31 މެއި 2016 - 06:30

ފަތިހު 5:30 ގައި ތެދުވެވަޑައިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިސްކަން ދެއްވަނީ ދަރިން ސްކޫލަށް ފޮނުވުމަށެވެ. އޭގެ ފަހުން އެއް ގަޑިއިރުގެ ކަސްރަތެވެ. ބައެއް ދުވަސްތައް ނިމެނީ އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންނާ އެކު ބާއްވާ ބައްދަލުވުންތަކުންނެވެ.

އެކަމަކު މިއީ މިދިއަ 15 އަހަރު ޖަމީލް އަމަލުކުރެއްވި ޝެޑިއުލެއް ނޫނެވެ؛ އޭރު އެމަނިކުފާނުގެ ހުރިހާ ވަގުތެއް ހުސްކުރެއްވީ ސިޔާސީ އެކި މަސައްކަތަށެވެ.

އަމިއްލަ ގައުމުގައި ހުންނަވަން ބިރުގަނެ، އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރަން ޖެހިދާނެ ކަމަށް ޖަމީލްގެ އިތުރުން މިވަގުތު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަ އެހެން ބޭފުޅުން ވެސް ހިއެއްނުކުރައްވަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވެސް ދާޅުވާ ގޮތުން "މި ނޫން ގޮތެއް މިވަގުތަށް ނެތީ" އެވެ.

ރާއްޖޭގެ ހިތްގައިމު މާހައުލާއި ގާތް ތިމާގެ މީހުންނާ ވަކިން "އެކަހެރި" ދިރިއުޅުއްވުމެއް އުޅުއްވުމަކީ ތިން ބޭފުޅުން ވެސް ހިޔާލަށް ގެންނެވި ކަމެއް ނޫނެވެ. ހަޔާތުގެ ސޮފުހާއަކަށް ވެދާނެ ކަމަށް ހީކުރެއްވި ކަމެއް ވެސް ނޫނެވެ. ސިޔާސީ މަސައްކަތްތަކުގެ ތެރެއިން އެކަހަލަ ދުވަހެއް ދެކެވަޑައިގަންނަވަން ޖެހިދާނެ ކަމަކަށް އޭރު ގަބޫލެއްނުކުރައްވަ އެވެ. އެކަމަކު އެ ތިން ބޭފުޅުންނަށް ވެސް މިވަގުތު މަޖުބޫރުވެވަޑައިގެންފައި ވަނީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، އަމިއްލަ ވަޒަނާ ދުރުގައި ދިރިއުޅުއްވާށެވެ.

ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ އިނގިރޭސިވިލާތުގައި ދިރިއުޅުއްވިއަސް ތިން ބޭފުޅުންނަށް ވެސް ހަގީގީ އުފަލެއް ނެތެވެ. އެންމެ ބޮޑަށް އުނިވަނީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރާއްޖޭގެ މާހައުލުން ލިބޭ ހިތްހަމަޖެހުމެވެ.

"އަޅުގަނޑު އަބަދު، ކޮންމެ ދުވަހަކު ހެން ވަރަށް ބޮޑަށް ހަނދާންވޭ ރާއްޖޭގެ މާހައުލު. ދިރިއުޅެން އެންމެ ކަމުދަނީ ރާއްޖެ. އަޅުގަނޑުމެންނާ ގުޅޭ މޫސުމާއި ކެއިން ބުއިމާއި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުންގެ މެދުގައި އޮންނަ ގުޅުން. މިކަންކަން ކޮންމެ ދުވަހަކު ހެން އަޅުގަނޑުގެ ހަނދާނަށް އާދޭ،" ޖަމީލް ވިދާޅުވި އެވެ.

ގައުމީ ރޫހުގައި މަސައްކަތް ކުރައްވަން އަމީން އަބަދުވެސް ހުންނަވަނީ އަތުކުރި އޮޅާލައިގެންނެވެ. ދިވެހިންނާ ބީރައްޓެހި ސަގާފަތަކަށް ހޭނެން، އެފަދަ ބޭފުޅަކަށް އުނދަގޫތަކަކާ ކުރިމަތިވެވަޑައިގަންނަވާނެ އެވެ. އަމީން ވިދާޅުވާ ގޮތުން އޭނާ އަށް މިހާރު ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ އެ މާޔޫސްކަމެވެ.

"އަޅުގަނޑު ދަންނަ ރައްޓެހިން ވެސް، އާއިލާގެ މީހުން ވެސް ހިތަކަށް ނާރާނެ އަޅުގަނޑަށް މި ކަހަލަ ދުވަހެއް ދިމާވެދާނެ ކަމަށް. މިއީ އަސްލުގައި ވަރަށް ހިތް ދަތި އިހްސާސެއް. ފެށުނީއްސުރެން އާއިލާ އާއި ރައްޓެހިންނާ އެކު އުޅުނު މީހަކަށް، އެ ނޫން ހާލަތެއް މެދުވެރިވެ، ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.

އަލީ ވަހީދު މިސްވާ ކަންކަމުގެ ލިސްޓް މާ ދިގެވެ؛ ހަގީގީ ދިރިއުޅުއްވުމުގައި އާއްމުކޮށް ކުރެއްވި އެތައް ކަމެއް މިހާރު އެ ވަނީ ދޫކޮށްލައްވާފަ އެވެ. އެންމެ ހަނދާނުން ފޮހެލަން ދަތި އެއް ކަމަކީ ދިވެހި ފުޓްބޯޅަ އެވެ. ސިޔާސީ މަސައްކަތްތަކުގެ އިތުރުން ފުޓްބޯޅަ އަށް ހިތުގައި އަބަދުވެސް އޮންނަ ލޯތްބާ އެކު ހުސްކުރި ވަގުތުތަކެވެ.

"މިވެނި އެއްޗެކޭ މިވެނި ކަމެކޭ އެހެން ކިޔާނެ ކަމެއް ނެތް. މިތަނަކުން ދިވެހި މާހައުލެއް ނުލިބޭނެ. އެ ހިތްގައިމުކަމާއި ހިތްހަމަޖެހުން ވެސް ނުލިބޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
"މި ހުރިހާ ކަންކަން އެއް ފަރާތްކޮށްފައި އުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން. ކިހާވަރެއްގެ ކަމެއް ކަން އެނގޭނީ ތަޖުރިބާކުރަން ޖެހުމުން."
ޑރ. ޖަމީލް ރާއްޖެ ދޫކުރެއްވީ، އޭނާ ވިދާޅުވި ގޮތުން، ގާނޫނު އަސާސީން ލިބިދިން ރައްކާތެރިކަން ނިގުޅައިގަނެވި މުދަލާއި ނަފްސަށް ލިބޭ ރައްކާތެރިކަން ނެތި، ދަށު ދަރަޖައަކަށް ވެއްޓުނު ހިސާބުންނެވެ. ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި ހުރިހާ އިޖުރާއަތުތައް އެއްކިބާކޮށް އެމަނިކުފާނު ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށެވެ. އެ ހިސާބަށް ގައުމުގެ ކަންކަން ދިޔައިރު ވެސް ގާނޫނު ނަގަހައްޓަވަން ތިއްބެވި މެމްބަރުން ތެދުވެވަޑައިގެން އެ މަސައްކަތް ނުކުރެއްވުމަކީ މުޅި ގައުމަށް ކުރިމަތިކުރުވި ހިތްދަތިކަމެއް ކަަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެ މެމްބަރުންތަކެއް ހޮވަން އަޅުގަނޑު ބުރަ މަސައްކަތްތަކެއް ކުރެއްވި މެމްބަރުން ވެސް ހިމެނިވަޑައިގަންނަވާ. އެއްވެސް މެމްބަރެއް ނެތް އުސޫލަށްޓަކައި ތެދުވެވެވަޑައިގެން ހައްގުގެ ވާހަކަ ދައްކަވާފައި. އެއީ އުސޫލާއި ރާއްޖޭގެ ދުސްތޫރަށްޓަކައި ދައްކަން ޖެހޭ ވާހަކަ. އެ ވާހަކަ ދައްކާފައެއް ނުވޭ. މަޖިލިސް ތެރެއިންނާއި މަގުމަތީގައި އަޅުގަނޑާ ދެކޮޅަށް ކަންތައްތަކެއް ރާވައި ނަފްސަށް ނުރައްކާ ކުރާ ހިސާބަށް ދިޔައިމަ އަޅުގަނޑު ރާއްޖެއިން ދާން މަޖުބޫރުވީ،" ޖަމީލް ވިދާޅުވި އެވެ.
އަމީނާއި އަލީ ވަހީދުގެ ސަބަބު ތަފާތެވެ؛ މެއި 1 ގައި މާލޭގެ މަގުތަކުގައި އަތުރާލި ސަފުތަކުން ސަރުކާރު ޖެހިލުންވިއިރު އޭގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވަ އެވެ. ދެ ބޭފުޅުން ވިދާޅުވި ގޮތުގައި، ކަންކަން އަތުރާލީ ވެސް އެ ބޭފުޅުންނަށް ސަލާމަތްވެވޭނެ ގޮތަކަށް ނޫނެވެ.
މުޒާހަރާގައި އިސްކޮށް އުޅުއްވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރުކުރުމާ އެކު ސަރުކާރުގެ މިސްރާބު ހުރި ގޮތް ތަސައްވަރުކުރެއްވުނު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އިމްރާން ގޭދޮށަށް ގޮސް ފުލުހުން އޭނާ ހައްޔަރުކުރި ރޭ ދަންވަރު ސްރީ ލަންކަން ފްލައިޓުން އަލީ ވަހީދަށް ރާއްޖެ އިން ފުރާވަޑައިގެންނެވުނީ ހަނި ފުރުސަތަކުންނެވެ. ފްލައިޓުގައި އިންނަވަނިކޮށް ފުލުހުން ދިޔަ ނަމަވެސް ކޯޓު އަމުރެއް ނެތުމުން އަލީ ވަހީދަށް ސަލާމަތްވެވަޑައިގެންނެވުނީ އެވެ. އޭރު އަމީނާއި ސޮބާހް ރަޝީދު ވަނީ ރާއްޖެ ދޫކުރައްވައި ޔޫކޭ އަށް ވަޑައިގެންފަ އެވެ.
"ސަރުކާރުގެ މިސްރާބު ހުރި ގޮތުން އިދިކޮޅު އެންމެން އަތުޖެހުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެންމެންނަށް ވެސް ފެނުނީ،" އަލީ ވަހީދު ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން އިނގިިރޭސިވިލާތަށް ވަޑައިގަތުމުން އެކި މީހުން އެކަން މާނަކުރީ އެކި ގޮތަށެވެ. އެއް ބަޔަކު ބުނީ "ފަހު ވަގުތު މައިދާން ދޫކޮށް ފިލީ" ކަމަށެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ވެސް އެ ވިސްނުން ގެންގުޅުނެވެ.
އެ ވިސްނުމަށް ތިން ބޭފުޅުންގެ ވެސް ރައްދަކީ މިއެވެ؛
"ޔާމީންގެ އަތްދަށުން ސަލާމަތްވެގެން ގައުމުން ބޭރަށް އައުމަކީ އަޅުގަނޑުމެން ރައްޔިތުންނަށްޓަކައި ކުރި ކަމެއް. އަޅުގަނޑުމެން ފިލީއަކީއެއް ނޫން. އަޅުގަނޑުމެން ފިލި ނަމަ އަޑެއް ނީވޭނެ، ނުފެންނާނެ. އަޅުގަނޑުމެން ތިބި ތަން އެބަ އެނގޭ، ކުރާ މަސައްކަތް އެބަ އެނގޭ. އެއީ އަޅުގަނޑުމެންގެ ހުށިޔާރުކަން. ޔާމީންގެ ބަލިކަށިކަން،" އަމީން ވިދާޅުވި އެވެ.
އަލީ ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީން ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތުމާއި ދެން ވެސް ހިންގެވި "ޖަރީމާތައް" ފަޅާއަރުވާލެވުނީ ގައުމުން ބޭރުގައި ތިއްބެވުމުންނެވެ. ޖަލުގެ ކުޑަ ގޮޅީގައި އޮންނަވައިގެން އެއީ ވާނެ ކަމެއް ނޫން ކަން ރައްޔިތުން ގަބޫލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ނިންމުމާ ދޭތެރޭ ޝައްކުކުރި މީހުން ވެސް މިހާރު އުފާވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާގައި ހައްޔަރުކޮށް ދޫނިދު އަށް ގެންދިޔައިރު އިދިކޮޅު ހަރަކާތްތަކުގެ މީހުންނަށް 13 ގޮޅި ވަނީ ހާއްސަކޮށްފަ އެވެ.
"އޭރުވެސް އިމްރާން ގާތު ބުނިން އެއް ބަޔަކު މިތަނުން ނިކުންނަން ޖެހޭނެއޭ، އެއީ 13 ގޮޅި އެ މީހުން ހަދާފައި އިނީ ޖުމްލަ. މި ގޮޅިތައް ފުރާލަންވީއޭ ނުވަތަ ރައީސް ޔާމީން ބޭނުން ގޮތަކަށް ތަރުތީބުކުރަން ޖާގަ ދީގެން ނުވާނެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ.
ތިން ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތީ "ބަނަ ވިލާގަނޑެއްގެ ދަށުގަ" އެވެ. މި ސަރުކާރުގައި އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ ވިސްނުމެއް ތިން ބޭފުޅުން ވެސް ނުގެންގުޅުއްވަ އެވެ. އެއަށް ވުރެ ބޮޑު ޒިންމާއަކީ، ރައީސް ޔާމީންގެ ވެރިކަމުން ރައްޔިތުންނަށް "ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ގޮތެއް ހޯދައިދިނުން" ކަމަށް ތިން ބޭފުޅުން ވެސް ވިދާޅުވި އެވެ.
"މޭޑޭގެ މުޒާހަރާގައި މި ކުރި ކަމަކީ ޕްލޭންގެ ދަށުން 2018 ގައި އޭނާ [ރައީސް ޔާމީނަށް] ތްރެޓަކަށް ވެދާނެ އެންމެން، ނުވަތަ ތިމަންނައަށް އުނދަގުލެއް ކުރިމަތިވެދާނެ އެންމެން ދުއްވާލީ،" އަމީން ވިދާޅުވި އެވެ.
"ހަގީގަތުގައި އަޅުގަނޑުމެން މިތަނުގައި މި ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތް. އަޅުގަނޑުމެންނަށް ހޭލެވޭނީ ވެސް، ނިދޭނީ ވެސް ރާއްޖޭގައި ހިނގާ ކަންތައް ބަލަމުން މޮނިޓާކުރަމުން. އަދި އެ ކަންކަމާ ގުޅޭ ގޮތުން ބަހުސްކޮށް މައުލޫމާތު ހޯދަން."
ޖަމީލާއި އަމީން އަދި އަލީ ވަހީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ތިން ބޭފުޅުންނަށް ކުރިމަތިވެވަޑައިގެންނެވި ހިތްދަތިކަމަށް ވުރެ މުހިއްމީ އެހެން ކަމެކެވެ؛ އެއީ "ރައީސް ޔާމީންގެ މުށުތެރެއަށް ޖަމާކުރައްވާފައިވާ ހުރިހާ ބާރެއް" އަތުލައި ރައްޔިތުންނަށް "މިނިވަންކަން" ހޯދައިދެއްވުމެވެ.