27 ސެޕްޓެމްބަރ 2016 - 10:06

އިންޑިއާގެ ގޯއާގައި މިއަދު ފަށާ އޭއެފްސީ ކޮންގްރެސްގައި، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާއި އެފްއޭއެމުން ވަކިކޮށްފައިވާ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖޭގެ ފަރާތުން ކޮންގްރެސްގައި ވޯޓް ދެއްވާނީ އެކްޓިން ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.

ތޯރިގާއި ބައްސާމް ވެސް ވަޑައިގަތީ އޭއެފްސީގެ ރައީސްގެ ހާއްސަ ދައުވަތަކަށެވެ. ޖަވާއާ އެކު ބައްސާމާއި ތޯރިގް ވެސް ތިއްބަވާނީ ރާއްޖޭގެ ރަސްމީ މޭޒުގަ އެވެ. ރާއްޖޭގެ ޑެލިގޭޝަން ފޯމުގައި ސޮއިކުރެއްވީ ވެސް ތޯރިގެވެ.
އެނގިފައިވާ ގޮތުގައި ޖެނެރަލް ސެކްރެޓަރީކަމުން ބައްސާމް ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި އޭނާ އަލުން މަގާމާ ހަވާލުވާން ފީފާ އިން މިއަދު އަންގާނެ އެވެ. އެފްއޭއެމްގެ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާދީ އެކްސްކޯ އުވުމުގެ ކުރިން ބައްސާމް މަގާމުން ވަކިކުރެއްވީ ތޯރިގެވެ. އަދި އެއަށް ފަހު ތޯރިގް ވަނީ އެކްޓިން ޖެނެރަލް ސެކްރެޓަރީއަކަށް ޖަވާ ހަމަޖައްސައިފަ އެވެ.
އެފްއޭއެމްގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ފީފާ އިން ބުނީ ޖެނެރަލް ސެކްރެޓަރީ އައްޔަންކޮށް ވަކިކުރެވޭނީ އެކްސްކޯގެ މަޝްވަރާގެ މަތިން ކަމަށާއި އެކަން ހިނގި އެކްސްކޯގެ މަޝްވަރާގެ މަތިން ނޫން ކަމަށް ސާބިތުވެއްޖެ ނަމަ ބައްސާމަށް އަލުން މަގާމް ދޭނެ ކަމަށެވެ. ފީފާ އިން ވަނީ ބައްސާމް ވަކިކުރި އެކްސްކޯގެ ބައްދަލުވުމުގެ ޔައުމިއްޔާ ފޮނުވަން އަންގައިފަ އެވެ.
ބައްސާމް އަލުން މަގާމަށް އައްޔަންވުމަށް ފަހު އޭނާ ކުރަން ޖެހޭ ފުރަތަމަ މަސައްކަތަކީ އެކްސްކޯ އަލުން އިންތިހާބުކުރުމަށް އިންތިހާބީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލުމެވެ. އެކަން މިވަގުތު މަޑުޖެހިފައި އޮތީ ބައްސާމާ މެދު ފީފާ އިން ގޮތެއް ނިންމަންދެނެވެ.
އޭއެފްސީގެ ކޮންގްރެސްގައި މިއަދު ރާއްޖޭގެ ފަރާތުން ވޯޓްލާ ޖަވާ ވަނީ އިލްހާމް އަހުމަދުގެ ދައުރުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރުއްވައިފަ އެވެ. އެފްއޭއެމްގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރައްވަމުން އަންނަ ޖަވާ އަކީ އެފްއޭއެމްގެ ކްލަބް ލައިސަންސިން މެނޭޖަރު ވެސް މެ އެވެ.