28 ސެޕްޓެމްބަރ 2016 - 06:17

މިދިޔަ ހަފުތާގައި ރިލީޒް ވި މުޅިން ތަފާތު ދެ މައުލޫއުގެ "ބެންޖޯ" އާއި "ޕާޗްޑް" ވެސް ފްލޮޕް ވެއްޖެ އެވެ.
ރިތޭޝް ދޭޝްމުކް އާއި ނަރްގިސް ފަޚްރީގެ "ބަންޖޯ" ގައި ދައްކަނީ ގަބީލާއެއްގައި އޮތް ބަންޖޯ ކިޔާ މިއުޒިކް ބޭންޑެއްގެ ވާހަކަ އެވެ.
މުޖުތަމައުގައި ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ރާދިކާ އަޕްޓޭގެ އަންހެނުން ތައްޔާރުކުރި "ޕާޗްޑް" އަށް ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލުތަކުގައި ބޮޑު ތަރުހީބެއް ލިބުނަސް ބެލުންތެރިންނަށް ކަމަކުނުދިޔަ އެވެ.
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނި ގޮތުގައި "ބަންޖޯ" އަށް އެއްވެސް ވަރަކަށް ބެލުންތެރިންގެ ޝައުގުވެރިކަމެއް ނުލިބުނެވެ. ފިލްމު ރިލީޒްކުރިތާ ތިން ދުވަސް ވީއިރު ފިލްމަށް ލިބުނީ އެންމެ 5.92 ކްރޯޑު (59 މިލިއަން ރުޕީސް) އެވެ. އަދި ކުރިއަށް އޮތް ޝޯތައް ވެސް ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށާއި ފިލްމު ފްލޮޕްވާނެކަން ޔަގީންވެފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޕާޗްޑް" ގެ ހާލު އަދި މިއަށް ވުރެ ވެސް ދެރަ އެވެ. ތިން ދުވަހުގެ ތެރޭގައި މި ފިލްމަށް ލިބުނީ އެންމެ 62 ލައްކަ ރުޕީސް އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާނީ "އެމް.އެސް. ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އެވެ. ފިލްމުގެ އިޝްތިހާރުތައް މޮޅުވެފައި މިއީ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއްގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމަކަށް ވާތީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.