27 ސެޕްޓެމްބަރ 2016 - 15:03

ކޮލަމްބޯ (ސެޕްޓެމްބަރު 27) - ދެހާސް ނުވަ ވަނަ އަހަރު މަރާލި ސްރީ ލަންކާގެ މަޝްހޫރު އެޑިޓަރު ލަސަންތާ ވިކްރަމަތުންގާގެ މަރުގެ އާ ތަހުގީގެއް ކުރަން އޭނާގެ ގަބުރު ކޮނެގެން ނަގައިފި އެވެ.
ސަންޑޭ ލީޑާ ނޫޙުގެ ރިޕޯޓް ލަސަންތާ އަކީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކީ ފަރާތެކެވެ. އޭނާ ވަނީ ޖެނުއަރީ 2009 ގައި ލިޔުނު އެޑިޓޯރިއަލްއެއްގައި ސަރުކާރުން އޭނާ މަރާލާނެ ކަމަށް ބެލެވޭ ކަމަށާ އަދި މަރުގެ ތަހުގީގު ވެސް ނުކުރާނެ ކަމަށް ލިޔެފަ އެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ މަރާލައިފަ އެވެ. ކޮލަމްބޯގައި އޭނާ ގަޔަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދިވެސް ނޭނގެ އެވެ. ލަސަންތާ މަރާލީ ލަންކާގައި ނޫސްވެރިންނަށް ފިއްތުންތައް ވަރަށް ބޮޑަށް ކުރިމަތިކޮށްފައިވާ ދުވަސްވަރެއްގަ އެވެ.
ސަންޑޭ ލީޑަރުން ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލަންކާ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެފަ އެވެ.
ލަންކާގައި 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރާޖަޕަކްސާގެ މައްޗަށް ކުރި ހޯއްދެވި މައިތުރިޕާލާ ސިރިސޭނާ ވަނީ މީޑިއާގެ މިނިވަންކަން ހޯއްދަވައި ދެއްވާ ލަސަންތާގެ މަރުގެ އާ ތަހުގީގެއް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަސަންތާގެ މަރާ ގުޅިގެން ޖުލައި މަހު ވަނީ ސިފައިންގެ އިންޓަލިޖެންސް އޮފިސަރެއް ހައްޔަރުކޮށްފަ އެވެ. އަދި މި މަހު ކުރީކޮޅު ލަންކާގެ ފަނޑިޔާރަކު ވަނީ ލަސަންތާގެ ގަބުރު ކޮނެގެން ނަގާ އާ ތަހުގީގެއް ފެށުމަށް ހުއްދަ ދީފަ އެވެ. އެއީ ލަސަންތާގެ އޮޓޮޕްސީ ރިޕޯޓުގައި ފުށުއަރާ ކަންތައްތައް ހުރުމުންނެވެ. އޭގެ ފަހުން ލަސަންތާގެ މަހާނަ ކައިރީ ސިފައިން ފޯރިއަށް ތިބެ އެވެ.