01 އޮކްޓޯބަރ 2016 - 07:08
އަރާމުކުރުން އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ އެއްވެސް ކަމެއް ނުކޮށް ހަށިގަނޑާއި ސިކުނޑިއަށް ހުސް ވަގުތުކޮޅެއް ދިނުމެވެ. އަނެއް ބަޔަކު ބުނާ ގޮތުން ވަރުބަލިވާ ކަސްރަތެއް ކޮށްލުމުން ސިކުނޑި އަށް ލިބޭ ހަމަޖެހުމަކީ އަރާމެވެ. ނުވަތަ ހިތްއެދޭ ކޮންމެވެސް ކަމެއް ކޮށްލުމަކީ އަރާމުކުރުން ކަމަށް މާނަކުރާ މީހުން ވެސް އުޅެ އެވެ.
އަރާމުކުރުން މާނަކުރާ ގޮތާއި އަރާމު ކުރުމުގެ ގޮތުން ކުރަނީ ކޮން ކަންކަމެއްތޯ ބެލުމަށް، އެކި ދާއިރާތަކުގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ބައިވެރިވާ ބައިނަލްއަގުވާމީ ގްރޫޕެއް ކަމަށްވާ "ހަބަބް" އިން ވަނީ 134 ގައުމެއްގެ 18،000 މީހެއްގެ ފަރާތުން މައުލޫމާތު ހޯދައިފަ އެވެ. މިއީ އަރާމުކުރުމާ ބެގޭ ގޮތުން މިހާތަނަށް ކުރި މި ބާވާތުގެ އެންމެ ބޮޑު ދިރާސާ ކަމަށް ވާއިރު ނަތީޖާ އިން ދައްކަނީ އަރާމުކުރުން އެންމެ ގިނަ މީހުން ބޭނުންވަނީ އެކަނި ވަގުތު ހޭދަކުރުން ކަމަށެވެ.
"ރެސްޓް ޓެސްޓް" ގެ ނަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ދިރާސާގެ ނަތީޖާ އާންމުކޮށްފައި ވާއިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން ތިންބައިކުޅަ ދެ ބައި މީހުން ބުނެފައި ވަނީ އެ މީހުން މިހާރަށް ވުރެ އިތުރަށް އަރާމުކުރަން ބޭނުންވާ ކަމަށެވެ. އަދި އާންމު މީހަކަށް ވުރެ އިތުރަށް އަރާމު ބޭނުންވާ ކަމަށް ތިން ބައިކުޅަ އެއް ބައި މީހުން ބުނިއިރު އެއަށް ވުރެ މަދުން އަރާމު ބޭނުންވާ ކަމަށް ބުނެފައި ވަނީ 10 ޕަސެންޓް މީހުންނެވެ.
މި ދިރާސާގައި ސުވާލުކުރި ދުވަހުގެ ކުރީ ދުވަހު، އެ މީހުން ހިތް އެދޭ ގޮތަކަށް އަރާމު ކުރިންތޯ އާއި ކިހާ އިރަކު އަރާމު ކުރެވުނުތޯ ސުވާލުކުރުމުން ދީފައިވާ ޖަވާބުތަކަށް ބަލާއިރު، އަރާމުކޮށްފައި ވަނީ އެވްރެޖް ގޮތެއްގައި 3 ގަޑިއިރާއި ހަ މިނެޓު އިރު އެވެ.
އަރާމު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ ލިސްޓެއް ދިނުމަށް ފަހު، އެ ލިސްޓު ތަރުތީބު ކުރުމަށް ވެސް މި ދިރާސާގެ ބައިވެރިންނާ ހަވާލުކުރި އެވެ. މި ލިސްޓުން އެއް ވަނަ އަށް ދިޔައީ ފޮތް ކިޔުމެވެ. އެއަށް ފަހު، ގުދުރަތީ މާހައުލެއްގައި އުޅެލުން، އެކަނި ވަގުތު ހޭދަކުރުން، މިއުޒިކު އެހުން، އެއްވެސް ކަމެއް ނުކުރުން، ހިނގުން، ފެންވެރުން، ކަންކަމާ މެދު ވިސްނުން، ޓީވީ ބެލުން، މީޑިއޭޓްކުރުން، ޖަނަވާރު ގެންގުޅުން، އެކުވެރިންނާއި އާއިލާގެ މެންބަރުންނާ ބައްދަލުކުރުން، ސައި ނުވަތަ ކޮފީ ބުއިން، ކްރިއޭޓިވް މަސައްކަތެއް ކޮށްލުން އަދި ބަގީޗާ ހެއްދުމެވެ.
މި ލިސްޓަށް ބަލާއިރު އެންމެ ގިނައީ އަދި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަނީ އެކަނި ހުރެގެން ކުރާ ކަންކަމަށް ވުމުން، އެންމެ އަރާމު ކަމަކީ އެކަނި ވަގުތު ހޭދަކުރުން ކަމަށް މާނަކުރެވެ އެވެ. މީގެ މާނައަކީ މީހަކު އެކަހެރިކޮށް އެކަނިވެރިކޮށްލުމެއް ނޫނެވެ. އަމިއްލަ އިހުތިޔާރުގައި އެ މީހަކު ހޭދަކުރާ ވަގުތެވެ.
މި ދިރާސާއިން ހާމަވި އެހެން ބައެއް ކަންކަމުގެ ތެރޭގައި ވަރުބަލިކަން އިހްސާސްވެ، އަރާމުކުރަން އެންމެ ބޮޑަށް ބޭނުންވަނީ ޒުވާނުންނާއި މުއްސަނދި ގޭބިސީތަކުގެ މީހުންނާއި ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މީހުންނެވެ. އަރާމު ލިބޭ ކަމަށް އެންމެ ގިނައިން ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.