26 ސެޕްޓެމްބަރ 2016 - 16:36

ކޮލަމްބޯ (ސެޕްޓެމްބަރު 26) - ސްރީ ލަންކާގެ އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރާނީ އާއްމުންގެ ޚިޔާލު ހޯދައިގެން ތަރައްގީ އަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދެއްވައިގެން ކަމަށް މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ ވިދާޅުވެއްޖެ އެވެ.
ޓްރިމްކޮމަލީ ޑިސްޓްރިކްޓަށް ކުރެއްވި ޒިޔާރަތެއްގައި ކަރުނަނަޔަކަ ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ދަތުރު ފުރިހަމަ ކުރާނީ ރައްޔިތުންގެ އުއްމީދުތައް ވެސް ހާސިލްކޮށްދީގެން ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތަކީ ގައުމުގެ ވަކި ބަޔަކު މުއްސަނދިކޮށް ވަކި ސަރަހައްދެއް ތަރައްގީ ކުރުމެއް ނޫން. ސަރުކާރުގެ ތަރައްގީގެ ޕްލޭން މުޅި ގައުމަށް ފަތުރާލަ ދޭނަން،" ކަރުނަނަޔަކަ ވިދާޅުވި އެވެ.
ކަރުނަނަޔަކަގެ ޒިޔާރަތުގައި ވަނީ ޓްރިންކޮމަލީގެ މަސްވެރި އަދި ދަނޑުވެރި އާއިލާތަކުގެ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މީހުންގެ ފަރާތުން ހިމަނަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ޓްރިމްކޮމަލީގެ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެ މީހުންނަށް ދިމާވާ ދަތިތައް މިނިސްޓަރު ކަރުނަނަޔަކައާ ހިއްސާކޮށްފަ އެވެ. ޓްރިމްކޮމަލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ކަރުނަނަޔަކަ ވަނީ ވިދާޅުވެފަ އެވެ.