ސިއްރު ނޫސްވެރިންގެ މަޅީގައި ޖެހި އެލަޑީސް ހޫނުފެނަށް
ސިއްރު ނޫސްވެރިންގެ މަޅީގައި ޖެހި އެލަޑީސް ހޫނުފެނަށް

ލަންޑަން (ސެޕްޓެމްބަރު 27) - އިންވެސްޓަރުން ކަމަށް ހެދިގެން ތިބި ސިއްރު ނޫސްވެރިންތަކަކާ ބައްދަލުކޮށް އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސޭމް އެލަޑީސް ދެއްކި ވާހަކަތަކެއްގެ މައްސަލަ އިނގިރޭސި އެފްއޭ އިން ތަހުގީގުކުރަން ފަށައިފި އެވެ.

ފުޓްބޯޅައަށް އިންވެސްޓްކުރަން ތައްޔާރަށް ތިބި އިރުމަތީ އޭޝިއާގެ އިންވެސްޓަރުންނަށް ވެގެން އެލަޑީސްއާ ބައްދަލުކުރީ އިނގިރޭސި ވިލާތުގެ ޑެއިލީ ޓެލެގްރާފުގެ ނޫސްވެރިންތަކެކެވެ. ސިއްރުންކޮށްފައިވާ ވީޑިއޯގައި އެލަޑީސް ވަނީ އިނގިރޭސި އެފްއޭ އިން މަނާކޮށްފައިވާ ތިން ވަނަ ފަރާތެއް މެދުވެރިވެގެން ކުޅުންތެރިން ގަންނަ ގަވާއިދާ ހިލާފު ވުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަން ކޮށްދޭނެ އޭޖެންޓުން ހޯދައިދީފާނެ ކަމަށް ބުނެފަ އެވެ.

ލަންޑަނުގައި އޮތް މި ބައްދަލުވުމަށް އެލަޑީސް ދިޔައީ އޭނާގެ އޭޖެންޓް މާކް ކޫޓިސް އާއި ފައިނޭންޝަލް އެޑްވައިޒަރު ޝޭން މޮލޮނީއާ އެކު އެވެ. އެލަޑީސް ވަނީ އެ ކުންފުނީގެ އެމްބެސެޑަރެއްގެ ގޮތުގައި ފަސް ލައްކައެއްހާ ޑޮލަރުގެ ފީއަކަށް ހޮންކޮން އާއި ސިންގަޕޫރަށް ގޮސްދާނެ ކަމަށް ބުނެފަ އެވެ. އަދި އެލަޑީސް ވަނީ އިންގްލެންޑުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން ވާހަކަދައްކާ ގޮތަށް މަލާމަތްކޮށް އޭނާ އަކީ ގޮތްނިންމަން ނޭގޭ މީހެއް ކަމަށް ބުނެފަ އެވެ.

އިންގްލެންޑުގެ ކޯޗުކަމާ މީގެ ދެ މަސް ކުރިން ހަވާލުވި އެލަޑީސް ވަނީ 870 މިލިއަން ޕައުންޑް ހަރަދުކޮށްގެން އެފްއޭ އިން ވެމްބްލީ ސްޓޭޑިއަމް އަލުން ބިނާކުރުމަކީ ކުރި މޮޔަ ކަމެއް ކަމަށް ބުނެ އަދި 2020 ވަނަ އަހަރުގެ ޔޫރޯ ލޯންޗްކުރުމަށް ލަންޑަނުގައި ބޭއްވި އިވެންޓަށް އެފްއޭގެ ރައީސް ޕްރިންސް ވިލިއަމް ހާޒިރުނުވުމުން އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

އެފްއޭ އިން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެ އެސޯސިއޭޝަނުން ވަނީ މިކަމާ ގުޅުން ހުރި ވީޑިއޯ އާއި ލިޔުންތައް ހޯދުމަށް ޓެލެގްރާފުގައި އެދިފަ އެވެ.