28 ސެޕްޓެމްބަރ 2016 - 10:48

ޒެގްރެބް، ކްރޮއޭޝިއާ (ސެޕްޓެމްބަރު 28) - އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ 1-0 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގައި އިންގްލެންޑުގެ ޗެމްޕިއަން ލެސްޓާ ސިޓީ ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދިއިރު، ޑައިނަމޯ ޒެގްރެބް އަތުން 4-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރާ ލެސްޓާ ވަނީ ފުރަތަމަ މެޗުން ކްލަބް ބުރުޖް އަތުން 3-0 އިން މޮޅުވެފަ އެވެ. ރޭގެ މޮޅާ އެކު އެ ޓީމު ވަނީ ހަ ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރޭ ބުރުޖް އަތުން 4-0 އިން މޮޅުވި ޑެންމާކުގެ އެފްސީ ކޯޕެންހޭގަން އެވެ. އެއް ޕޮއިންޓާ އެކު ތިން ވަނައިގައި ޕޯޓޯ އޮތްއިރު ބުރުޖް އަށް ޕޮއިންޓެއް ނުލިބެ އެވެ.
ލެސްޓާ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ އިސްލާމް ސްލިމާނީ އެވެ.
އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ރޭ ޒެގްރެބް އަތުން މޮޅިވިއިރު ގޯލް ޖަހައިދިނީ މިރެލަމް ޕިޔަނިޗް އާއި ގޮންޒާލޯ ހިގުއައިން އާއި ޕައޮލޯ ޑިބަލާ އަދި ޑެނީ އަލްވެސް އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ސެވިއްޔާ ވަނީ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން މޮޅުވެފަ އެވެ.
ޔުވެންޓަސް އާއި ސެވިއްޔާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގޯލް ތަފާތުން އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ. ލިޔޯނަށް ތިން ޕޮއިންޓް ލިބިފައިވާއިރު ޒެގްރެބަށް ޕޮއިންޓެއް ނުލިބެ އެވެ.