ބޮޑުފޮޅުދޫ ރޯދަ ހަދިޔާ: ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ހިލޭ
ބޮޑުފޮޅުދޫ ރޯދަ ހަދިޔާ: ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި ހިލޭ

ކުރިއަށް އޮތް ރޯދަ މަހު ވެސް އއ. ބޮޑުފޮޅުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި، އެ ރަށު ކައުންސިލުން ދައްކައިދިނުމަށް ނިންމައިފި އެވެ.

ކައުންސިލްގެ ރައީސް ޝުޖާއު އާދަމް މިއަދު ވިދާޅުވި ގޮތުގައި މިއީ މިދިޔަ ދެ އަހަރުއްސުރެ އެ ރަށު ރައްޔިތުންނަށް ކައުންސިލުން ދޭ ހަދިިޔާ އެކެވެ.

"މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއް،" ޝުޖާއު ވިދާޅުވި އެވެ.

އާބާދީގައި 762 މީހުން ދިރިއުޅޭ ބޮޑުފޮޅުދޫގެ ކައުންސިލްގެ ރައީސް ވިދާޅުވީ ރޯދަ މަހުގެ ކަރަންޓު ބިލުގެ އެއްބައި ދައްކައިދޭން ނިންމީ، އެ މަހުގެ ހަރަދުތައް ބޮޑުވާތީ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިދިޔަ ދެ އަހަރު ވެސް ރޯދަމަހު އެގޮތަށް ކަރަންޓު ބިލް ދައްކައިދީފައިވާ ކަމަށް އޭނާ ވިިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި 2014 ވަނަ އަހަރުގެ ރޯދަމަހު، ރައްޔިތުންގެ ކަރަންޓު ބިލަށް ކައުންސިލުން އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ދެއްކި އިރު، މިދިޔަ އަހަރު 90،000 ރުފިޔާ ދައްކައިދިނެވެ.

"މި ހަދިޔާއާ މެދު ރައްޔިތުން ވަރަށް ހިތްހަމަ ޖެހޭ. ކައުންސިލުން ދައްކައިދިނަސް އަމިއްލަ ފައިސާގެ ގޮތުގައި ދެކޭތީ ކަންނޭނގޭ މިދިޔަ އަހަރު އެ އަދަދު މަދުވެފައި ވެސް އެ ވަނީ،" ޝުޖާއު ވިދާޅުވި އެވެ.

ބޮޑުފޮޅުދޫގެ 80 ގެއެއްގައި މީހުން އުޅޭއިރު އެ ރަށުގެ ގިނަ ބަޔަކު މަސައްކަތް ކުރަނީ ޓޫރިޒަމްގެ ދާއިރާގަ އެވެ. އަދި ގިނަ ބަޔަކު ފަރުމަހުގެ މަސްވެރިކަން ވެސް ކުރެ އެވެ.