ދެ މެޗުން އެއްވަރުވިޔަސް ޒިދާން ހަމަޖެހިފައި
ދެ މެޗުން އެއްވަރުވިޔަސް ޒިދާން ހަމަޖެހިފައި

ޑޯޓްމަންޑް (ސެޕްޓެމްބަރު 27) - ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް މިރޭ ނުކުންނައިރު، މިވަގުތު ރެއާލް މެޑްރިޑް އޮތް ފޯމާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން އެއްވަރުވެފަ އެވެ. ވިޔަރެއާލްއާ 1-1 އިން އެއްވަރުވިއިރު ހޮނިހިރު ދުވަހު އެއްވަރުވީ ލަސް ޕަމްލަސްއާ 2-2 އިންނެވެ.

އެކަމަކު ސިގްނަލް އިޑޫނާ ޕާކުގައި ޖަރުމަނުގެ ގަދަބާރާ ދެކޮޅަށް ނުކުންނައިރު ޒިދާން ހުރީ ހަމަޖެހިފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާއާ މެދު ކަންބޮޑުވޭތޯ އެހުމުން ބުނީ ނުވާ ކަމަށެވެ.

"ރަނގަޅު ނަތީޖާ ނުނެރެވުމަކީ ވެދާނެ ކަމެއް އަދި ކުރިއަށް އޮތްތަނުގައި ވެސް ވެދާނެ ކަމެއް. ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. އެއްވެސް މީހަކު ބޭނުމެއް ނުވާނެ ދެ މެޗުން ހަތަރު ޕޮއިންޓް ގެއްލެން އެކަމަކު އެއީ ފުޓްބޯޅައިގައި ވެދާނެ ކަމެއް. ބައެއް ފަހަރު އެފަދަ އިންޒާރެއް އައުމަކީ ރަނގަޅުކަމެއް އޭރުން ދެން ހުރި މެޗުތަކުގައި ރަނގަޅުކޮށްގެން ކުރިއަށް ދެވޭނެ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ ނަތީޖާ ނުނެރެވުނީ ވަކި ޑިޕާޓްމަންޓެއްގެ މައްސަލައަކުން ނޫން ކަމަށާއި ބަލިވަނީ ވެސް މޮޅުވަނީ ވެސް ޓީމު އެއްކޮށް ކުރާ މަސައްކަތަކުން ނުވަތަ ނުކުރެވޭ މަސައްކަތަކުން ކަމަށެވެ.

"ލަސް ޕަލްމަސް އިން އަހަރެމެން ކޮޅަށް ދެ ލަނޑު ޖެހީމާ ޑިފެންސާ ދޭތެރޭ ވިސްނަން ޖެހޭ. ފާހަގަކުރެވިދާނެ ބައެއް ކަންކަން އެބަހުރި އެކަމަކު ނަތީނާ ނުނެރެވުނީ ހުރިހާ ޑިޕާޓްމަންޓަކަށް ވެސް މަސައްކަތްނުކުރެވިގެން،" ޒިދާން ބުންޏެވެ.

ލަސް ޕަލްމަސް މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭލުމުން އޭނާ ރުޅިގަދަވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޒިދާން ދޮގުކުރި އެވެ.

"ކޮންމެ ކުޅުންތެރިޔަކު ވެސް ހިތްހަމަނުޖެހޭނެ ބަދަލުކުރީމާ. ރޮނާލްޑޯ އެކަންޏެއް ނޫން. އެއީ އާއްމު ކަމެއް. ޓީމުގެ ހުރިހާ ކަމެއް ވެސް ރަނގަޅު. އަހަރެމެން މިތަނަނަށް މިއައީ ހަމައެކަނި (ޑޯޓްމަންޑް) މެޗާ ދޭތެރޭ ވިސްނަން،" ޒިދާން ބުންޏެވެ.

ޑޯޓްމަންޑުގެ ދަނޑުގައި މިރޭ ރެއާލާއި ޑޯޓްމަންޑް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.