30 މެއި 2016 - 13:10

ވޮޝިންޓަން (މެއި 30) - އެމެރިކާގެ ސިންސިނާޓީގެ ޒުލަކުން ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށްޓަކައި ގޮރިއްލާއެއް މަރާލައިފި އެވެ.
ބަރުދަނުގައި 180 ކިލޯ ހުރި 17 އަހަރުގެ ގޮރިއްލާ ގަޔަށް ބަޑި ޖަހާ މަރާލީ ޒުލުގެ ތެރޭގައި ގޮރިއްލާ އުޅެން ޚާއްސަކޮށްފައިވ ސަރަހައްދުގެ ބޮޑު ވަޅުގަނޑަކަށް ވެއްޓުނު ކުޑަ ކުއްޖާ ދަމައިގަނެގެން، ގެންގޮސް އެ ކުއްޖާގެ ފުރާނަ އަށް ނުރައްކާ ވެދާނެހެން ހީވުމުންނެވެ. ޒޫ ބަލަހައްޓާ ފަރާތުން ވެސް ބުނެފައި ވަނީ ބަޑި ޖަހަން ޖެހުނީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ.
ޒުލުގެ ޑިރެކްޓަރު ތޭން މޭނާޑް ވިދާޅުވީ ޒުލުގެ ރެސްޕޮންޑް ޓީމުން ނިންމާފައި ވަނީ އުނދަގޫ އެކަމަކު ރަނގަޅު ނިންމުމެއް ކަމަށެވެ. ސަބަބަކީ އެ ޓީމުގެ ނިންމުމާ އެކު ކުޑަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވިފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭނާޑް ވިދާޅުވީ ބޭހެެއް ދީގެން ގޮރިއްލާގެ "ބާރުކަނޑުވާލުމަށް" ވުރެ ރަނގަޅު ގޮތަކީ ކުޑަ ކުއްޖާ ސަލާމަތް ކުރަން ގޮރިއްލާ މަރާލުން ކަމަށެވެ.
"މި ހިތާމަވެރި ހާދިސާއާ ގުޅިގެން އަހަރެމެން އެންމެންނަށް ވެސް ބޮޑު ހިތާމައެއް ލިބިއްޖެ. މިއީ ޒުލަށް ލިބުނު ބޮޑު ގެއްލުމެއް. އަދި ދުނިޔޭގައި މަދުވަމުންދާ ގޮރިއްލާ އާއިލާ އަށް ވެސް ލިބުނު ދެރައެއް،" މޭނާޑް ވިދާޅުވި އެވެ.
"ހަރަމްބެ" ނަން ދީފައިވާ ގޮރިއްލާ ވިހެއީ ޓެކްސަސްގަ އެވެ. ސިންސިނާޓީ ޒުލަށް ގޮރިއްލާ ބަދަލުކުރީ 2014 ވަނަ އަހަރު އެވެ.
ގޮރިއްލާ މަރާލުމުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފަ އެވެ. އެއް ބަޔަކު ޚިޔާލުފާޅުކޮށްފައިވާ ގޮތުގައި ގޮރިއްލާގެ ފަރާތުން ކުޑަ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުދޭ އިރު ގޮރިއްލާ މަރާލައިގެން ނުވާނެ އެވެ. އަދި އަނެއް ބަޔަކު ވަނީ މި ހާލަތަށް ދާން ޖެހުނީ ކުއްޖާގެ ބެލެނިވެރިންގެ އިހުމާލުން ކަމަށް ބުނެފަ އެވެ.
ދުނިޔޭގެ އެކި ޒޫތަކުގައި މިހާރު އުޅޭ ކަމަށް ބެލެވެނީ 500 ވަރަކަށް ގޮރިއްލާ އެވެ. ސިންސިނާޓީ ޒުލުގައި ގެންގުޅޭ ކަމަށް ވަނީ 11 ގޮރިއްލާ އެވެ.