27 ސެޕްޓެމްބަރ 2016 - 06:16

އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ކެޕްޓަން މެހެންދުރަ ސިންގް ދޯނީގެ ބައޮޕިކް "އެމް.އެސް.ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އަންނަ ހުކުރު ދުވަހު ރިލީޒްކުރާއިރު 60 ގައުމެއްގެ 4500 އަށް ވުރެ ގިނަ ސްކްރީނުގައި އެއްފަހަރާ އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފޮކްސް ސްޓާ ސްޓޫޑިއޯޒްގެ ސީއީއޯ ވިޖޭ ސިންގް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް އިންޑިޔާ ފިލްމެއް އަދި އެހެން ގައުމެއްގެ ފިލްމެއް ވެސް ރިލީޒް ނުކުރާ ވަރުގެ ގިނަ ގައުމުތަކާއި ސިނަމާތަކެއްގައި "އެމް.އެސް.ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ހިންދީ ބަހުގެ އިތުރުން ޓެލުގޫ އާއި ތަމަޅަ ބަހުން ވެސް މިފިލްމު ރިލީޒްކުރާނެކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އިންޑިއާގެ ފިލްމީ ތާރީހުގައި ވެސް މިހާ ގިނަ ސްކްރީނުގައި އެއްފަހަރާ އެއްވެސް ފިލްމެއް އަޅުވާފައެއް ނުވެ އެވެ. އަދި މިހާ ގިނަ ބޭރު ގައުމުތަކުގައި ވެސް ފިލްމެއް ރިލީޒްކުރާ މިއީ ފުރަތަމަ ފަހަރެވެ.
ސުޝާންތު ސިންގް ރާޖްޕޫތު ދޯނީގެ ރޯލު އަދާކޮށްފައިވާ މި ފިލްމު ބަލަން ގިނަ ބަޔަކު ޝައުގުވެރިވެފައިވާކަން އެނގުމުން ޑައިރެކްޓަރު ނީރަޖް ޕާންޑޭ ވެސް ހުރީ ވަރަށް އުފަލުންނެވެ.
މި ފިލްމުގައި ދޯނީ އިންޑިއާގެ ކްރިކެޓް ޓީމަށް އަރަން ކުރި ބުރަ މަސައްކަތާއި އޭނާގެ މައިންބަފައިން އެކަމުގައި އަދާކުރި ދައުރު ވަރަށް ރަނގަޅަށް ހާމަވާނެ އެވެ. އަދި ދޯނީގެ ފުރަތަމަ ލޯބިވެރިޔާއާ އެކު ދޯނީ ހޭދަކުރި އުފާވެރި ވަގުތުތަކާއި ކުއްލިއަކަށް އެކްސިޑެންޓެއްގައި ލޯބިވެރިޔާ މަރުވުމުން ދޯނީއަށް ކުރި އަސަރާއި ފަހުން އޭނާގެ މިހާރުގެ އަނބިމީހާ ސާކްޝީއާ ބައްދަލުވެ އެ ދެ މީހުންނަށް ލޯބި ވެވުނު ގޮތް ވެސް މި ފިލްމުން ފެނިގެން ދާނެ އެވެ.
މި ފިލްމުގައި ދޯނީގެ ފުރަތަމަ ލޯބިވެރިޔާ ޕްރިޔަންކާގެ ރޯލު އަދާކުރަނީ އަލަށް ތައާރަފްވާ ދިޝާ ޕަޓާނީ އެވެ. ދޯނީގެ އަންހެނުން ސާކްޝީގެ ރޯލު އަދާކުރަނީ ކިއަރާ އަދުވާނީ އެވެ.
ދޯނީ އަކީ އިންޑިޔާ އާއި ދުނިޔޭގެ ކްރިކެޓަށް ލޯބިކުރާ ގިނަ ބަޔަކަށް ވަރަށް މަގްބޫލު ކުޅުންތެރިއެކެވެ. ކްރިކެޓް ކުޅުންތެރިއެއް އަދި ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާ ދައްކަމުންދާ ކެތްތެރިކަމާއި މޮޅު ހުނަރުން އިންޑިއާގެ ގިނަ ބަޔަކު އޭނާ ދެކެ ވަރަށް ލޯބިވެ އެވެ.
އެހެންކަމުން ދޯނީގެ ހަޔާތުގެ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާނެކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ލަފާ ކޮށްފަ އެވެ.