ޓޮޓީ އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކޮށްފި
ޓޮޓީ އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކޮށްފި

ރޯމް (ސެޕްޓެމްބަރު 26) - އިޓާލިއަން ލީގުގައި ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ 250 ވަނަ ލަނޑު ހަމަކޮށްފި އެވެ.

ލީގުގައި ރޭ ޓޮރިނޯ އަތުން 3-1 އިން ރޯމާ ބަލިވި މެޗުގައި ޓޮޓީ ޖެހި ލަނޑާ އެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގުގައި 250 ލަނޑު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ފުރަތަމަ ކުޅުންތެރިޔަކީ 1954 ވަނަ އަހަރު ކުޅުން ހުއްޓާލި ސިލްވިއޯ ޕައިއޯލާ އެވެ. އޭނާ ޖަހާފައިވަނީ 274 ލަނޑެވެ.

އުމުރުން 16 އަހަރުގައި 1993 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ޓޮޓީ ރޯމާ ނޫން ކްލަބަކަށް ކުޅެފަ އެއް ނުވެ އެވެ. އޭނާ ލީގުގައި 250 ލަނޑު ޖެހި ނަމަވެސް ހުރިހާ މުބާރާތްތަކެއްގައި ޖުމްލަ 306 ލަނޑު ޖަހާފައިވެ އެވެ.

އުމުރުން 12 އަހަރުގައި 1989 ވަނަ އަހަރު ރޯމާގެ ޔޫތު ޓީމާ ގުޅުނު ޓޮޓީ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު، 10 ޕޮއިންޓާ އެކު އޮތް ރޯމާ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ތިން ވަނަ އަށް އެރީ ރޭ ބޮލޯނިއާއާ 1-1 އިން އެއްވަރުވި އިންޓަ މިލާނެވެ. އެ ޓީމަށް ލިބިފައިވަނީ 11 ޕޮއިންޓެވެ.