28 ސެޕްޓެމްބަރ 2016 - 12:53

ހައުސިން މިނިސްޓްރީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
މިއީ، އާއްމުކޮށް ސަރުކާރުގެ އިދާރާތަކުން ކުރާ ކަމެއް ނޫނެވެ. ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން މީހުން ހޯދަން އިއުލާންކުރަނީ ފުލުސް އޮފީހުންނެވެ.
ހައުސިން މިނިސްޓްރީން ގެޒެޓްގައި ކުރި އިއުލާންގައި ބުނެފައި ވަނީ ގ. ޖީޒާން، މުހައްމަދު އަބްދުﷲ އަކީ އެ މިނިސްޓްރީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އޭނާ ހޯދައި ނުފެނުނު ކަމަށް އިއުލާންގައިވެ އެވެ.
އިއުލާނުގައި އެދިފައި ވަނީ މުހައްމަދު އަބްދުﷲ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން އެ ހައުސިން މިނިސްޓްރީ އަށް އަންގައިދިނުމަށެވެ. އަދި މުހައްމަދު އަބްދުﷲ މާލެ ނުވަތަ ކައިރި ރަށެއްގައި އުޅޭނަމަ، ތިން ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ހާޒިރުވުމަށް ވެސް ވަނީ އަންގައިފަ އެވެ.
މުހައްމަދު އަބްދުﷲ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އިއުލާންގައި ނެތެވެ. އަދި އެކަން މިނިސްޓްރީން ވެސް އަދި ސާފެއް ނުވެ އެވެ.