27 ސެޕްޓެމްބަރ 2016 - 09:02

ރާއްޖެއިން ތެޔޮ ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މަޑުޖެހިފައި އޮތަސް، ދެން އޮތީ ކިހާވަރެއްގެ ތެޔޮވަޅެއްތޯ ބެލުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13ގައި މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި ތެޔޮ ހޯދުމުގެ މަސައްކަތުގައި ދެން އޮތީ އެކިއެކި ޔުނިޓްތަކަށް ބަހާލައިގެން ލައިސަންސް ބޭނުންކޮށްގެން ރިސާޗްކޮށް، ބޮޑު ތެޔޮ ވަޅެއް ހުރިތޯ ބެލުމެވެ. އަދި އެ ފުންމިނުން ނަގައިގެން ބާޒާރުގައި ހުރި އަގަށް ބަލައި ތެޔޮ ސާފުކޮށްގެން ވިއްކާއިރު ދެކޮޅު ޖެހޭތޯ ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ތެޔޮ ހޯދަން މަސައްކަތް ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮއްވާ ކަމަށެވެ. އަދި އެކަން މަޑުޖައްސާލީ ތެޔޮ ހޯދުމުގެ މަސައްކަތުގައި އުޅޭ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވަންދެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ފަށާނަން މާކެޓް ރަނގަޅުވާ ހިސާބުން. އެކަން ކުރަން ތިބި މީހުން މަދެއް ނޫން،" ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ ރާއްޖޭގައި ތެޔޮ ހުރިތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.
ބޭރުގެ އެކި ފަރާތްތަކުން ހެދި ސާވޭގެ ނަތީޖާތަކުން ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ނިޝާންތައް ހުރި އެނގުނު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު ތެޔޮ ނެގުމަށް ހަތެއް ނޫނީ އަށް އަހަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމެއްގައި ތެޔޮ ހޯދަން މަސައްކަތް ކުރަން ފަށައިގެން ތެޔޮ ނެގުމާ ދޭތެރޭ ހަތެއް ނޫނީ އަށް އަހަރު ވާނެ. އެއީ އެތައް މަރުހަލާއެއް ކަޑައްތު ކުރަން ޖެހޭތީ،" ޝައިނީ ވިދާޅުވި އެވެ.
މި ސަރަހައްދުގެ އެކި ގައުމުތަކުން މިސާލު ނަންގަވަމުން ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރީ ކޮންމެވެސް ކަހަލަ ގޭހެކެވެ.
ނަމަވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކޮންމެ ކޮންމެ ބަޔަކާ ހަވާލު ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި އެކަން ކުރަން ހަވާލު ކުރާނީ އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ފަރާތަކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ހެމްބާގް ޔުނިވަސިޓީން މިދިޔަ އަހަރު މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުން ހެދި ދިރާސާއަކުން ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖޭން ފެނިފައިވާ ކަމަށާއި އެއީ ތެޔޮ ނުވަތަ ގޭސް ހުރި ކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ބ. އަތޮޅުގެ އިރު އުތުރާއި އިރު ދެކުނުން ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ފެނިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.