މާލީގެ އާސާރީ ތަންތަން ހަލާކުކުރި އިސްލާމީ ލީޑަރު ނުވަ އަހަރަށް ޖަލަށްލާން އައިސީސީން ހުކުމްކޮށްފި
މާލީގެ އާސާރީ ތަންތަން ހަލާކުކުރި އިސްލާމީ ލީޑަރު ނުވަ އަހަރަށް ޖަލަށްލާން އައިސީސީން ހުކުމްކޮށްފި

ދަ ހޭގް ސެޕްޓެމްބަރު 27) - ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ މާލީގެ އިސްލާމީ ތާރީޚާއި ގުޅޭ މުހިންމު ސިޓީއެއް ކަމަށްވާ ޓިމްބުކްޓޫގެ އާސާރީ ބިނާތަކަކަށް 2012 ވަނަ އަހަރު ގެއްލުން ދިން މައްސަލައިގައި ހަނގުރާމަވެރި ޖަމާއަތެއްގެ މެމްބަރެއް ކަމަށްވާ އަހުމަދު އަލް ފަގީ އަލް މަހްދީ ނުވަ އަހަރަށް ޖަލަށްލާން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން މިއަދު ހުކުމްކޮށްފި އެވެ.

މާލީގެ އާސާރީ ތަންތަން ހަލާކުކުރި އިސްލާމީ ލީޑަރު ނުވަ އަހަރަށް ޖަލަށްލާން އައިސީސީން ހުކުމްކޮށްފި
މާލީގެ އާސާރީ ތަންތަން ހަލާކުކުރި އިސްލާމީ ލީޑަރު ނުވަ އަހަރަށް ޖަލަށްލާން އައިސީސީން ހުކުމްކޮށްފި

އައިސީސީ އިން ފުރަތަމަ ފަހަރަށް ހިންގި ޝަރީއަތުގައި މަހުދީ ވަނީ ކުށަށް އިއުތިރާފްވެ، އެކަމަށް މައާފަށް ވެސް އެދިފަ އެވެ. ދަ ހޭގުގެ ފަނޑިޔާރުން ވަނީ އާސާރީ ތަންތަނަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށެއް ކަމަށް ފުރަތަމަ ފަހަރަށް ހުކުމްކޮށްފަ އެވެ. އަދި މިއީ އިސްލާމީ ހަނގުރާވެރި ލީޑަރަކު އައިސީސީގެ ޝަރީއަތަކަށް ހާޒިރުކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި އޭނާ އަކީ ދަ ހޭގުގައި ކުށަށް އިއުތިރާފްވި ފުރަތަމަ މީހާ ވެސް މެ އެވެ.

ކުށަށް އިއުތިރާފް ވަމުން މަހުދީ ކޯޓުގައި ބުނެފައި ވަނީ އޭނާގެ އަމަލުތަކުގެ ސަބަބުން މާލީގެ އާސާރީ ބިނާތަކަށް ލިބުނު ގެއްލުމަށް ހިތާމަ ކުރާ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި މި ބާވަތުގެ ކަންކަމުގައި ބައިވެރި ނުވުމަށް ދުނިޔޭގެ މުސްލިމުންނަށް އޭނާ ވަނީ ނަސޭހަތް ވެސް ދީފަ އެވެ.

މަހުދީ އަކީ އަލްގައިދާއާ ގުޅުން އޮންނަ ޖަމާއަތެއް ކަމަށްވާ އަންސާރު ދައިން އަށް ނިސްބަތްވާ މީހެކެވެ. މި ޖަމާއަތުން ވަނީ ޓިމްބުކްޓޫ އެތައް މަހެއް ވަންދެން ހިސާރުކޮށްފަ އެވެ. އެ ތަނުގައިވާ އާސާރީ ތަކެއްޗަކީ ބުދު ކަމަށް އިސްލާމީ ހަނގުރާމަވެރިން ގަބޫލް ކުރެ އެވެ. އަދި އެ ތަންތަން ހަލާކު ކުރަން އިސްލާމީ ހަނގުރާމަވެރިން ފެށީ އެ ތަންތަނަށް މީހުން އަޅުކަން ކުރަން ފެށުމުންނެވެ.

މަހުދީ ވަނީ ޖޫން 30، 2012 ގައި އާސާރީ ތަންތަން ހަލާކު ކުރުމަށް ހުކުރު ޚުތުބާގައި އިރުޝާދު ދީފަ އެވެ. އަދި ފަހުން ވަނީ އެ ތަންތަން ހަލާކު ކުރުން ދިފާއުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ބަލާ ކޯޓެއް ނަމަވެސް ވަކި ޚާއްސަ ހާލަތްތަކެއްގައި އެހެން ބައެއް ކުށުގެ މައްސަލަތައް ވެސް ވެސް އެ ކޯޓުން ބަލަ އެވެ.

ޔުނެސްކޯ އިން އެކުލަވާލާފައިވާ ދުނިޔޭގެ މުހިންމު އާސާރީ ތަންތަނުގެ ލިސްޓުގައި ހިމެނޭ ޓިމްބުކްޓޫ ސިޓީއަކީ ހުޅަނގު އެފްރިކާގެ ގައުމުތަކަށް އިސްލާމް ދީން ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރި ތަނެކެވެ. އެ ތަނުގައި އިސްލާމީ ތާރީޚީ އެތައް ހާސް ލިޔުންތަކެއް ރައްކާކޮށްފައިވާއިރު 13 ވަނަ ގަރުނުން ފެށިގެން 17 ވަނަ ގަރުނާއި ހަމައަށް އެ ތަނަކީ އިސްލާމް ދީން އުނގަންނައިދިން މަރުކަޒެއް ވެސް މެ އެވެ.