27 ސެޕްޓެމްބަރ 2016 - 12:08

ރާއްޖޭގެ މަޝްހޫރު އޮޑިޓު ފާމެއް ކަމަށް ވާ އޭއެޗް އެންޑް އެސޯސިއޭޓްސް އިން ދުނިޔޭގެ އެންމެ ބޮޑު އެއް އެކައުންޓިން ނެޓްވޯކާ ގުޅި، ބޭރުގެ އެފަދަ ބަޔަކާ ގުޅުނު ރާއްޖޭގެ ފުރަތަމަ ފަރާތަށް ވެއްޖެ އެވެ.
ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ ގާތްގަނޑަކަށް 200 އޮޑިޓް ފާމް ހިމެނޭ ކްރޯ ހޮވާތު އިންޓަނޭޝަނަލްއާ ގުޅުމާ އެކު، އޭއެޗް އެންޑް އެސޯސިއޭޓްސް ވަނީ ކްރޯވޭ ހޯވޮތު މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްފަ އެވެ.
އެ ކުންފުނި ރީބްރޭންޑް ކުރުމަށް ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ ހިދުމަތްތައް ދެން ދޭނީ ކްރޯވޭ ހޯވޮތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ފަރާތުގެ ފަންނީ އެހީތެރިކަމާ އެކު ކަމަށެވެ.
"މީގެ ފަހުން އަޅުގަނޑުމެންގެ މަސައްކަތްތަކުގެ ކޮލިޓީ އެޝުއަރެންސް ހަދައި ޗެކު ކުރަމުން ދާނެ ކްރޯވޭ ހޯވޮތު އިންޓަނޭޝަނަލް އިން،" އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުރުން ފުވައްމުލުގައި ވެސް އޮފީސް ހިންގާ ކްރޯވޭ ހޯވޮތު މޯލްޑިވްސް އަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އޭ ކެޓަގަރީ ވެސް ދީފަ އެވެ. އޮޑިޓު ކުރުމާ ގުޅޭ ކަންކަމުގެ އިތުރަށް، އެކައުންޓިން އާއި ޓެކްސްގެ ކަންކަމުގައި އިރުޝާދު ދިނުމާއި އިންވެސްޓަރުންނަށް ލަފާ ދިނުން ފަދަ ގިނަ ހިދުމަތްތަކެއް އެ ފާމުން ދެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލް 10 އޮޑިޓު ފާމުގެ ތެރޭގައި ހިމެނޭ ކްރޯވޭ ހޯވޮތުގެ މެމްބަރަކަށް ވެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކުންފުނިތަކަށެވެ. އޭގެ ތެރޭގައި ހިދުމަތް ދޭ ގައުމެއްގެ ހާލަތު ރަނގަޅަށް އެނގުމާއި އެކަށީގެންވާ މިންވަރަކަށް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.