ނަސަންދުރަ ހަދާއިރު ކައިރި ގެތަކަށް ލޮޅުން އަރަނީ
ނަސަންދުރަ ހަދާއިރު ކައިރި ގެތަކަށް ލޮޅުން އަރަނީ

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެ ހިސާބުގެ ބައެއް ގެތަކަށް އޭގެ ސަބަބުން ލޮޅުން އަރާ ކަމަށް ބުނެ ޝަކުވާ ކުރަން ފަށައިފި އެވެ.

މިދިޔަަ ޖޫން މަހުގެ ތެރޭގައި މަސައްކަތް ފެށި އެ އިމާރާތް އެޅުމަށް މިހާރު ކުރަމުން އަންނަނީ ފައުންޑޭޝަން އެޅުމުގެ ކުރިން ޕައިލް ކުރުމުގެ މަސައްކަތެވެ.

އެ ހިސާބުގައި ދިރިއުޅޭ މުހައްމަދު ނަސީމު ބުނި ގޮތުގައި ބިމުގެ އަޑިއަށް ދަގަނޑު ޖަހާ ކޮންމެ ފަހަރަކު ކައިރީގައި އުސްކޮށް ހަދާފައި ހުންނަ އިމާރާތްތައް ވަރަށް ބޮޑަށް ލޮޅުން އަރަ އެވެ. އަދި މިދިޔަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އެ މަސައްކަތް ކުރާއިރު އިމާރާތްތަކަށް މާބޮޑަށް ލޮޅުން އަރާތީ އެ ހިސާބުގަނޑުގެ ބައެއް މީހުން ކަންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެ މަސައްކަތް ކުރާއިރު އަޑިއަށް ދަގަނޑު ޖަހާ ކޮންމެ ފަހަރަކު އިމާރާތް ވަރަށް ބޮޑަށް ހެލޭ. ހީވަނީ ކުޑަވަރެއްގެ ބިން ހެލުމެއް އައިސްގެން އުޅޭހެން،" އެ ސަރަހައްދުގެ ގެއެއްގެ ފަސް ވަނަ ބުރީގައި ދިރިއުޅޭ ނަސީމް ބުންޏެވެ.

މާލޭގައި ބޮޑެތި އިމާރާތް ކުރާއިރު ޑީޕް ޕައިލް ކުރުމާއި ޝީޓު ޕައިލް ކުރުމުގެ ތެރޭގައި ޖެހިގެން ހުރި އިމާރާތްތަކަށް ބައެއް ފަހަރަށް ގެއްލުން ވެފައި ވެސް އެބަހުއްޓެވެ. ފަނަރަ ބުރީގެ ހޮޓެލް ޖެން އިމާރާތް ކުރިއިރު ކައިރީގައި ހުރި ދަރުމަވަންތަ ސްކޫލާއި ބައެއް އެހެން އިމާރާތްތަކުގައި ވެސް ރެނދުލި އެވެ.

ނަސަންދުރަ އިމާރާތް އަލުން ހަދަނީ 20 ބުރިއަށެވެ. އެހެންވެ، އެތަން އިމާރާތް ކުރަން ވަރަށް އަޑިއަށް ޕައިލް ޖަހަން ޖެހޭނެ އެވެ.

މި އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ ގެލެކްސީ އެންޓަޕްރައިސަސް އިން ބުނީ މަސައްކަތް ކުރާއިރު އަޑުގަދަވެ، ކޮންމެވެސް ވަރަކަށް ލޮޅުމެއް ހުރި ނަމަވެސް އިމާރާތްތަކަށް އެހާ ބޮޑު އަސަރެއް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަަށެވެ.

އެކަމަކު އެކަމާ ގުޅިގެން ދެތިން މީހަކު ޝަކުވާ ކުރި ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެކްސްކަވޭޓަރު ބޭނުންކޮށްގެން މަސައްކަތް ކުރާއިރު އަޑު ގަދަވާނެ. އަދި އެހެން ދަގަނޑު ޖަހާއިރު ތެޅުމެއް ވެސް އިންނާނެ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ އިމާރާތަކަށް އެއިން އަސަރެއް ކުރާނެ ކަމަކަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަކުވާ ކުރި ބައެއް މީހުން ގެނެސް މަސައްކަތް ކުރާ ތަން ދައްކާފައިވާ ކަމަށާއި މިހާރު އެ މައްސަލަ އަށް ހައްލެއް އައިސްފައިވާ ކަމަށެވެ.