ޖެހިފައި ހުރި ބަލި އެނގުނީ 43 އަހަރު ފަހުން، މިހާރު ހިނގޭ
ޖެހިފައި ހުރި ބަލި އެނގުނީ 43 އަހަރު ފަހުން، މިހާރު ހިނގޭ

ޕޯޗްގީޒް މީހަކު 43 އަހަރު ވަންދެން ފުރޮޅިލީ ގޮނޑީގައި އިން ފަހުން، އޭނާގެ ބަލި ޑޮކްޓަރުން ޑައިގްނޯސް ކޮށްފައިވަނީ ގޯސްކޮށް ކަން އެނގިއްޖެ އެވެ. މިހާރު އޭނާގެ ހަގީގީ ބަލި ދެނެގަނެވި ބޭސްކުރަން ފެށުމުން އާދައިގެ ގޮތަކަށް ހިނގާބިނގާވެ އުޅެވެ އެވެ.

އިންޑިޕެންޑެންޓް ނޫހުގައި ބުނެފައިވާ ގޮތުން ރުފީނޯ ބުރޭގޯ ކިޔާ މި ފިރިހެންމީހާގެ އުމުރުން 13 އަހަރުގައި ޕޯޗްގަލްގެ ލިޒްބަން ހޮސްޕިޓަލުން ވަނީ އޭނާއަށް ޖެހިފައި ވަނީ ފަސޭހަނުކުރެވޭ ބައްޔެއް ކަމަށްވާ މަސްކިއުލާ ޑިސްޓްރޮފީ ކަމަށް ބުނެފަ އެވެ.

އަދި 2010 ގައި ނިއުރޮލޮޖިސްޓަކު ބުރޭގޯގެ ހަގީގީ ބައްޔަކީ، ކުރިން ޑައިގްނޯސްކުރި ބަލި ނޫން ކަމަށާއި އޭނާއަށް ޖެހިފައި ވަނީ މަޔަސްތީނިއާ ކިޔާ ބައްޔެއް ކަމަށް ބުންޏެވެ. އެ ބަލީގެ ސަބަބުން މަސްތައް ބަލިކަށިވެފައިވާ ކަމަށް ބުންޏެވެ. އޭރު ފުރޮޅިލީ ގޮނޑީގައި ބުރޭގޯ އުޅޭތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މަދުން ނަމަވެސް ޖެހޭ މި ބައްޔަށް، ނޭވާހިއްލާ މީހުންނަށް ދޭ ބޭހުން ފަރުވާ ކުރެވޭ ކަމަށްވެ އެވެ. ދެވަނަ ޑައިގްނޯސިސް އަށް ބޭސްކުރަން ފެށިތާ އެއް އަހަރުވީއިރު ބްރޭގޯ ދުރުނޫން ހިސާބުތަކަށް އެކަނި ހިނގާފައި ދެވެ އެވެ.

މިހާރު ބްރޭގޯގެ އުމުރުން 61 އަހަރު ވެފައިވާއިރު އޭނާއަށް އާދައިގެ ދިރިއުޅުމެއް އުޅެވޭ ވަރަށް ވަނީ ރަނގަޅު ވެފަ އެވެ. މިހާރު އޭނާއަށް ކުރަން ޖެހޭހާ ވެސް ފަރުވާއަކީ އަހަރަކު ދެ ފަހަރު ފިޒިއޮތެރަޕީ ސެޝަނެއް ނެގުން އެކަންޏެވެ.

ބްރޭގޯ ބުނި ގޮތުގައި އޭނާގެ ބަލި ނުބައިކޮށް ޑައިގްނޯސްކުރި ހޮސްޕިޓަލާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. ސަބަބަކީ މަޔަސްތީނިއާ އަކީ 1960ގެ އަހަރު ތަކުގައި އެއްގޮތަކަށް ވެސް މީހުންނަށް އެނގޭ ބައްޔަކަށް ނުވާތީ އެވެ.