28 ސެޕްޓެމްބަރ 2016 - 08:34

ލަންޑަން (ސެޕްޓެމްބަރު 28) - ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކަތަކެއްގެ ސަބަބުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސޭމް އެލަޑީސް މަގާމުން ވަކިވެއްޖެ އެވެ.
މަގާމާ ހަވާލުވިތާ 67 ދުވަސް ފަހުން އަދި އެންމެ މެޗެއް ކުޅެވުނުތަނާ އެލަޑީސް، އިނގިރޭސި އެފްއޭއާ އެކު އެއްބަސްވުމަކަށް އައިސް ކޮންޓްރެކްޓް އުވާލީ އޭނާގެ މައްސަލަ ތަހުގީގެއް ކުރަމުން އަންނަނިކޮށެވެ. އެފްއޭ އިން ވަނީ އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ގަރެތު ސައުގުގޭޓް ހަމަޖައްސައިފަ އެވެ.
ޑެއިލީ ޓެލެގްރާފުގެ ނޫސްވެރިންތަކެއް، އިރުމަތީ އޭޝިއާގެ އިންވެސްޓަރުންނަށް ހެދިގެން އެލަޑީސްއާ ބައްދަލުކޮށް ދެއްކި ވާހަކަ ސިއްރުން ވީޑިއޯ ކޮށްފައިވާއިރު، އެ ވީޑިއޯގައި އޭނާ ވަނީ އެފްއޭގެ ބައެއް ގަވާއިދުތަކާ ހިލާފަށް ކުޅުންތެރިން ގަނެ ވިއްކުމުގައި އެހީތެރިވެވިދާނެ ކަމަށް އެއްބަސްވެފަ އެވެ. އަދި ފީއެއް ނަގައިގެން، އެމްބެސެޑަރެއްގެ ގޮތުން ސިންގަޕޫރާއި ހޮންކޮން އަށް ގޮސްދީފާނެ ކަމަށް އޭނާ ވަނީ އިންވެސްޓަރުން ގާތު ބުނެފަ އެވެ.
މީގެ އިތުރުން އިންގްލެންޑުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން ވާހަކަދައްކާ ގޮތަށް މަލާމަތްކޮށް އޭނާގެ ގާބިލްކަމާ މެދު ސުވާލު އުފައްދައި އަދި އެފްއޭގެ ބައެއް ނިންމުންތަކަށް ވެސް އެލަޑީސް ވަނީ ޖޯކު ޖަހައިފަ އެވެ.
އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލަޑީސްގެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެކަން ގަބޫލުކޮށް އޭނާ މައާފަށް އެދިފައިވާ ކަމަށެވެ. އެފްއޭ އިން ބުނީ މި މައްސަލަ ނެގީ ސީރިއަސްކޮށް ކަމަށާއި އިންގްލެންޑުގެ ގައުމީ ކޯޗުގެ ވަޒީފާއާ އެކު، ވަރަށް ގިނަ ޒިންމާތަކެއް ނަގަން ޖެހޭ ކަމަށެވެ. އެގޮތުން ލީޑާޝިޕް ދައްކައި ވަޒީފާއަށް ވަފާތެރިވެ، ޖުމްލަކޮށް ފުޓްބޯޅައިގެ ހުރިހާ ކަމަކަށް އިހުތިރާމް ދޭން ޖެހޭ ކަމަށް އެފްއޭ އިން ބުނެފައިވެ އެވެ.
ޔޫރޯގައި ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން ހޮޖްސަން ވަކިކޮށް އެލަޑީސްއާ މަގާމް ހަވާލުކުރިއިރު އޭނާގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނު ހަމައެކަނި މެޗުން ސްލޮވާކިއާ އަތުން 1-0 އިން ވަނީ މޮޅުވެފަ އެވެ.
އިންގްލެންޑުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ސައުތުގޭޓަކީ އިނގިރޭސި ގައުމީ ޓީމަށް 57 މެޗު ކުޅެފައިވާ ޑިފެންޑަރެކެވެ. މިޑްލްސްބަރާ އަށް ކޯޗުކޮށްދީފައިވާ ސަތުއުގޭޓް، 45، މިހާރު މަސައްކަތްކުރަމުން އަންނަނީ އިންގްލެންޑުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގަ އެވެ.