26 ސެޕްޓެމްބަރ 2016 - 16:21

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ނިމާލް ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ހުންނެވި އަހުމަދު ޝަރީފް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ތ. ތިމަރަފުށީ، މާލޭގެ، އަހުމަދު ޝަރީފް ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަންކޮށްފަ އެވެ. އެކަމަކު، އެ ބަދަލު ގެނައި ސަބަބެއް އަދި ނޭނގެ އެވެ.
"ނިމާލް އެއްވެސް މަގާމަކަށް ހަމަޖައްސާފައެއް ނުވޭ،" ނިޒާރު ފަހުން "މިހާރު" އަށް ވިދާޅުވި އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް މިހާތަނަށް ހުންނެވީ އެޑިއުކޭޝަންގެ ނައިބެއްގެ ގޮތުގަ އެވެ. އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ވެސް އައްޔަންކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަން ޖޫން 2012 ގައި އުފެއްދުމަށް ފަހު އެ ތަނުގެ އެމްޑީގެ މަގާމަށް އޭރުގެ ރައީސް މުހައްމަދު ވަހީދު ފުރަތަމަ ވެސް އައްޔަންކުރެއްވީ ނިމާލެވެ. އެކަމަކު، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޖުލައި 2013 ގައި އެ މަގާމުން ވަކިކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނިމާލް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަނެއްކާ ވެސް އައްޔަން ކުރެއްވި އެވެ.
ފެނަކައިން ނިމާލް ވަކިކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މިދިޔަ އަހަރު އަމިއްލަ މީހަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހެޅި އެވެ. އަދި ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތި ވެފަ އެވެ.