28 ސެޕްޓެމްބަރ 2016 - 06:07

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
އެ ހިސާބުން ކަވާޖެހުން މެދުކެނޑުނެވެ. ދެން ހިނގައިދިޔައީ ހޫނު ޒުވާބެކެވެ. ޝައިތާނާ ބުނާ ކޮންމެ އެއްޗެއް ހާދީއަށް އިވެނީ އަހަރެން ބުނީމައެވެ. އަހަރެންގެ ދޫ ކޮންޓުރޯލުކުރަނީ ޝައިތާނާކަން ހާދީއަށް އެނގެއެވެ. އެހެންނަމަވެސް، ބައެއް ފަހަރު "އަހަރެން" ބުނެލާ ހުތުރު ބަސްތަކުން ހާދީގެ ލޭ ކައްކުވައިލައެވެ. އެ ކަމުގައި އަހަރެންގެ ބާރެއް ނެތްކަން އެނގޭތީ ހާދީގެ ހިތުގައި އުފެދެނީ ހަމްދަރުދީއެވެ. އެހީތެރިކަން ހައްތާ ވަނީ ބޮޑެވެ. ޝައިތާނާ ބޭނުންވަނީ ހާދީގެ ހިތް ކިލަނބުކޮށްލާށެވެ. އަހަރެންދެކެ ފޫހި ކުރުވާށެވެ. ހާދީގެ މައިންބަފައިންނާ ދިމާއަށް އަހަރެން ލައްވާ ހުތުރު އެއްޗެހި ކިޔުއްވީ އެ ބޭނުމުގައެވެ. ލަދުން ގޮސް ވެސް ހާދީ އެ ތަނުން ދޭތޯއެވެ. އަހަރެންގެ ބައްޕަ ވެސް އެ ތަނުގައި އިންދާ ހާދީގެ ޢާއިލާގެ އެކި މެންބަރުންނާ ދިމާއަށް އަހަރެން ހިތުހުރި އެއްޗެއް ކިއީމެވެ. ރުޅިއައިސްގެ ހާދީ ނުދިޔައީ ހާދީއަށް ލިބިފައިވާ ތަޖުރިބާ ބޮޑުވީމައެވެ. އަހަރެންގެ ކުށެއް ނެތްކަން ހާދީއަށް ކަށަވަރުވާތީއެވެ. އެކަމަކު، ބައެއް ފަހަރު ކެތް ނުވެގެން އިރުކޮޅަކަށް ހާދީ ނުކުމެއެވެ. ޒުވާބު ހޫނުވި ފަހަރު ވެސް ހާދީ ނުކުތެވެ. ނުކުމެފައި ދެން އައީ މާހިރު ގޮވައިގެންނެވެ. މާހިރަކީ މިސްކިތެއްގެ މުދިމެކެވެ. ޤުރްއާން ހިތުދަސް މީހެކެވެ. އޭރު، ކޮޓަރީގެ ކުޑަދޮރުތައް ހުރީ ހުޅުވައިފައެވެ. ތަނުގެ ހޫނުމިން ހުރީ އާދައިގެ ވަރަކަށެވެ. އެހެންނަމަވެސް، ހާދީ ފަހުން ބުނިގޮތުގައި އޭނަގެ ދެ ފަޔަށް ހީވަނީ އައިސްފެން އަޅާހެންނެވެ. އެއީ، ބައެއް ކަހަލަ ޖިންނިޝައިތާނުން އެއްތަނަކަށް މާ ގިނައިން ޖަމާވާން ފެށުމުން ދިމާވާ ކަމެކެވެ. ޖިންނިޝައިތާނުންގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އޮވެއެވެ. ކޮންމެ މީހެއް ގާތުގައި ހުންނަ ޝައިތާނާ އަނެއް ޝައިތާނާއަށް ޚަބަރުތައް ދެއެވެ. ސިއްރުތައް ހިއްސާކުރެއެވެ. ސިހުރުވެރިންނަށް މަޢުލޫމާތު ލިބޭ ގޮތަކީ އެއީއެވެ.
"މި ވަގުތު މި ތަން ވަރަށް ފައްކާ!" ބޮޑާ ރާގެއްގައި އަހަރެން ލައްވާ ޖިންނި ބުނުވިއެވެ.
"އެއީ ކީއްވެ މި ތަން ފައްކާވީ؟" ހާދީ ސުވާލުކުރިއެވެ. "ހަމަ އާދައިގެ އިމާރާތެއްގަ ހުރި ތަނެއްނު މީ. ވަކި ފައްކާވާން ޖެހެނީ ކީއްވެބާ؟"
"މިތާ އެބަތިބި ތިނެތި." ޖިންނި ބުންޏެވެ.
"ކޮބާ ބޭނުމަކީ؟" ހާދީ އެހިއެވެ. "އެހުމުން ވައްކަންކުރަން؟"
"އުހުނ!" ފުސްކަމެއް ހުރި އެކަމަކު ގަދަފަދަ އަޑުން ޖިންނި ޖަވާބުދިނެވެ. "އަޑުއަހަން."
"އެ ވާހަކައެއްނު މަ ވެސް މި ބުނީ." ހާދީގެ އަޑު ވެސް ކުރިއަށް ވުރެ ބާރުވިއެވެ.
"އުހުނ! އެހެނެއް ނޫނޭ!" ޖިންނި ބުނެލިއެވެ. "މި ތަނުގަ ހިނގާ ރަނގަޅު ކަންތައްތައް ދަސްކުރަންވެގެން."
"އެކަމަކު އަހަންނަށް ސިއްރުން ތި ކަމެއް ވެސް ނުކުރެވޭނެއްނު،" ހާދީ ދެކޮޅުހެދިއެވެ. "ކޮން ކުލައެއްގަ ތިބީ؟"
"ހުދު ކުލައިގަ." ޖަވާބުގައި ޖިންނި ބުންޏެވެ.
"އޭރުން ދެން އެ ނިމުނީތަ؟" ހާދީ އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދެއެވެ. "ހުދުކުލައިގަ ތިއްބެކޭ ކިޔާފަ އެ ވާނެތަ މާ ރަނގަޅު ބަޔަކަށް؟ އަހަރެންގެ ހުއްދަ ނެތި މި ތާކަށް ނުވަދެވޭނެ. ވަރިހަމަ ހުދުކުލައިގަ ތިއްބަސް. ނުކުމޭ މި ތަނުން. ބޭނުމެއް ނޫން ކުޅިބަލަން ބަޔަކު ވައްދާކަށް. ކޮންމެ މީހެއްގެ ވެސް ގޯތިގެދޮރަކީ ޙުރުމަތްތެރި ތަނެއް. ވަދެގެން ނުވާނެ. ވަދެވޭނީ ހުއްދަ ހޯދައިގެން. އަޅެ ކަލޭމެން ތިހާ މޮޅިއްޔާ މި މާހިރާ ބެހޭގޮތުން އެނގޭ ހުރިހާ އެއްޗެއް ކިޔައިދީބަލަ! ކޮންމެވެސް ޖިންނިއެއް މާހިރާ އަޅައިގަނެގެން އުޅޭ ވާހަކަ އަޑުއެހިން."
"މާހިރާ އަޅައިގަނެގެން އުޅޭ ޖިންނި އެބަހުރި މިތާ." ޖަވާބުގައި ބުންޏެވެ.
އަދަބުދީގެން ޖިންނީގެ ބޮޑާކަން ކަނޑުވާކަށް އެ ފަހަރަކު ހާދީ ނޫޅެއެވެ. ހާދީ އުޅުނީ ރައްދު ދީގެން ޖިންނީގެ އަނގަ ބަންދުކޮށްލާށެވެ.
"އެހެންތަ؟ ހާދީ ބުނެލިއެވެ. "ކޮބާ އޭނަ؟"
"އެބަހުރި ވަރަށް ދުރުގަ ބަލަހައްޓައިގެން." ޖިންނީގެ ނިޔަތަކީ ހާދީގެ އަނގަ ބައްދާލުން ކަހަލައެވެ.
"އެއީ ކީއްވެ ދުރުގަ ހުރީ؟ އޭނައަށް ގޮވާ! ބުނޭ އަންނާށޭ،" ހާދީ ބިރެއް ނެތި ބުނެލިއެވެ. "މާހިރާ އަޅައިގަނެގެން އުޅޭ ޖިންނިއެއް ކޮންމެހެން ދުރަކު ހުންނާނެކަމެއް ނެތެއްނު. މާހިރު ގާތުގައެއްނު ހުންނަންވާނީ."
"އުހުނ! އޭނައެއް ނާންނާނެ." ލިބުނު ޖަވާބަކީ އެއީއެވެ.
"އަހަނ!" ހާދީ ބުންޏެވެ. "އެއީ ކީއްވެ؟"
"ހުމޭރުގެ ބޯލާކޮޅުގަ އަޒްލުވާލް ހުރީމަ،" ދެއްކި އުޒުރަކީ އެއީއެވެ. "މި އެންމެން ވެސް އަޒްލުވާލް ދެކެ ބިރުގަންނާނެ. އޭނައަކީ މާރިދެއް."
"އެއީ ކީއްވެ އެންމެން ބިރުގަންނަންވީ؟" މަލާމާތުގެ ރާގެއްގައި ހާދީ ބުންޏެވެ. "ތި އަޒްލުވާލް ބިރުގަންނަ އެއްޗެއް އަންނައިރަށް އޭނަ ވެސް ބިރުން ރައްކާވާނެ. ވަރިހަމަ މާރިދެއް ނޫން އިފުރީތަކަސް."
"ނޭނގޭ ވާހަކަނުދައްކާ!" އިންޒާރުގެ ރާގެއްގައި ޖިންނި ބުންޏެވެ. "އެއީ މި ދުނިޔޭގަ އުޅޭ އެންމެ ބިޔަ ޖިންނި."
"ތީ ހުސް ދޮގު،" ހާދީ ގަބޫލެއް ނުކުރިއެވެ. "ކަލޭމެން ނުބުނާނެ ތެދެއް. ފޮނިކަނޑާނީ. ތީ އެއްވެސް ބައެއް ނޫނޭ. ބިޔަ އެއްޗެއް އެބަ ހުއްޓޭ ތި ކިޔަނީ މަ ބިރުގަންނާނެކަމަށް؟ ކަލޭމެން އަޅިޔަށް ހަދާލެވޭ ވަރުގެ ހަތިޔާރެއް މުސްލިމުންނަށް އޮތީ ދެއްވާފަ. ކަންކަން މާ އެނގޭކަމަށް ދަޢުވާކުރަންޏާ އަޅެ ބުނަބަލަ މަ މީ ކާކުކަން؟ މަށާ ބެހޭ ހުރިހާ އެއްޗެއް ކިޔާބަލަ! ތި ބުނަނީނު މި ތާނގަ އެތައް ބަޔަކު އެބަތިއްބޭ!"
އެއްޗެއް ނުބުނެ ކުޑަ ވަގުތުކޮޅެއް ހޭދަވިއެވެ.
"ނޭނގުނު، ނުބުނި." ޖިންނީގެ ޖަވާބު ކުރެވެ.
"އަހަނ! ކިހިނެއް ތިވީ؟" ހާދީއަށް ކުރިލިބެން ފެށިއެވެ. "ތި ބުނާހާ މޮޅެއް ނުވިއެއްނު. އަހަރެން ގާތުގަ ހުރި ޖިންނިދެކެ ބިރުން އަހަން ނުކުރެނީތަ؟ ނޫނީ ރައްޓެއްސެއް ނޫންވީމަ އޭނަ ނުބުނީތަ؟ މަ ބޭނުމެއް ވެސް ނޫން ކަލޭ ޖަވާބުދޭކަށް. މަ ބުނެފާނަން ވީގޮތް. އޭނައަށް ނޭނގެނީ. ތީ އެއްވެސް ބައެއް ނޫނޭ. އިންސާނުންގެ ތެރެއިން ބަޔަކު ކަލޭމެން ކައިރިން އެހީ ހޯދާ، ކަލޭމެންނަކީ ދެން މާ މޮޅު ބަޔަކަށް ހަދާތީ ކަލޭމެން ބޮޑާވަނީ. ކަލޭމެންނަކަށް ނޭނގޭނެ ވާންއޮންނަ ކަމެއް ވެސް. އުޑުތަކަށް އަރާ ޚަބަރެއް ވެސް ނުހޯދޭނެ. މާހިރާ އަޅައިގަނެގެން ޖިންނިއެއް އުޅޭ ވާހަކަ އެއީ ހުސް ދޮގު. ކަލޭ ހަމަ ހަދާ ގޮތެއް ބަލައިލަން އެހެން ބުނީ. ރީތިވެއްޖެއްނު! އެހެންވީމަ ކޮން މޮޅެއް ތިވީ؟ ހުރިހާ އެއްޗެއް އެނގޭ ނަމަ ކަލޭ ބުނަންވީނު މާހިރޭ ކިޔައިގެން މަ ހެދީ ހުސް ދޮގޭ. ކަލޭމެންނަކީ އެއްޗެއް އެނގިގެން އުޅޭ ބައެއް ނޫން. ކަލޭމެންކަލޭމެންނާ އޮންނަ ގުޅުމެއްގެ ބޮޑުކަމުން އެކި ދިމަދިމާއިން ކަލޭމެންނަށް ޚަބަރުތައް ލިބެނީ. އޭގެ މައްޗަށް ބިނާކޮށް ކަލޭމެން އިންސާނުންގެ ބޮލަށް ވަދެގެން އިތުރު މަޢުލޫމާތު ހޯދަނީ. އަހަރުމެން އިންސާނުންގެ ތެރޭގަ ވެސް އުޅޭ ތީގެ މީހުން. އެ މީހުންނަށް ކިޔަނީ ސައިކިކް. އެއީ އިންފޮމޭޝަން މަނިޕިއުލޭޓާސް. އެ މީހުން ވެސް ބައިވަރު މީހުންނާ ބައްދަލުވެ ބައިވަރު ދިރާސާ ހެދިފަ ހުރީމަ، އެ މީހުންނަށް ވަރަށް ފަސޭހަވާނެ މީހުންގެ މަޢުލޫމާތުތައް ދަމައިގަންނަން. އެ މީހުން ވަރަށް ކުޅަދާނަވާނެ ޗޭނުގެ ބޮޅުތައް ގުޅުވާލަން. ސީދާ އެ ތިޔަރީ މިހާރު ކަލޭމެން ވެސް ބޭނުންކުރަނީ. އިރެއްގަ މާ މޮޅު ބަޔަކަސް މިހާރު ތީ އެއްވެސް ބަޔެއް ނޫނޭ. ހަމަ އެންމެ ތަންކޮޅެއް އޮތީ. އަހަރުމެންނަށް ކަލޭމެން ނުފެންނަކަން އެކަނި."
"މަށަށް އެނގޭ ވެފަހުރި ކަންތައްތައް،" ކިބުރުވެރިކަމާ އެކުގައި ޖިންނި ބުންޏެވެ. "ވާންއޮންނަ ކަންތައްތައް ވެސް އެނގޭ."
އަހަރެންގެ ކަށިތަކުގައި އޭނަގެ އަޑު ހިފައިލައިފައި ހުއްޓެވެ. ފިނިކަމުން އަހަރެން ތުރުތުރުއަޅަން ފެށިއެވެ.
"ވާންއޮންނަ ކަންކަމެއް ނޭނގޭނެ،" ހާދީ ވަގުތުން ޖަވާބުދިނެވެ. "އެ ކަހަލަ ކަމެއް ކަލޭ ބުންޏަސް މަ ގަބޫލެއް ނުކުރާނަން. އެކަމަކު، އެނގިދާނެ ކަންތައްތަކެއް ހުރެދާނެ. ކޭތަހިފަން ފަށާ ވަގުތާ ވީއްލާނެ ވަގުތާ، އިރުހަނދު އަރާއޮއްސޭނެ ވަގުތާ، ދުންތަރި ފެންނާނެ ދުވަސްވަރު އެނގިދާނެ. ވާރޭ ވެހޭނެ ގަޑިތަކާ، ނުވެހޭނެ ވަގުތުތައް ވެސް ލަފާކުރެވޭނެ. ކެންސަރު ޖެހުނީމަ ދެން އޭނަ ދުނިޔޭގަ ހުންނާނެ މުއްދަތު ވެސް ބައެއް ފަހަރު ވަރަށް ސީދާކޮށް އިންސާނުން ވެސް ބުނޭ. ސުނާމީ އުފެދޭނީ ކިހާ ބާރުގަދަ ބިންހެލުމެއް އައީމަކަމާ، އުފެދޭ ތޫފާން ރަށްތަކަށް އަރާނެ ވަގުތު ވެސް މާ ކުރިން ބުނޭ. އެ އަށް އަހަރެން ކިޔަނީ ޢިލްމު. މީހުންގެ މާޒީ ކަލެއަށް އެނގެނީ، އެ މީހާ ގާތުގަ ހުންނަ ޖިންނި ކަލެއަށް ކިޔައިދޭތީ. ނުކިޔާދޭ ފަހަރުފަހަރު ކަލެއަކަށް މާޒީއެއް ވެސް ނޭނގޭނެ. އަހަރުމެން އިންސާނުން ވެސް ދަންނަ މީހަކާ ވާހަކަދެއްކީމަ ވަރަށް އަވަހަށް ވާހަކަދައްކާ. އެކަމަކު، ނުދަންނަ މީހަކު ރައްޓެހިކޮށް ވާހަކަދައްކާނީ ދެކެފަރިތަވެގެން. އެހެންނޫނީ އެއްޗެއް އެހިޔަސް އަނގައަކުން ނުބުނާނެ. ކަލެއަށް ވެސް ވާނީ ހަމަ އެހެން. ބައެއް ފަހަރު ކަލެއަށް އެނގޭނެ. އަނެއްބައި ފަހަރަކު ނޭނގޭނެ. ދެން ބުނާނީ މާދަމާ އެވެނި ކަމެއް ބުނާނަމޭ. އެއީ އެ ޖިންނިޔާ ކަލެޔާ ދެމެދު ރަޙުމަތްތެރިކަން އުފެދެން ނަގާ ވަގުތު. ދެން ބުނޭ ތީ ހުސްދޮގޭ."
ޖިންނީގެ އަނގަ، ފުރަތަމަ ފަހަރަށް ބެދުނު ކަހަލައެވެ. އަޑެއްބަޑެއް ނީވެ އިރުކޮޅެއް ދިޔައެވެ. ދެން އައީ ރުޅިއެވެ.
"ކަލެއަށް ހޭއަރުވާލާނަން!" އަހަރެން ލައްވާ ހާދީއަށް އިންޒާރުދިނެވެ. "މާ އެނގިގެން އުޅޭނެކަމެއް ނެތް. ކަލޭމެން ތި ބުނާ ގޮތަށް، ފަސް ވަގުތު ނާޅާ ނަމާދުކޮށްކޮށް ހުއްޓައެއްނު މީނައަށް މިހެންވީ."
"އިންސާނުންނަކީ ހަނދާންނެތޭ ބައެއް،" ހާދީ ސަބަބު ކިޔައިދިނެވެ. "ފަރުވާ ކުޑަ ކުރެވޭ ބައެއް. އޭގެ ފައިދާ ކަލޭމެން ނަގަނީ. އެއީ ވާ ގޮތަކީ."
"އޭނަ ރައްކާތެރިކޮށް ނުދެވުނީ. އެހެން ބުނެބަލަ!" އަހަރެންގެ ހިތުގައި ޝައްކު އުފެދުމަށްޓަކައި ޖިންނި ބުންޏެވެ.
ހާދީ އަތުގައި އޮތް ފުޅިން އަހަރެންގެ ގަޔަށް ފެންފޮދެއް ޖަހައިލިއެވެ. ކުއްލިއަކަށް އަހަރެން އިދިފުށަށް ދަމައިގަތް ގޮތަށް ތިރި ނުވެސް ވިއެވެ. އެނދުގައި ޖެހިފައި ހުރީ އަހަރެންގެ ފުންނާބާއި ފުއްކިބަ އެކަންޏެވެ.
ނުނިމޭ