28 ސެޕްޓެމްބަރ 2016 - 12:58

ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ހިނގި މަގުމަތީ އެކްސިޑެންޓުތަކުގައި 35 މީހަކު މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަގުމަތީ ރައްކާތެރިކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނިގޮތުގައި 2013 ވަނަ އަހަރު މަގުމަތީގެ އެކި އެކްސިޑެންޓުތަކުގައި 12 މީހަކު ވަނީ މަރުވެފަ އެވެ. އަދި ޖެހިގެން އައި އަހަރު 11 މީހުން މަރުވެފައިވާއިރު 2015 ވަނަ އަހަރު ވަނީ 12 މީހުން މަރުވެފަ އެވެ. މި ތިން އަހަރުގެ ތެރޭގައި މަގުމަތީގައި ހިނގާފައިވާ އެކްސިޑެންޓްތައް ވަނީ، 1820 އިން 2231 އަށް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 1،700 އެކްސިޑެންޓު ވަނީ ހިނގާފަ އެވެ.
މި އަހަރުގެ މިހާތަނަށް ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައި މަރުވެފައި ވަނީ ހަތް މީހެކެވެ. އެއީ ވޭތުވެދިޔަ ތިން އަހަރާ އަޅާ ބަލާއިރު މަދު އަދަދެއް ނަމަވެސް ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގެ އަދަދު ގިނަ އެވެ. އެގޮތުން އެކްސިޑެންޓުތަކުގައި އަނިޔާވެގެން ފަސް ވަރަކަށް މީހުން ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދައިފަ އެވެ.
ޖުމްލަކޮށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ އައްޑޫގަ އެވެ.
މި އަހަރު ހިނގި އެކްސިޑެންޓުތަކުގައި އެންމެ ފަހުން މަރުވެފައި ވަނީ ސ. ފޭދޫގެ އަންހެން ޓީޗަރެކެވެ. އަދި އޭގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން އަންހެނަކު މަރުވި އިރު، މި އަހަރުގެ ކުރީކޮޅު އިތުރު ދެ އެކްސިޑެންޓެއްގައި އައްޑޫން މީހުން މަރުވެފައި ވެ އެވެ. އަދި ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ކުޑަކުއްޖަކު މަރުވި އިރު، މާލޭގައި އާއި ހުޅުމާލޭގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ބިދޭސީން ވަނީ މަރުވެފަ އެވެ.
އާއްމުކޮށް ބަލާއިރު މަގުމަތީގެ މި ފަދަ އެކްސިޑެންޓުތައް ހިނގަނީ ބާރު ސްޕީޑެއްގައި ދުއްވައިގެން ނުވަތަ ބާރަށް ދިޔަ އުޅަނދެއްގައި ޖެހިގެންނެވެ.
ފަހަކަށް އައިސް އެކްސިޑެންޓްތައް އިތުރުވެ، މީހުންނަށް ލިބޭ އަނިޔާތައް އިތުރުވަމުން ދާތީ ރައްކާތެރިވުމުގެ ގޮތުން، ސައިކަލު ދުއްވާ މީހުން ހެލްމެޓު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.