28 ސެޕްޓެމްބަރ 2016 - 13:48

މާހޭ (ސެޕްޓެމްބަރު 28) - ސީޝެލްސްގައި 12 އަހަރު ވެރިކަން ކުރެއްވި ޖޭމްސް މިޝެލް އަންނަ މަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
އުމުރުން 72 އަހަރުގެ ރައީސް ސީޝެލްސްގެ ރައީސް ކަމުގެ ތިން ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ ޑިސެމްބަރު މަހު އެވެ. އެކަމަކު ރައީސް މިޝޭލްގެ ޕާޓީ އަށް މި މަހު ކުރީކޮޅު ވަނީ ޕާލަމެންޓަރީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުގައި އެ ޕާޓީ އަށް ނާކާމިޔާބީއާ ކުރިމަތިވީ 39 އަހަރަށް ފަހު އެވެ.
ޕާލަމެންޓަރީ އިންތިޚާބުގައި އިދިކޮޅު ސީޝެލޮއިސް ޑިމޮކްރެޓިކް އެލަޔަންސް ވަނީ ޕާލާމެންޓުގެ 15 ގޮނޑި ހޯދައިފަ އެވެ. ރައީސް މިޝެލްގެ ޕާޓީ ލެޕެޕް ނުވަތަ ޕީޕަލްސް ޕާޓީ އަށް ލިބުނީ 10 ގޮނޑި އެވެ. މި ޕާޓީ އަންނަނީ ސީޝެލްސް އަށް މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން 1977 ވަނަ އަހަރުން ފެށިގެން ގައުމުގެ ވެރިކަން ކުރަމުންނެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ސީޝެލްސްގައި ތައާރަފް ކުރީ 1993 ވަނަ އަހަރު އެވެ.
ރައީސް މިޝެލް އިސްތިއުފާ ދެއްވާނީ އޮކްޓޯބަރު 16 ވަނަ ދުވަހު އެވެ. އެއަށް ފަހު ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބް ރައީސް ޑެނީ ފައުރޭ އެވެ. ގާނޫނު އަސާސީ އަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން އޭނާ އަށް ވެރިކަން ކުރެއްވޭނީ ދެ ދައުރު އެވެ.
"12 އަހަރު ވެރިކަން ކުރުމަށް ފަހު މިއީ ވެރިކަން އެހެން ފަރާތަކާ ހަވާލުކުރަންވީ ވަގުތު. އާ ރައީސް ވެސް ތަރައްގީގެ އާ އުސްމިންތަކަކަށް ސީޝެލްސް ގެންގޮސްދޭނެ،" ޓީވީ މެދުވެރި ކުރައްވާ މިޝެލް ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.
ސީޝެލްސްގެ އިދިކޮޅު ޕާޓީން ބުނެފައި ވަނީ މިއީ ބަދަލަކަށް ގައުމު ބޭނުންވާ ވަގުތު ކަމަށެވެ. އެކަމަކު ވެރިކަން ކުރާ ޕާޓީން ބުނީ މަސްވެރިކަމާއި ޓޫރިޒަމަށް އިގްތިސާދު ބަރޯސާވެފައިވާ ގައުމަށް އިގްތިސާދީ ހަމަޖެހުން ގެންނާނެ ކަމަށެވެ.