28 ސެޕްޓެމްބަރ 2016 - 11:19

ދިވެހި ސަރުކާރާއި ޝަރުއީ ނިޒާމުގެ ސައްހަކަން ގެއްލެމުން ދާ ކަމަށް ވިދާޅުވެ، ރާއްޖެ އަށް ޕްރެޝަރު ކުރަން އެޅޭނެ ހުރިހާ ފިޔަވަޅުތަކެއް ބަލަން ކޮމަންވެލްތުގެ މަންދޫބު ވިލީ މުޓުންގާ އެ ޖަމާއަތުގައި އެދިވަޑައިގެންފި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮަމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމަށް މުޓުންގާ ހުށަހެޅުއްވި މައުލޫމާތު ކަރުދާހުގައި ރާއްޖޭގެ ހާލަތު އޭނާ ސިފަކުރެއްވީ ގާނޫނީ ދައުލަތެއްގެ ސިފަތައް ގެއްލެމުންދާ ގައުމެއްގެ ގޮތުގަ އެވެ. ގާނޫނީ ހުކުމް އެއްވެސް ވަރަކަށް ނެތް އިރު، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމާ ގުޅިގެން ރާއްޖޭގައި އޮތީ، މުޓުންގާ ވިދާޅުވި ގޮތުގައި، ބިރުދެއްކުމުގެ މާހައުލެކެވެ. އަދި ސިޔާސީ ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ނެތުމުން 2018 ގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވި ދާނެ ކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"ސިޔާސީ ބޭފުޅުން ދިގު މުއްދަތަކަށް ބަންދުކޮށްފައި ތިބުމުގެ ސަބަބުން ސަރުކާރާއި ޝަރުއީ ދާއިރާގެ ސައްހަކަން ދަނީ ގެއްލެމުންނެވެ،" ޖުމްލަ 14 ކަމެއް ހިމެނޭ އެ ކަރުދާހުގައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ޝަރުއީ ނިޒާމު ވަރަށް ބޮޑަށް ސިޔާސީވެ، އިތުބާރު ގެއްލިފައި ވާއިރު، އަދުލު އިންސާފުގެ ހަމަތަކަށް އެއްވެސް ބެލުމެއް ނެތި ހުކުމް ކުރަމުން ގެންދާ ކަމަށް މުޓުންގާ ވިދާޅުވި އެވެ. އެހެންވެ، "ޝަރުއީ ނިޒާމުގެ އެންމެ އަޑިން މައްޗަށް" އިސްލާހު ކުރަން ބޭނުންވާ މަޝްވަރާތައް ވީ އެންމެ އަވަހަކަށް ފަށަން އޭނާ ބާރުއެޅުއްވި އެވެ.
މުޓުންގާ ފާހަގަކުރެއްވި ގޮތުގައި ދިގު މުއްދަތަށް ބަލާއިރު ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުން ކޮންމެހެން ވެސް އެއްގަލަކަށް އަރަން ޖެހެ އެވެ. މިހާރު ކުރިމަތިވެފައިވާ "ޑިމޮކްރެސީގެ ހީނަރުކަން" ކުރު މުއްދަތެއްގައި ހައްލުކުރެވޭނީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން އިސް ނަގައި އެ ކަމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެންނެވެ.
އެކަން ހާސިލު ކުރަން ރާއްޖެ އަށް ބޭރުގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް މުޓުންގާ އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ އެ އެހީގެ ސަބަބުން ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތަކާއި އިސްލާހު ކުރަންޖެހޭ ކަންކަން ނުކޮށް ދޫކޮށްލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
މިދިޔަ ދެ މަހުގެ ތެރޭގައި މުޓުންގާ ދެ ފަހަރަކު ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު އެކުލަވައިލި ކަރުދާހުގައި އޭނާ ވަަނީ ދިވެހި ސަރުކާރަށް ޕްރެޝަރު ކުރަން ޖެހިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ، "އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް" ބަލަން އޭނާ ސީމެގުގައި އެދިވަޑައިގަތެވެ.
ރާއްޖެ އަށް ކުރިން ހުށަހެޅި ހަ ކަމެއް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފަައި ނުވާ ކަމަށް ބުނެ، ސީމެގުން ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ރަސްމީ އެޖެންޑާގައި ހިމަނައިފަ އެވެ. އަދި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމެނި މިއީ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޖެންޑާ އަށް ރާއްޖެ ލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނާއި މިދިޔަ ރިޔާސީ އިންތިހާބު ދިގުލައިގެން ގޮސް ރިޔާސީ ދައުރު ހަމަވިއިރު ވެސް ރައީސަކު އިންތިހާބު ނުކުރެވުމުންނެވެ.