުރިއަށްގެންދާ މުބާރާތުގައި، އެ ރަށެއްގެ ޓީމަކަށް ކުޅެވޭނީ އެ ރަށެއްގެ ރަޖިސްޓްރީގައި ތިބޭ ކުޅުންތެރިންނަށް އެކަންޏެވެ. މާލޭގެ ޓީމުތަކަށް އެ އަވަށެއްގެ ކުޅުންތެރިންގެ އިތުރުން، ދަފުތަރު، ވިލިމާލެ އަދި ހުޅުމާލޭގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިން ކުޅެވޭނެ އެވެ.

މި އަހަރު ރަޖިސްޓްރީކުރި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި ބާއްވާ ގިނަ ފުޓްސަލް މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ އެ އެސޯސިއޭޝަނުން ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސޮނީ ސްޕޯޓްސް އެވެ. މި ފޯމެޓަށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވަމުން އަންނައިރު މިއީ ފުޓްސަލްގައި މިހާތަނަށް އެންމެ ފުޅާކޮށް ބާއްވާ މުބާރާތެވެ.