31 މެއި 2016 - 06:25

ރުއިމަކީ ގިނަ މީހުންގެ ދިރިއުޅުމުގެ މުހިންމު ހިއްސާއެކެވެ. އާންމު ގޮތެއްގައި ލޮލުން ކަރުނަ އައުން ގުޅިފައިވަނީ ހިތާމަވެރިކަމަކާ އެވެ. ނަމަވެސް، އުފަލުން ރޮވޭ ފަހަރު ވެސް މަދެއް ނޫނެވެ. އަދި ހެމުން ހެމުން ގޮސް ލޮލުން ފެން އަންނަ މީހުން ވެސް ގިނަ އެވެ.

އެކަމަކު، ލޮލުން ކަރުނަ އަންނަން ދިމާވާ ސަބަބު ރަނގަޅަށް ބުނެދޭން ގިނަ މީހުންނަކަށް ނޭނގެ އެވެ. ބައެއް ފަހަރު ދެރަވާ ފިލްމެއް ބަލައިގެން ވިޔަސް، ބިޓު ކަޓައިގެން ވިޔަސް ނޫނީ ހަޔާތުގެ ކޮންމެ ވެސް ދަނޑިވަޅެއް ކަރުނައާ ގުޅިފައިވާ ކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަން ކަށަވަރެވެ.

ކޮންމެ ފިރިހެނަކު ވެސް ކުޑައިރު މި ބަސްކޮޅު އަޑުއަހާފައި ވާނެ އެވެ. އެހެން ވީއިރު ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ރޯ ނަމަ، އެކަމުގެ ފަހަތުގައި ސަބަބެއް އޮންނާނެތާ އެވެ. ނޫނީ އެކަމުން ކޮންމެވެސް މަންފާއެއް ކުރަންވާނެތާ އެވެ.

މިހާތަނަށް ހެދި ކޮންމެ ދިރާސާއަކުން ވެސް ދައްކާ ގޮތުން ނަމަ، ފިރިހެނުންނަށް ވުރެ ގިނަ އިން އަންހެނުން ކަރުނަ އަޅަ އެވެ. މިގޮތުން 1982 ގައި ކުރި މިފަދަ ދިރާސާއެއްގައިވާ ގޮތުން އެވަރެޖްކޮށް އަންހެނަކު މަހަކު 5.3 ފަހަރު ކަރުނަ އަޅަ އެވެ. އަދި އެ ރުއިންގަނޑު ފަހެއް ނުވަތަ ހަ މިނެޓަށް ދިގު ދެމިގެންދެ އެވެ. ނަމަވެސް ފިރިހެނުން ރޮނީ މަހަކު 1.3 ފަހަރު، އެންމެ ގިނަވެގެން ދެ މިނެއްޓަކަން އެ ދިރާސާގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ކޮންމެ ގައުމަކަށް ނުވަތަ ނަސްލަކަށް ބެލިޔަސް، ތުއްތު ކުދިން ރޯ ވަރުގައި ތަފާތެއް ނުހުރެ އެވެ. އަދި ޅަ އުމުރުގައި ޖިންސުގެ ތަފާތެއް ނުހުންނަ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. އެހެން ވިއްޔާ އުމުރުން ދޮށިވާ ވަރަކަށް ރުއިމުގައި ޖިންސުގެ ތަފާތު ކަން އަންނަނީ ކީއްވެ ހެއްޔެވެ؟
މިކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުން ނަމަ، ރުއިމުގައި އެ މީހެއް އުޅޭ މުޖުތަމައު ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ނަފްސާނީ އެކި ކަންކަމުގައި ކަރު އަޅަނީ ހަމައެކަނި އިންސާނުންނެވެ.
ތަދުވެގެން ރޮވޭ އިރު، އުފަލުން ގޮސް ނޫނީ ހިތްދަތިވެގެން ކަރުނަ އަޅާ ސަބަބެއް ހޯދިފައެއް ނުވެ އެވެ. ރުއިމަކީ އިންސާނެއްގެ އެ ވަގުތުގެ ސިކުނޑީގެ ހާލަތު ބޭރު ފުށަށް ދައްކާ ނުވަތަ ބަންޑުން ކޮށްލާ ވަސީލަތެއް ކަމަށް ވެސް ވެދާނެ އެވެ.
އިންސާނުން ރޮނީ ހިތުގެ ނުތަނަވަސް ފިލުވާލަން ކަމުގައި ވެސް ބައެއް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. އެއީ ރޮއެ ނިމޭ އިރު ހިތަށް ފިނިކަން ނުވަތަ ހިތްހަމަޖެހުން ލިބޭ ކަމުގައި އެ ދިރާސާގައި ބައިވެރިވި ބައެއް މީހުން ވަނީ ބުނެފަ އެވެ.
އެކަމަކު އިންސާނުން ހަގީގަތުގައި ރޯ ސަބަބެއް ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.