ސަލްމާނާއި ކެޓުރީނާ އަލުން ރައްޓެހިވާން އުޅޭ ކަމުގެ ނިޝާންތައް
ސަލްމާނާއި ކެޓުރީނާ އަލުން ރައްޓެހިވާން އުޅޭ ކަމުގެ ނިޝާންތައް

ބޮލީވުޑްގެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސަލްމާން ޚާނާއި އޭނާގެ ރޫމެނިޔާ ލޯބިވެރިޔާ އިއުލިއާ ވަންތޫރު މިހާރު ވަނީ ރުޅިވެފަ އެވެ. ސަލްމާންގެ ކުރީގެ ލޯބިވެރިޔާ އަދި ބޮލީވުޑް ތަރި ކެޓުރީނާ ކައިފް އާއި ސަލްމާން އަލުން ގުޅެން އުޅެނީތޯ މިހާރު ސުވާލު އުފެދެ އެވެ.

ސަލްމާނާއި ކެޓުރީނާ އަލުން ރައްޓެހިވާން އުޅޭ ކަމުގެ ނިޝާންތައް
ސަލްމާނާއި ކެޓުރީނާ އަލުން ރައްޓެހިވާން އުޅޭ ކަމުގެ ނިޝާންތައް

ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން ބުނަނީ ސަލްމާނާއި ކެޓުރީނާ އަލުން ރައްޓެހިވުން ވަރަށް ގާތް ކަމަށެވެ. އަދި މިހާރުވެސް އެކަމުގެ ބައެއް ނިޝާންތައް ފެންނަ ކަމަށް ބުނެ އެވެ.

ހަތަރު އަހަރަށް ފަހު ސަލްމާނާއި ކެޓުރީނާ މިހާރު ވަނީ އެކުގައި ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. އެއީ މި ދެ ތަރިން އެކުގައި ކުޅުނު ޔާޝްރާޖް ފިލްމްސްގެ "އޭކް ތާ ޓައިގާ"ގެ ސީކުއަލް "ޓައިގާ ޒިންދާ ހޭ" އެވެ.

ސަލްމާނާއި ކެޓުރީނާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. ރަންބީރު ދެކެ ލޯބިވެގެން ކެޓުރީނާ ގަސްތުގައި ސަލްމާނާ ރުޅީވީ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ޔަގީންވާ ކަމަކީ އޭގެ ފަހުން ކެޓުރީނާ އާއި ރަންބީރު ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން ކައިވެނިކުރަން ވެސް ތައްޔާރުވި ކަމެވެ. ނަމަވެސް ކުއްލިއަކަށް ވީނުވީއެއް ނޭނގި ފެނުނީ ދެ މީހުން ރުޅިވި ތަނެވެ.

ރަންބީރާ ރުޅިވި ސަބަބު ކެޓުރީނާ ކިޔައެއް ނުދެ އެވެ. އެހެންވެ ގިނަ ބަޔަކު ހީކުރީ ދެ ލޯބިވެރިންގެ ދެމެދުގައި ކުންޏެއް ޖެހިގެން އުޅެނީ ކަމަށާއި މާ ލަސްތަކެއް ނުވެ އަލުން ގުޅޭނެ ކަމަށެވެ.

ނަމަވެސް ރަންބީރު ފަހުން ދިން އިންޓަވިއުއެއްގައި ކެޓުރީނާގެ ނުފޫޒު ގަދަކަމުގެ ވާހަކަ ދެއްކުމުން މި ދެ ތަރިން އަލުން ގުޅުމުގެ ފުރުސަތެއް ނެތްކަން ހާމަވި އެވެ.

ރަންބީރާ ރުޅިވުމަށް ފަހު ކެޓުރީނާ އެންމެ ފުރަތަމަ ވެސް ގުޅީ ސަލްމާނަށެވެ. އަދި އޭރުއްސުރެ ސަލްމާނާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކެޓުރީނާ ފެށި އެވެ. އިއުލިއާއާ ސަލްމާނާ މައްސަލަ ޖެހުނީ ވެސް ކެޓުރީނާއާ ސަލްމާންގެ ގާތްކަން ބޮޑުވަމުން ދިއުމުން އެކަމާ ހަސަދަވެރިވެގެން ކަމަށްވެ އެވެ.

ސަލްމާންގެ ހަޔާތުން އިއުލިއާގެ ސަފްހާ ނިމިފައިވާ ކަމަށް ގިނަ ބަޔަކު ބުނަނީ ސަލްމާން ކުޅޭ ފިލްމުތަކުގެ ސެޓުތަކުން އިއުލިއާ މިހާރު އެއްގޮތަކަށް ވެސް ނުފެންނާތީ އެވެ. އަދި އޭނާ އިންޑިއާގައި ވެސް ނެތް ކަމަށްވެ އެވެ. އިއުލިއާ އެނބުރި ރުމޭނިޔާއަށް ދިޔައީ ވިސާ މައްސަލަތަކެއް ދިމާވެގެން ކަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހު ތެރޭ ވެސް އިއުލިއާ އެނބުރި އިންޑިއާ އަށް ނުދާނެ ކަމަށް ވެ އެވެ.

ކެޓުރީނާއާ އެކު ކުޅޭ ފިލްމުގެ މަސައްކަތް ކުއްލިއަކަށް އަވަހަށް ފަށަން ނިންމީ ސަލްމާނެވެ. މާ ކުރިން ސޮއިކޮށްފައި ހުރި "ދަބަންގް 3" އާއި އެހެން ބައެއް ފިލްމުތައް ހުއްޓާ ކެޓުރީނާ އުޅޭ ފިލްމުގެ މަސައްކަތް ސަލްމާން މާ އަވަހަށް ފަށަން ގަސްދުކުރުމުން ވެސް ސުވާލުތަކެއް އުފެދެ އެވެ. ބައެއް މީހުން ބުނަނީ ކެޓުރީނާގެ ފަހުގެ ދެ ފިލްމު ކަމަށްވާ "ފިތޫރު" އާއި "ބާރްބާރް ދޭކޯ" ނާކާމިޔާބުވެފައިވާތީ އޭނާގެ ފިލްމީ ކެރިއަރަށް ލިބިފައިވާ ގެއްލުން ފޫބައްދައިދޭން ސަލްމާން އެހީވުމެވެ. ކެޓުރީނާއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ކެޓުރީނާއަށް ދިނުމެވެ.

ސަލްމާނާއި ކެޓުރީނާ ރައްޓެހިވެގެން އުޅުނުއިރު މި ދެ ތަރިންނަށް އެކުގައި ކުޅެން ވަރަށް ގިނަ އިޝްތިހާރުތައް ލިބެ އެވެ. ނަމަވެސް މީގެ ހަ އަހަރު ކުރިން ދެ މީހުން ރުޅިވުމުން އެކަން ވެސް އޮތީ ހުއްޓިފަ އެވެ. މިހާރު އަނެއްކާވެސް ދެ މީހުން އެކުގައި އިޝްތިހާރުތައް ކުޅެން ވަނީ ފަށައިފަ އެވެ. މިއީ ވެސް ދެ މީހުންގެ ގުޅުން ބަދަހިވަމުން އަންނަ ކަމުގެ ހެއްކެކެވެ.

މި ހުރިހާ ކަމަކަށް ވުރެ ވެސް މުހިއްމު ކަމެއް އެބަ އޮތެވެ. ސަލްމާންގެ އާއިލާއާ ކެޓުރީނާގެ އޮތް ގުޅުމެވެ. އެ އާއިލާގެ ހުރިހާ މެމްބަރުން ވެސް ކެޓުރީނާ ދެކެ ވަރަށް ލޯބިވެ އެވެ. އަދި ސަލްމާނާއި ކެޓުރީނާ ރުޅިވުމަށް ފަހު ވެސް އާއިލާއިން ބާއްވާ ހުރިހާ ކަމެއްގައި ކެޓުރީނާއަށް ދައުވަތު ދެ އެވެ. އެހެންކަމުން މި ދެ މީހުން ގުޅުމަށް އެ އާއިލާގެ އެންމެން ވަރަށް އުފާކުރާނެ އެވެ.

ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ލަފާކުރަނީ ސަލްމާނާއި ކެޓުރީނާ އަލުން ގުޅެން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.