ޔަޒީދާ ބެހޭ ގޮތުން ފެތުރީ ދޮގު ޚަބަރެއް ކަމަށް ރާއްޖެ ޓީވީން އެއްބަސްވެއްޖެ
ޔަޒީދާ ބެހޭ ގޮތުން ފެތުރީ ދޮގު ޚަބަރެއް ކަމަށް ރާއްޖެ ޓީވީން އެއްބަސްވެއްޖެ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދަށް ދައުލަތުން ވިއްކި ރެހެންދި ފްލެޓް އޭނާ އެހެން ބަޔަކަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފެތުރީ ދޮގު ޚަބަރެއް ކަމަށް އެ ސްޓޭޝަނުން އެއްބަސްވެއްޖެ އެވެ.

ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު ފްލެޓްތަކުގެ ތެރެއިން ޔަޒީދަށް ވިއްކި ފްލެޓް އެހެން ބަޔަކަށް މަހަކު 2،000 ޑޮލަރަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ އާއި އެތަނުގެ އޮންލައިން ނޫސް ރާއްޖެ އެމްވީން މިދިޔަ ޖުލައި މަހު އާންމުކުރީ ދޮގު ޚަބަރެއް ކަމަށް އެ ސްޓޭޝަނުން އެއްބަސްވީ، އެ މައްސަލާގައި އެ ސްޓޭޝަނާ ދެކޮޅަށް ޔަޒީދު އަބުރުގެ ދައުވާ ކުރައްވާފައި ވަނިކޮށެވެ.

ރާއްޖެ ޓީވީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އެ ޚަބަރު އެގޮތަށް ގެނެސްދެވުނީ، އެ މައުލޫމާތު އެ ސްޓޭޝަނަށް ދިން ފަރާތުގެ މައުލޫމާތު ގޯސްވުމުން ކަމަށާއި އެ ފްލެޓް އެހެން އެއްވެސް ބަޔަކަށް ޔަޒީދު ދޫނުކުރާ ކަން ފަހުން އެނގިފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ބަޔާން އާންމުކުރުމުގެ ކުރިން އެ ސްޓޭޝަނުން ވަނީ ކޯޓުގައި ވެސް، އެއީ ދޮގު ޚަބަރެއް ކަމަށް އެއްބަސްވެފަ އެވެ.