29 ސެޕްޓެމްބަރ 2016 - 06:30

ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި އުފަންވި ކުއްޖަކު، މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމުމުން ސަހަރާ އަށް ގެންގޮސް ވަޅުލުމުގެ ކަންތައްތައް ކުރަނިކޮށް ރޯން ފަށައިފި އެވެ.
ބަންގްލަދޭޝް މީޑިއާ އިން ބުނެފައިވާ ގޮތުގައި ގަލީބާ ހަޔާތުގެ ނަން ދީފައިވާ މި ކުއްޖާއަކީ ދެމަފިރިއެއްގެ އަލަތު ދަރިފުޅެވެ.
މި ކުއްޖާ އުފަންވެފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ 140 ކިލޯމީޓަރު ދުރުގައި އޮންނަ ފަރީދްޕޫރް ކިޔާ އަވަށެއްގެ ހޮސްޕިޓަލެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކުއްޖާ އުފަންވިތާ ދެ ގަޑިއިރުގެ ތެރޭގައި މަރުވީ ކަމަށް ޑޮކްޓަރުން ނިންމި އެވެ. އަދި ހަމަ އެ ދުވަހު ވަޅުލުމަށްޓަކައި ސަހަރާއަށް ގެންދިޔަ އެވެ. ބަންގްލަދޭޝްގެ ބީޑީނިއުސް24 ގައި ބުނެފައިވާ ގޮތުގައި ކުއްޖާ ސަހަރާއަށް ގެންދިއުމުން އަނެއް ދުވަހުގެ ހެނދުނު އައުމަށް ޖަމާއަތްތެރިން ބުންޏެވެ. މަރުވި ދުވަހު ވަޅުލެވޭ ގޮތް ނުވުމުން އެ ރޭ އެ ކުއްޖާ ސަހަރާގައި ބާއްވާފައި އޮތީ ކަރުދާސް ފޮއްޓެއްގަ އެވެ.
ކުއްޖާ ރޯންފެށީ އާއިލާގެ މީހުން ހެނދުނު ސަހަރާ އަށް ގޮސް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ވަޅުލަން ތައްޔާރުވަނިކޮށެވެ.
މިހާރު ޑާކާގެ ސްކެއާ ހޮސްޕިޓަލުގައި މި ކުއްޖާ އަށް ފަރުވާ ދެމުން އަންނައިރު ހާލު ވަރަށް ސީރިއަސް އެވެ. ސަބަބަކީ ކުއްޖާ އުފަންވީ 24 ހަފުތާގައި ކަމަށް ވެފައި އުފަންވީއިރު ބަރުދަނުގައި ހުރީ އެންމެ 700 ގްރާމް ކަމަށް ވާތީ އެވެ. އަދި ކުއްޖާއަށް ފަރުވާ ދިނުމުގައި މާ ލަސްވެފައި ވުމުން ވެސް ކުއްޖާގެ ހާލު އިތުރަށް ވަނީ ގޯސްވެފަ އެވެ. ނަމަވެސް ކުއްޖާ އަށް އެކަށީގެންވާ ގޮތަށް ފަރުވާ ދެވިއްޖެ ނަމަ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ޑޮކްޓަރުން އުންމީދުކުރެ އެވެ.