30 މެއި 2016 - 11:09

ސުޕީރިއާ ކޯޓުތަކުގެ ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުން އެދިފައި ވާތީ ޖޭއެސްސީ އިން މިއަދު އެކަމާ މެދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހިމް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށާއި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ޑްރަގް ކޯޓަށް ބަދަލުކުރުމަށާއި ޖުވެނައިލް ކޯޓުގެ ގާޒީ އަހްމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށެވެ.
މީގެ އިތުރުން ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ގދ. މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށާއި ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްޣަފޫރު މުހައްމަދު ވ. ޖުޑީޝަލް ދާއިރާ އަށް ބަދަލުކުރުމަށާއި ވ. ޖުޑީޝަލް މެޖިސްޓްރޭޓް އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް ކ.ތުލުސްތޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލާގައި ވެސް މިއަދު ގޮތެއް ނިންމަން އެޖެންޑާ ކޮށްފައިވާކަން ވަނީ އެނގިފަ އެވެ. އެ މެޖިސްޓްރޭޓް ހައްޔަރުކުރީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރުކުރުމުން އެ ނިންމުން މިހާރު ވަނީ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.
ޖުވެނައިލް ކޯޓަށް ބަދަލުކުރަން ނިންމާފައިވާ މުހައްމަދު އީސާފުޅަކީ ދަށު ކޯޓުތަކުން ޖޭއެސްސީ އަށް އިންތިޚާބުކޮށްފައިވާ މެންބަރެވެ. ޖޭއެސްސީގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ ވަނީ ޖޭއެސްސީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުން ހުއްޓަވާލައްވައިފަ އެވެ.