27 ސެޕްޓެމްބަރ 2016 - 09:35

ޒެގްރެބް، ކްރޮއޭޝިއާ (ސެޕްޓެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭ ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބާ ދެކޮޅާށް ކުޅޭ މެޗުގައި ޔުވެންޓަސް އިން ރެކޯޑް އަގަކަށް ގެނައި ގޮންޒާލޯ ހިގައިން ފުރަތަމަ 11 ގައި ކުޅޭނެ ކަމަށާއި އެކަމަކު ކޮންމެ މެޗެއް 3-0 އިން މޮޅުވާނެ ކަމަށް އުއްމީދުނުކުރުމަށް އެ ޓީމުގެ ކޯޗު މަސިމޯ އެލެގްރީ ގޮވާލައިފި އެވެ.
ޔުވެންޓަސް އިން 95 މިލިއަން ޔޫރޯ އަށް ގެނައި ކުޅުންތެރިޔާ ވަނީ ބެންޗުން އަރައި މިހާތަނަށް އެ ޓީމަށް ހަތަރު ގޯލް ޖަހައިދީފަ އެވެ.
"ހިގުއައިން ކުޅޭނެ. މާރިއޯ މަންޒުކިޗާ ތަފާތު ކުޅުންތެރިއެއް ހިގުއައިން އަކީ. އެހެންވީމާ އަހަރެމެން ޖެހޭ އޭނާ ދަސްކުރަން. އަރާ ކުޅުންތެރިން ވެސް ޖެހޭ އޭނާ ކުޅުން އެނގެން،" އެލެގްރީ ބުންޏެވެ.
އެލެގްރީ ބުނީ ހަ މެޗުން ޔުވެންޓަސް އިން 15 ޕޮއިންޓް ހޯދައިފި ކަމަށާއި ބައެއް މެޗުތައް ދަށްކޮށް އަދި ބައެއް މެޗުތައް މޮޅަށް ކުޅުނު ކަމަށެވެ.
"އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ، އެންމެން ހިތަށް އަރަނީ ޔުވެންޓަސް ކޮންމެ މެޗަކުން 3-0 އިން މޮޅުވާން ޖެހެޔޭ. ހަގީގަތަކީ މޮޅުވިޔަސް ބަލިވިޔަސް މޮޅަށް ކުޅެފިއްޔާ އެއީ ތަފާތުކަމެއްކަން. ފަސް ލަނޑުން މޮޅުވިޔަސް ދަށްކޮށް ކުޅެފިއްޔާ ޖެހޭނެ ކުރިއެރުން ހޯދަން،" އެލެގްރީ ބުންޏެވެ.
އެލެގްރީ ބުނީ އެފަދަ ވާހަކަތަކާ މެދު ވިސްނާނެ ކަމެއް ނެތް ކަމަށާއި މުހިއްމީ ޔުވެންޓަސް ހަމަބިމުގައި ތިބުން ކަމަށެވެ. އަދި ޔުވެންޓަސް މޮޅުވާން ޖެހޭނެ ކަމަށް އެންމެން ދައްކާ ވާހަކަތަކުގެ ސަބަބުން ކުޅުންތެރިންނަށް އިތުރުވާނީ ޕްރެޝަރު ކަމަށް އޭނާ ބުންޏެވެ.
"ފުޓްބޯޅައިގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން ޖެހޭނީ. އެކަން މި މެޗުގައި ކުރާނީ. އަހަރެމެންގެ ޓްރާންސްފާތައް ވަރުގަދަވުމަކީ ކޮންމެ މެޗެއް 3-0 އިން މޮޅުވާން ޖެހޭ ކަމެއް ނޫން. ކޮންމެ ޓީމަކަށް ވެސް އަންނާނެ އުނދަގޫ ދުވަސްތަކެއް،" އެލެގްރީ ބުންޏެވެ.